ސަރުކާރު ކޯލިޝަންގެ މައި ޕާޓީ ކަމުގައިވާ އެމްޑީީޕީގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ކުރާ މަސައްކަތަކީ ވަރަށް "ހަޑި" އަމަލުތަކެއްގެ ގޮތުގައި އެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސިފަ ކުރައްވައިފިއެވެ.

ސިޔާސީ މަސައްކަތުގައި ރައީސް ސޯލިހުއާ އެކު ދެމި ނުހުންނެވޭނެ ކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދާދި ފަހަކުން ވިދާޅުވެފައެވެ. އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއެކު އިއްތިހާދުވާ ވާހަކަތަކެއް ވެސް ނަޝީދު ދައްކަވާފައިވެއެވެ. އެ ވާހަކަތައް ނަޝީދު ވިދާޅުވުމާ އެކު، ނަޝީދަށް ތާއީދު ކުރައްވާ ބައެއް މެމްބަރުން ވަނީ ރައީސް ސޯލިހަށް ފާޑު ވިދާޅުވެފައެވެ.

އަދި އެމްޑީޕީގެ މެމްބަރަކު ވަނީ ރައީސް ސޯލިހްގެ އިސްތިއުފާ އަށް ވެސް ގޮވާލައްވައިފައެވެ. މިއީ ރައީސް ސޯލިހާ ނަޝީދާ ދެމެދު މިހާ ބޮޑު ހިޔާލު ތަފާތުވުންތަކެއް އުފެދުނު ފުރަތަމަ ފަހަރެވެ. މީގެކުރިން ވެސް ރައީސް ސޯލިހާއި ނަޝީދާ ދެމެދު ހިޔާލު ތަފާތުވުން އޮތެވެ.

ނަޝީދުގެ އެ ނިންމެވުމާއެކު އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ބައިބައިވުން ވަނީ އުފެދިފައެވެ. އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި ވަނީ ދެ ފެކްޝަނެއް ވެސް އުފެދިފައެވެ. އެއީ ރައީސް ސޯލިހްގެ ފެކްޝަނާއި ނަޝީދުގެ ފެކްޝަނެވެ.

ކޯލިޝަން ލީޑަރެއްގެ ހައިސިއްޔަތުން އެކަމާ މެދު ދެކިވަޑައިގަންނަވާ ގޮތަކާ މެދު "ވަގުތު" އިން ސުވާލު ކުރުމުން ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ގާސިމް ވިދާޅުވީ ރައީސްގެ މަސައްކަތްތަކަށް ހުރަސް އަޅަން އެމްޑިޕީގެ ތެރެއިން ކުރަނީ ބަލައިނުގަނެވޭނެ ކަމެއް ކަމަށެވެ.

"ރައީސް އަށް ޖެއްސުންކުރަން އެމްޑީޕީގެ ތެރެއިން ކުރަނީ ހަޑި މުޑުދާރު އަމަލެއް" ރައްޔިތުންގެ މަޖިލީހުގައި މާމިގިލި ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ގާސިމް ވިދާޅުވިއެވެ.

މި ވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ނަޝީދު ވަނީ ދާދި ފަހުން އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައެވެ. އެއީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން ރައީސް ސޯލިހުއަށް ހުށަހެޅުއްވުމަށެވެ.

ގަރާރު ފާސްކުރަން ވޯޓުދިނީ "ނަޝީދު ފެކްޝަން" ގެ މެންބަރުން އެކަންޏެވެ. އެ ބައްދަލުވުމުގައި "ރައީސް ފެކްޝަން" އެއްވެސް ބޭފުޅަކު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އެ ގަރާރާ ގުޅޭ ގޮތުންވެސް ރައީސް އަދި މިހާތަނަށް އެއްޗެއް ވިދާޅެއް ނުވެއެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު، ނަޝީދު ބޭނުންފުޅުވާ ގޮތަށް މަޖިލީހުގެ ތެރެއިންނާއި ސަރުކާރުގެ ތެރެއިން ބައެއް ކަންކަން ހަމަނުޖެހި ދިއުމުން އެމަނިކުފާނު ގެންދަވަނީ އެ ކަންކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވަމުންނެވެ.

