ތިން ކޯހެއް ހިންގަން، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ތިން ފަރާތަކާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އެ ކޯސްތަކަކީ ކޮވިޑް-19 ގެ ހާލަތުން ރާއްޖެ އަރައިގަނެ، އިގްތިސާދު އަލުން ނެގެހެއްޓުމަށް ޒުވާނުންނަށް ހާއްސަކޮށްގެން ހިންގާ "ސްކިލްސް ފޯ އަ ރެޒީލިއެންޓް ވޯކްފޯސް"ގައި ހިމަނައިގެން ހިންގުމަށް ހަމަޖެހިފައިވާ ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ ތިން ޕްރޮގްރާމެކެވެ.

ކޯސްތައް ހިންގުމަށް ހަވާލުކޮށްފައިވަނީ ސައިރެކްސް ކޮލެޖާއި، ވިލާ ކޮލްޖާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލްޖީއާއެެވެ.

އެއްބަސްވުމުގެ ފަހުމުނާމައިގައި ސޮއި ކުރުމުގެ ރަސްމިއްޔާތު އިއްޔެ ވަނީ މިނިސްޓްރީގައި ބާއްވާފައެވެ. ފަހުމުނާމާތައް އެތަންތަނާ ހަވާލުކޮށް ދެއްވީ މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއެވެ.

ހަވާލުކުރެވުނު ތިން ކޯހަކީ:

  • ނޭޝަނަލް ސެޓިފިކެޓް ތްރީއިން ޕްރޮގްރާމިން
  • ނޭޝަނަލް ސެޓްފިކެޓް ތްރީ އިން އައިޓީ ޓެކްނިޝަން
  • ނޭޝަނަލް ސެޓްފިކެޓް ތްރީ އިން ސިވަރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނަންސް

މިނިސްޓްރީން ވިދާޅުވީ، މި ތިން ޕްރޮގްރާމްގައި ޖުމުލަ 145 ދަރިވަރުން ތަމްރީނުވެގެން ވަޒީފާގެ ބާޒާރަށް ނުކުތުމަށް ތައްޔާރުކުރެވިގެން ދާނެ ކަމަށެވެ. މީގެ ކުރިން އެކިއެކި ފަރާތްތަކާ ހިންގަން ޙަވާލުކުރެވިފައިވާ ޕްރޮގްރާމް މިހާރުވެސް ކުރިޔަށް އެބަދެއެވެ. އެ ޕްރްގްރާމްތަކުން 460 ޒުވާނުން ތަމްރީންވާނެއެވެ.

އަމާޒުކުރެވިފައި ވަނީ އެކިއެކި ޕްރޮގަރާމްތަކުން ފަންނީ ހުނަރުވެރި މަސައްކަތްތެރި ކަމުގެ އެކިދާއިރާތަކުން 1200 ޒުވާނުން ތަމްރީނު ކުރުމަށް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެއީ ޓުއަރިޒަމް ދާއިރާއިން 600 އާއި އައިސީޓީ ދާއިރާއިން 200 ޒުވާނުން އަދި ޓުއަރިޒަމް ދާއިރާއާއި ގުޅުންހުރި އިމާރާތް ކުރުމުގެ ދާއިރާއިން 400 ޒުވާނުނެވެ. ތަމްރީނު ލިބިގަންނަ ޒުވާނުންގެ 33 އިންސައްތައަކީ އަންހެނުންކަމުގައި ހެދުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.

"ސްކިލްސް ފޯ އަ ރެޒީލިއެންޓް ވޯރކްފޯސް" އަކީ ސަރުކާރުގެ އިސްނެންގެވުމުގެ މަތީން، ކޮވިޑުގެ ހާލަތުން ރާއްޖެ އަރައިގަނެ، އިގްތިސާދީ ހަރަކާތްތައް އަލުން ފެށިގެންދާއިރު އެކި ސިނާއަތްތަކަށް ބޭނުންވާ ދިވެހީން ތަމްރީނުކުރުމަށް ފަށާފައިވާ ހާއްސަ ޕްރޮގްރާމެކެވެ.

ޕްރޮގްރާމުގެ ތެރެއިން އެކިއެކި ވަޒީފާއަށް ބޭނުންވާ ހުނަރު ތަކާއި އެކު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއް ފެށުމަށް ބޭނުންވާ މުހިންމު ބައިތައް އުނގެނި، ހުނަރުވެރި، ގާބިލް، އުފެންދުންތެރި، އަދި ޒިންމާދާރު ދިވެހި ރައްޔިތަކަށް ވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ލިބެމުންދާނެ ކަމަށް މިނިސްޓްރީން ދެކެއެވެ.