ހދ. ކުޅުދުއްފުށިން އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެ ބައްޔަށް އެ ސިޓީން ފައްސިވި މީހުންގެ ޖުމްލަ އަދަދު 50 އިން މައްޗަށް އަރައިފިއެވެ.

އެ ސިޓީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެ ސިޓީން މިއަދު ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ ކުރިން ފައްސިވި މީހުންނާއި ގާތުން އެއްތާވި މީހުންގެ ތެރެއިން ނެގި 18 ސުންކުގެ ތެރެއިން ފައްސިވި ހަތް މީހެކެވެ.

މިއާއެކު އެ ސިޓީން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 51 އަށް އަރާފައެެވެ.

އެ ސިޓިން ފައްސިވި 51 މީހުންގެ ތެރޭގައި ހިމެނެނީ، ފުރަބަންދުން ނެގި ތިން ސުންކަކާއި، ވަކި ތަރުތީބެއް ނެތި ނެގި ތިން ސުންކަކާއި، ފްލޫ ކްލިނިކަށް ދެއްކި އަށް މީހަކާއި، އަދި ފައްސިވި މީހުންނާއި ގާތުން އެއްތާވި 37 މީހެކެވެ.

ކުޅުދުއްފުށިން ފަހުން ކޮވިޑް ފެނިގެން ބަންދުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.

ކޮވިޑާއި ގުޅިގެން މިހާތަނަށް ރާއްޖޭގެ 13 ރަށެއް ވަނީ ބަންދުކޮށްފައެވެ. ބަންދުކޮށްފައިވާ ރަށްތަކުގެ ތެރޭގައި، މިއަދު ބަންދު ކުރި ގއ. ވިލިނގިއްޔާއި، އިއްޔެ ބަންދު ކުރި ދ. ކުޑަހުވަދޫ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު