ފޮރިން މިނިސްޓްރީން މާލޭގައި ގާއިމްކޮށްފައިވާ އިނގިރޭސި ވިލާތުގެ ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރުން ވިސާ އެޕްލިކޭޝަންތައް މިއަދު ބަލައިގަންނަން ފަށައިފިއެވެ.

މިނިސްޓްރީން ވިދާޅުވީ، މިއަދުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ގާއިމްކުރެވިފައިވާ ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރުން، ކުރިން އެޕޮއިންޓްމަންޓް ހައްދާފައިވާ ފަރާތްތަކުގެ ޑޮކިއުމަންޓްތައް ބަލައިގަތުމާއި، ބަޔޯމެޓްރިކްސް އެންރޯލްމަންޓް ކުރިއަށްދާނެ ކަމަށެވެ.

ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރެއް އިނގިރޭސި ވިލާތުން ހުޅުވާފައިމިވަނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިންނެވެ.

އިނގިރޭސި ވިލާތަށް ދަތުރުކުރާ ދިވެހިންނަށް، ވަކިން ހާއްސަކޮށް މަތީ ތައުލީމަށް އެގައުމަށް ދަތުރުކުރާ ދަރިވަރުންނަށް ވިސާގެ ކަންތައްތައް ލުއިފަސޭހަ ގޮތެއްގައި ހަމަޖައްސައިދިނުމުގެ ގޮތުންނެވެ.

މިނިސްޓްރީން ވިދާޅުވީ، މި މަސައްކަތަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ކޮންސިއުލާ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ތަރައްގީކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ބައެއް ކަމަަށެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގެ ވިސާ ރާއްޖެއަކުން ނުނެގެއެވެ. އެ ވިސާތައް ނަަން ދާން ޖެހެނީ އިންޑިއާ ނޫނީ ސްރީލަންކާގައި ހުންނަ އެ ގައުމެއްގެ އެމްބަސީއަށެވެ.