ރާއްޖޭގެ ތަފާސްހިސާބުތަކުގެ ގާނޫނުގައިވާ ގޮތުގެ މަތީން އައްޔަން ކުރަން ޖެހޭ ތަފާސް ހިސާބު އިދާރާގެ ވެރިޔާ ނުވަތަ ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވާފައިވާ އެ ގާނޫނުގެ ދަށުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ނަމުގައި މިނިވަން މުއައްސަސާއެއް އުފައްދަން ޖެހެއެވެ.

ގާނޫނުގައިވާ ގޮތުން، އެ ބިއުރޯގެ އެންމެ އިސް ފަރާތަކީ ޗީފް ސްޓެޓީޝަންއެވެ. އެއީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ ވަކި ގާނޫނީ ޝަހުސެއް ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެއެވެ.

ރައީސް އޮފީހުން ކުރި އިއުލާނެއްގައި ވަނީ އެ މަގާމަށް ކުރިމަތިލާން ހުށަހަޅަން ޖެހޭ ލިޔެކިއުންތައް ބަލައިގަންނާނީ މި މަހުގެ 10 އަދި 11 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރުފަހު 12:30 އަށް ކަމަށެވެ. އަދި އެ ލިޔެކިއުންތައް ރައީސް އޮފީހުގެ ވެބްސައިޓް ޑައުންލޯންޑް ކުރެވޭނެއެވެ.

މި މަގާމުގެ މުސާރައާ ބެހޭ އެއްވެސް ތަފްސީލެއް އިއުލާނުގައި ނެތެވެ.

މި ގޮތުން ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، އަދި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަން ޖެހޭ ފޯމެއް ހުށަހަޅަން ޖެހެއެވެ.

މި މަގާމަށް ކުރިމަތިލެވޭނީ އުމުރުން 35 އަހަރު ފުރިފައިވާ ދިވެހިންނަށެވެ. މި މަގާމަށް ކުރިމަތިލާ މީހާ ސިޔާސީ ޕާޓީއެއްގެ މެންބަރު ކަމުގައި ހުރެގެން ނުވާނެއެވެ. އަދި އިންތިޚާބީ ނުވަތަ ސިޔާސީ މަގާމެއްގައި ހުރެގެން ނުވާއިރު، ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާ ނުކުރުމަކީ ވެސް މަގާމުގެ ޝަރުތެކެވެ.

ތަފާސްހިސާބު ނުވަތަ އިކޮނޮމިކްސް ނުވަތަ ޑެމޮގްރަފީ ނުވަތަ ހިސާބު ޢިލްމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއާ އެއް ފެންވަރުގެ ސަނަދެއް ސަރުކާރު ޤަބޫލުކުރާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހާސިލް ކޮށްފައި ހުންނަން ޖެހޭނެއެވެ. އަދި އެ ދާއިރާގެ ތަޖުރިބާ ހުންނަން ޖެހޭނެއެވެ.

އިސްލާމް ދީނުގައި ހައްދެއް ކަނޑައަޅާފައި ކުށެއް ކުރި ކަމަށް ޝަރީއަތުގައި ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ. އޭގެ ތެރޭގައި ރިޝްވަތާއި ހިޔާނާތުގެ ކުށް ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހައްމަދު

    ރާއްޖޭގައި ތަފާސްހިސާބު އެއްކޮށް ބެލެހެއްޓުމުގެ މަސައްކަތް ވަރަށް ގިނަދުވަހު ކުރެއްވި އެއްބޭފުޅަކީ ފުއާދު ތައުފީގް. ތި މަގާމަށް ވަރަށް ގާބިލް ބޭފުޅަކަށް ވާނެކަމަށް ފެންނަނީ.

  2. ފަރާ

    ފުއާދު ތައުފީގް ވެސް އެއީ ވަރަށް ރަގަޅު ބޭފުޅެއް. ނަމަވެސް ތިކަމާއިބެހޭ ތަމްރީން ވަރަށް ރަގަޅަށް ލިބި ވަޑައިގެންފައިވާ ބޭފުޅެއް ޝަހުދާ އަކީ. ތިމަޤާމަށް އެންމެ އެކަށީގެންވަނީ އެބޭފުޅާ.