ރާއްޖެ އިން މިއަދު އިތުރު 86 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. މިއަދަކީ ޖުލައި މަހުގެ 24 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މިއަދު ދަށަށް ގޮސްފައި މިވަނީ ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100 އިން މަތީގައި ހުންނަތާ ހަދުވަހު ހުރުމަށް ފަހުއެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މަދުވީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު ފައްސިވި މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް މަދުވުމުންނެވެ. މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފައްސިވީ 37 މީހުންނެވެ. މިއަދަކީ ޖުލައި މަހުގެ 18 ވަނަ ދުވަހަށް ފަހު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

ނަމަވެސް މާލެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މިއަދު އިތުރެވެ. މިއަދު މާލެ އިން 31 މީހުން ކޮވިޑަށް ފައްސިވިއެވެ. މިއަދަކީ ޖުލައި މަހުގެ 21 ވަނަ ދުވަހަށް ފަހު މާލެ އިން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު ރިސޯޓްތަކުން އިތުރު 18 މީހަކު ކޮވިޑަށް ފައްސިވިއެވެ.

މިއަދު 5653 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވެފައި ވަނީ %1.52 މީހުންނެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދު 170 މީހުން ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ.

މިހާރު ކޮވިޑް ޖެހިފައި ތިބީ 2472 މީހުންނަށެވެ. މިއަދަކީ ކޮވިޑް ޖެހިފައި ތިބިމީހުންގެ އަދަދު ނުވަތަ އެކްޓިވް ކޭސްގެ އަދަދު ޖުލައި މަހުގެ 19 ވަނަ ދުވަހަށް ފަހު އެންމެ ދަށަށް ދިޔަ ދުވަހެވެ. ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން 19 މީހަކަށް މިހާރު ހޮސްޕިޓަލްގައި ފަރުވާ ދެމުން އެބަގެންދެއެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު އަތޮޅުތެރެއިން ވަރަށް ބޮޑަށް މަދުވިއިރު އީދު ބަންދުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކާއި ގުޅިގެން ގިނަ ރަށްތަކެއްގައި ވަރަށް ބޮޑަށް ކޮވިޑް ފެތުރިފައި އޮވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. ނަމަވެސް އަދި އެފަދަ ކަމެއް ފާހަގައެއް ނުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު