ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އަށް ދައުލަތުން ބަދަލު ދޭން ޖެހުނު މައްސަލައާ ގުޅިގެން ޑރ. މހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި މުއިއްޒު ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ ފުރުސަތެއް ދިނުމަށް ފަހު އަޑުއެހުން ނިންމާލައިފިއެވެ.

ނޫމަޑިއާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން އުވާލިއިރު މުއިއްޒަކީ އޭރު ހައުސިން މިނިސްޓަރެވެ.

މި ދައުވާ މުއިއްޒުގެ މައްޗަށް އުފުލީ ނޫމަޑިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ، އޭނާ ދޮގު ހެކި ބަސްދީ ބަޔާން ދީފައިވާ ކަމަށް ބުނެއެވެ.

މިހާރު މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނެވި މުއިއްޒުގެ މައްޗަށް ހިނގާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި މުއިއްޒު ވަކީލަކާ ނުލައި ހަޒީރުވެވަޑައިގެންނެވި ނަމަވެސް ވަކީލަކާއެކު ޝަރީއަތް ފަށަން އޭނާ އެދިވަޑައިގެންނެވިއެވެ.

މައްސަލަ ބައްލަވާ ގާޒީ ސޮފްއަތު ހަބީބް ވިދާޅުވީ ޖަވާބުދާރީވުމަށް އިބްތިދާއީ މަރުހަލާގައި އޮންނަ ބައި ފެށުމުގެ ކުރިން ވަކީލަކު ނެތި ވެސް ކުރިއަށް ގެންދިއުމަކީ އާންމުކޮށް އަމަލު ކުރާ އުސޫލެއް ކަމަށެވެ. އެހެންވެ އެ ގޮތަށް ކުރިއަށްދާން މުއިއްޒުގެ މައްސަލައެއް އޮތްތޯ ސުވާލު ކުރެއްވިއެވެ.

އޭގެ ޖަވާބުގައި މުއިއްޒު ވިދާޅުވީ އޭނައަށް އެއްވެސް އެއްޗެއް މި ޝަރީއަތާ ގުޅޭ ގޮތުން ދަންނަވަން ފަސޭހަވާނީ ވަކީލަކާ އެކުގައި ކަމަށް ވާތީވެ އެ ފުރުސަތު ދެއްވަން އެދިވަޑައިގަންނަވާ ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ ސޮފްއަތު ދެން ވަނީ އެކަމުގައި ދައުލަތުގެ އެއްވެސް އިއުތިރާޒެއް އޮތްތޯ އައްސަވައިފައެވެ. ދައުލަތުގެ ވަކީލް އަހުމަދު ނައުޝާދު ވެސް ވަނީ ވަކީލަކު އައްޔަން ކުރުމަށް މުއިއްޒަށް ފުރުސަތު ދިނުމުގައި ދައުލަތުގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ވަކީލަކު ހަމަޖައްސަން ގާނޫނުގައި ބުނެފައިވާ އެންމެ ދިގު މުއްދަތެއް ދޭން މުއިއްޒު އެދިވަޑައިގަތުމުން ގާޒީ ވަނީ ގާނޫނުގައި އޮންނަ ގޮތުގެ މަތިން 10 ދުވަހުގެ މުއްދަތެއް ދެއްވައިފައެވެ. އަދި މައްސަލައިގެ އަޑުއެހުން މިއަދަށް ނިންމާލައިފައެވެ.

މުއިއްޒުގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމާފައިވަނީ ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް މުއިއްޒު ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފައިވަނިކޮށެވެ. އެއީ ޖޫން 25، 2019 ގައެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް މުއިއްޒުގެ މައްޗަށް ކުރާ ދައުވާގައި ވަނީ ނޫމަޑިއާއެކު 2011 ގައި ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމާއި 2013 ގައި އެކުލަވާލި އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ލަސްތަކެއް ނުވެ ކުރަމުން ގެންދަނިކޮށް ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިނުވާ ކަމަށް ބުނެ ދޮގު ބަޔާނެއް ދީފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މުއިއްޒު ވަނީ ފުލުހަށް ވެސް މީގެ ކުރިން ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވެސް އޭނާ ހާޒިރުކޮށް ސުވާލު ކުރުމުން މާ ތަފްސީލާ ޖަވާބެއް ދެއްވާފައި ނެތުމުން މަޖިލީހަށް ވެސް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ ފުލުހުންނަށް އެ މައްސަލަ ތަހުގީގު ކުރަން ފޮނުވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަން ރީނދޫ

    އަބަދުވެސް ޑިކްޓޭޓަރުން ވޯޓުން ބަލިވެއްޖެނަމަ،ހަޖަމްކުރަން ދަތިވެ، ހޮވުނު މީހާ އަނދަގޮނޑި ޖެހޭތޯބަލާނެ.

    14
  2. ހަސަނު

    ބޮލުރޮދި ކެނޑިފަ އޮތްސަރުކާރަކުން ކުރާނެހާކަމެއްމިކުރަނީ. މިމީހުނަށްއެނގެނީ ދައުވާކުރަން. ތިޔަޕްރޮސިކިއުޓަރ އަށް އެނގޭހާވެސްކަމަކީ ދަށުގަތިބޭމުއައްޒަފުންލައްވާ ގަދަކަމުން ނުރުހުމުގަ ކަންތައްކުރުވުން. ތިގޮތުގައި ތިބެވޭނީ ކިހާދުވަހަކުތޯ ބަލަން މަމެންމިތިބީ..

    13
    1