ފްރޮންޓްލައިންގައި މަސައްކަތްކުރާ ފުލުހުންގެ ޔުނީފޯމުގައި ހަރުކުރާ 1،400 ކެމެރާ ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލަން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީ ކުރި އިއުލާނެއްގައި ބުނީ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު، ޝަރުތު ހަމަވާ ފަރާތްތަކަށް މާދަމާ އިން ފެށިގެން ހުޅުވާލާނެ ކަމަށެވެ. ޝަރުތު ހަމަވާ ފަރާތެއް ކަނޑައެޅުމުގައި އަމަލުކުރާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުގެ މަތިންނެވެ.

އިއުލާނުގައިވާ ގޮތުން މި ބީލަމުގައި ބައިވެރިވާން 1،500 ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ. އަދި މި ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 390،000ރ. ވެސް ހުށަހަޅަން ޖެހެއެވެ.

ފައިސާ ބަލައިގަންނަނީ އޮގަސްޓު އެކަކުން 26 އަށް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ މެދުވެރި ކޮށެވެ.

އެ މަޝްރޫއުގެ ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 31 ވާ އަންގާރަ ދުވަހުގެ 13:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގައެވެ.

ފުލުހުންނަށް ބޮޑީ ވޯން ކެމެރާ ހޯދައިދޭން ފިނޭންސް މިނިސްޓްރީގައި އެދިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިދިޔަ ޖޫން މަހު ވަނީ ވިދާޅުވެފައެވެ.

ބޮޑީ ވޯން ކެމެރާގެ ބޭނުންކުރުމުގެ ކުރިން އަޖުމަ ބެލުމުގެ ގޮތުން މިދިޔަ އަހަރު ކުރީ ކޮޅުގައި ޓްރައަލް ހަރަކާތެއް ވެސް ފުލުހުން ކުރިއަށް ގެންދިޔައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަވަނަ

    ކިތަންމެވަރަކަށް ކެމެރާ ހަރުކުރިޔަސް 2023 ގައި މިގައުމުގެތަރަށްގީގެ ބާނީ ވެރިކަން ކާމިޔާބު ކުރާނެ އިންޝާ ﷲ.....