ހއ. ތަކަންދޫން އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ފްލޫ ކްލިނިކަށް ދެއްކި އަންހެނަކު ކޮވިޑަށް ފައްސިވެގެން މިދިޔަ ހުކުރު ދުވަހު އަރާ ފޭބުން މަނާ ކުރި ތަކަންދޫން ފައްސިވި ހަތަރު މީހުންނަކީ، ކުރިން ފައްސިވި މީހާއާ ގުޅިގެން އިއްޔެ ނެގި 50 ސުންކުގެ ތެރެއިން ފައްސިވި ހަތަރު މީހެކެވެ.

މައުލޫމާތު ލިބޭގޮތުގައި، އެރަށުން ހުކުރު ދުވަހު ފައްސިވި މީހާއަކީ އެއްވެސް ތާކަށް ދަތުރު ކުރި މީހެއް ނޫނެވެ. އޭނާއަށް ބަލި ޖެހެން މެދުވެރިވި ސަބަބު އަދި ދެނެނުގަނެވެއެވެ.

އެރަށު ސިއްހީ މަރުކަޒުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އިއްޔެ ނެގި 46 ސުންކެއް ވަނީ ނައްސިވެފައެވެ. އަދި އެރަށުގައި މިހާރު ކޮވިޑް ޖެހިފައިވާ ފަސް މީހަކު އެބަ ތިއްބެވެ.

ތަކަންދޫގައި ކޮވިޑް ފެތުރެމުންދާއިރު، މިދިޔަ ބޮޑު އީދާއި ގުޅިގެން އެރަށުގައި ހަރަކާތްތަކެއް ކުރިއަށްގެންދިޔައެވެ.