ނަޝީދު އެންމެ ބޮޑަށް ބޭނުންފުޅުވި ކަމަކީ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން "ލާދީނީ ގޮވުން" ޖިނާއީ ކުށަކަށް ހަދަން ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ފާސް ކުރާށެވެ. އެކަމަކު އެމްޑީޕީގައި އެއާ މެދު އޮތް ޚިޔާލު ތަފާތުވުންތަކާއެކު އިތުރަށް ދިރާސާ ކުރަން ފޮނުވަން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ އަޣުލަބިއްޔަތުން ފާސްކުރީއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ެައަލީ

    ޕާރޓީތަކުގެ ތެރޭގައި ޕަވަރ ސްޓްރަގަލްތައް ކުރިއަށް ދިއުމަކީ ވަރަށް ރަގަޅުކަމެއް. އެކަން އަބަދުމެ އޮންނަންވާނެ. އާދެ އާދެ ހާދަ މޮޅުވުޅޭ ދަންނަވާ ގަބުޅި ވިސްނުމުގައި ޤާސިމުގެ ވިސްނުން ހުރުމަކީ ހައިރާންވާންވީކަމެއް ނޫން. އެކަމަކު އެއީ ކަމުދާ ވިސްނުމެއް ނޫން. ހުރިހާ ޕާޓީއެއްގައި ވެސް ބަހުސްތައް ކުރެވި ވާހަކަތައް ދެކެވި ހިޔާލުތައް ތަފާތުވެ ކޯޅުން ތައް އޮތުމަކީ ވަރަށް ހެލްދީ ކަމެއް. އޭރުން ވެރިޔަކަށް ހުންނަ މީހާ ވެސް ހިތައް އެރި ގޮތަކަށް އުޅުމުގެ ބަދަލުގައި އޭނާގެ ވަގުތުތައް ވައްކަންތައް ރޭވުމުގެ ބަދަލުގައި ޕަވަރ ހޯދާ ކޮންސޮލިޑޭޓް ކުރުމުގައި ހޭދަކުރާނެ.

    4
    1
  2. އަހުމަދު

    ބަަލަ ގާސިމޫ ރައީސް މަައުމޫން ޔާމިނާ ދެކޮޅަށް ޕާރޓީ ތެރެއިން ތެދުވީމާ ކަލެއަށް ހަޑިއެއް ނޫން ދޯ ހެހެ ނޫނޭވާ މިހާރު ވެސް ކަލެއަށް ދީފައި ހުރި ބިންތަކާއި ގަވާއިދާ ޚިލާފަށް ރަށްަތަށް ނަހަދާ އޮވެގެން އަތުލަ ބަލަ ފުއްމައިގެން ތެދުވެ އިބޫ ވެރިކަމުން ބާލަން އަންނިއާއި އެކު އަތުގުޅާނެ ހުޅުމާލޭ ބިންތަކާއި ކާޑެއްދޫ އެއަރ ޕޯރޓް ހިތައް އަރުވާލަ ބަލަ ޔާމިން ގޯސްވީ ކަލޭ ދައްކަން އޮތް ޓެކްސް ފައިސާ ގެ މައްސަލާގައި މިހާރު ވެސް ކަލޭގެ ދަރަނި އެބައޮތް މިސަރުކާރުން ޓެކްސް އޮފީސް މީރާ އަށް ލާފައި ހުރިމީހެކޭ ނިދާ މަރުވެފައި ހުރި މީހެކޭ އެއްގޮތް އޭނާ އަށް އެނގެނީ ކުދި ވިޔަފާރިތައް ޖޫރިމަނާ ކުރަން... ބޮޑު ވިޔަފާރި ވެރިއެއްގެ އަޑު އިވޭތަ

    15
  3. ފިޔަވަޅު

    ރޔ އާ ދެކޮޅަށް ޕޕއމ ތެރެއިން މީހުން ނިކުތީމަ މިމީހުން ވަރަށް ހެވިފަ ތިބީ .
    12 މމބރނ ކިޔާލަ ކިޔާލަ

  4. ބޯގޯސް

    ޔާމީން ވެރިކަމުން ވަޢްޓާލަން ކަލޭމެން ކުރީ އެންމެ ރީތި ކަންތަ އް ލަދުހަޔާތްވެސް ނުގަންނަ އއެއ އްޗެ އް ތިޔަ އީ

  5. އަލްޖިބްރާ

    އޭ ! ބުރުމާ ޤާސިމާ ! ނަޝީދުގެ ވެރިކަން ވައްޓާލަން ބަޣާވާތް ކުރުމަކީ ހަޑިކަމަކަށް ނުވަނީތަ ؟ އެ ބަޣާވާތް ކުރުމުގެ އެންމެ ކުރީގައި ހުރިއެކަކީ ކަލޭ !

    7
    1
  6. ލައުރާ

    ރައްޔިތުނާއި ދެކޮޅަށް ހިބަރު ކޯލިޝަނުން ކުރާކަތަ ރަނގަޅުތަ ދި ވެހިޤއުމާ ދީނަށް ފުރައްސާރަކޮށް ދީނާ ދެކޮޅަށް ފާޑު ފާޑުގެ ލާދީނީ ރިޕޯޓުތައް ނެރުމަކީ ރަނގަޅުކަމެއްތަ ހން ވެސް މައިތި ވެގެން ހުރެ ވޭތޯ ބަލާބަލަ!