ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލާގައި ދައުވާ ކުރަން މިހާތަނަށް ފޮނުވި މީހުނާ މެދު ދައުވާ ކުރުމާ މެދު ގޮތްތަކެއް ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު ވިދާޅުވީ، އެ ކަމުގައި ގޮތްތަކެއް ނިންމި ނަމަވެސް އޭގެ ތަފްސީލްތައް ހާމަ ކުރާނީ މާދަމާ އެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަމަށެވެ. އެ ބައްދަލުވުން އޮތީ މާދަމާ މެންދުރުފަހު 2:00 ޖަހާއިރުއެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރު ހިނގުން މަގާއި މަޖީދީ މަގާ ކަންމައްޗަށްވާ ގޮތަށް ސައިކަލެއް ޕާކްކޮށް އޭގައި ހަރުކޮށްފައިވާ އައިއީޑީ ގޮއްވާލި އެ މައްސަލާގައި މިހާތަނަށް ދައުވާ ކުރަން ފޮނުވީ ފަސް މީހެއްގެ މައްޗަށެވެ.

އެ ފަސް މީހުނަކީ މި މައްސަލާގައި އެންމެ ފުރަތަމަ ހައްޔަރު ކުރި ފަސް މީހުނެވެ. އެއީ ވ. ތިނަދޫ ހިޔާ އަހުމަދު އަދުހަމް ރަޝީދުއާއި، މއ. ފޭރުގެ މުޖާޒް އަހުމަދުއާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދުއާއި، ލ. ގަން ދުންފިނި އުފާ އަހުމަދު ފާތިހާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމެވެ.

އަދުހަމްއަކީ ހަމަލާ ދިނުމަށްޓަކައި، އަތަމާ ޕެލެސް ގޯޅީގައި ހުރެގެން ބޮން ގޮއްވާލި މީހާއެވެ. ތަހުމީނަކީ މި މައްސަލާގައި ހަމަލާދިނުމަށް ބޭނުން ކުރި ސައިކަލުގެ ވެރި ފަރާތެވެ .ހައިޝަމަކީ ބޮން ހަރުކޮށްދިނުމުގައި އުޅުނު މީހާއެވެ.

މުޖާޒްއަކީ ހަމަލާ ދިނުމަށްފަހު އަދުހަމް ފިލައިގެން ދިއުމާއި، ލައިގެން ހުރި އަންނައުނު ބަދަލުކޮށް، މާލެ ތެރޭގައި ފިލައިގެން އުޅުމަށް މަގުފަހިކޮށްދިން މީހާއެވެ. އަދި ފާތިހުއަކީ ހަމަލާ ދިނުމަށްފަހު އަދުހަމް ފިލަން އެހީތެރިވުމަށް، މުޖާޒްގެ ގާތާށް އޭނާ ގެންގޮސް ދިން މީހާއެވެ.

މި ފަސް މީހުންގެ އިތުރުން މި މައްސަލާގައި މިހާތަނަށް 10 މީހަކު ހައްޔަރު ކޮށްފައިވެއެވެ. މީގެ ތެރޭގައި ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތުގައި ވެސް މީހަކު ހައްޔަރު ކުރެވުނެވެ. އެއީ ހއ. ހޯރަފުށީ، އަލަނާސިގޭ މުހައްމަދު ތަސްލީމެވެ.

ދެން ހައްޔަރު ކޮށްފައި ވަނީ ގއ. ވިލިނގިލި ހުދުރުމާގެ ފަހުމީ އަލީ، މ. ކުދުހިގެ އިސްހާގް، އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމް، އަދި ހއ. މޮޅަދޫ ބަހާރުގެ އަބްދުﷲ އަލިމަނިކެވެެ.

ނަޝީދުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑިކޭއިން ހަފުތާއެއްހާ ދުވަހު ފަރުވާ ހޯއްދެވިއެވެ. ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން ވެސް ދޮޅު މަހެއްހާ ދުވަހު ފަރުވާ ހޯއްދެވިއެވެ. މިހާރު އެމަނިކުފާނު ހުންނެވީ އިނގިރޭސި ވިލާތުގައެވެ. އެއީ ވެސް އިތުރު ފަރުވާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިބްރާހިމް

    ބޮން ގޮއްވި މީހުންނާއިއެކުވެސް، އެކަމުގެ ފަހަތުގައިހުރީ ރ ޔާމީންކަމަށް ޝަރީޢަތުގައި ހެކިދިނުމުގެ އެއްބަސްވުމެއްހަދައި އެމީހުން ދޫކޮށްލުމަކީ މި ސަރުކާރުން ކޮށްފާނެކަމެކެވެ.

  2. ކޮވިޑް

    ކިހާ ބޮޑު ވަބާ އެއް މީ؟ އަޅެ މި ޤައު މުގާ ބޮމުގެ ހަމަލާ އެއް ދިނީ މީ ފުރަތަމަ ފަހަރު ތަ؟ ކީއްވެބާ ޕީޖީ ކުރިން ހިންގާ ފައިވާ ބޮމުގެ ހަމަލާ ތައް އަލުން ބަލަން ނުކެރިގެން ތި އުޅެނީ؟ މޮޔަ ފުޅު ވެގެންތޯ ޕީޖީ ތި އުޅުއްވަނީ ( ގާސިމް ގެ ބަސް މަގުން ނަމަ )

  3. ދިވެހި ރައްޔިތު

    ހޫނ.. ތިއީ ވަރަށް ބޮޑު މެގަ ޕްރޮޖެކްޓެއް