ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން ކަމުގެ ކުށަށް އިއުތިރާފްވެ ދައުލަތާއެކު އެއްބަސްވުމަކަށް ދާން ހުށަހެޅީ އަދުހަމް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

ވ. ތިނަދޫ ހިޔާ އަހުމަދު އަދުހަމް ރަޝީދުއަކީ ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެވަޑައިގެން އެމަނިކުފާނުގެ ކާރުކޮޅާ ހަމައަށް ވަޑައިގެންނެވި ވަގުތުގައި އެތަމާ ޕެލެސް ކައިރީ ހުރި މީހާއެވެ. ނަޝީދަށް ހަމަލާ ދިނީ އަދުހަމްގެ އަތުގައި އޮތް ރިމޯޓެއް އޭނާ ބޭނުންކޮށްގެން އެ ބޮން ގޮއްވާލައިގެނެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ އޭނާއެކު އެއްބަސްވެފައި ވަނީ، ދައުވާ ކުރަން ނިންމި ތިން ދައުވާއިން އެއް ދައުވާ އުނިކޮށް އަދަބު ލުއިކޮށްދިނުމަށް ކަމަށެވެ.

އަދުހަމްގެ މައްޗަށް މިހާރު އުފުލަން ޕީޖީން ނިންމާފައިވަނީ ނިރުބަވެރި ހަމަލާއެއް ދިން ކަމުގެ ކުށުގެ ދައުވާއާއި ނިރުބަވެރި ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާއެވެ.

ނިރުބަވެރި ހަމަލާއެއް ދިން ކުށުގެ ދައުވާގެ އަދަބަކީ 20 އަހަރުގެ ކުށުގެ އަދަބެއް ކަމާއި ޖަމާއަތަށް ތާއީދު ކުރުމުގެ ކުށުގެ އަދަބީ ތިން އަހަރު ކަމުން، ޖުމުލަ 23 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށް އަދުހަމާއެކު އެއްބަސްވެވިފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުނިކުރީ ނިރުބަވެރި ހަމަލާއެއް ރޭވުމުގެ ކުށުގެ ދައުވާ، އެ ދައުވާގެ އަބަދު ނުލިބޭ ގޮތަށް ލުއި ދޭން އަޅުގަނޑުމެން އެއްބަސްވުމަކަށް އައިސްފައި ވަނީ،" ޝަމީމް ވިދާޅުވިއެވެ.

އަދުހަމްގެ އިތުރުން، މއ. ފޭރުގެ މުޖާޒް އަހުމަދުއާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދުއާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ މައްޗަށް ދައުވާ ކުރަން ވެސް ޕީޖީން ނިންމާފައިވެއެވެ. އެއީ އެއިން ކޮންމެ ބޭފުޅަކަށް ވެސް 40 އަހަރަށް ވުރެ ދިގު ޖަލު ހުކުމް އަންނަ ގޮތަށެވެ.

ލ. ގަން ދުންފިނި އުފާ އަހުމަދު ފާތިހްގެ މައްޗަށް އަދި ދައުވާ ނުކުރަން ޕީޖީން ނިންމިއެވެ. އެއީ ފުލުހުންގެ އިންޓެލިޖެންސްގައި ވަޒީފާ އަދާ ކުރި މީހެއް ވެސް މެއެވެ. ދައުވާ ކުރުމަށް އިތުރު ކަންކަން ފުލުހުންނާއެކު ބަލަމުންދާނެ ކަމަށް ޕީޖީ ވިދާޅުވެއެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރު ހިނގުން މަގާއި މަޖީދީ މަގާ ކަންމައްޗަށްވާ ގޮތަށް ސައިކަލެއް ޕާކްކޮށް އޭގައި ހަރުކޮށްފައިވާ އައިއީޑީ ގޮއްވާލި އެ މައްސަލާގައި މިހާތަނަށް 10 މީހަކު ހައްޔަރު ކޮށްފައިވެއެވެ.

މީގެ ތެރޭގައި ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތުގައި ވެސް މީހަކު ހައްޔަރު ކުރެވުނެވެ. އެއީ ހއ. ހޯރަފުށީ، އަލަނާސިގޭ މުހައްމަދު ތަސްލީމެވެ.

ދެން ހައްޔަރު ކޮށްފައި ވަނީ ގއ. ވިލިނގިލި ހުދުރުމާގެ ފަހުމީ އަލީ، މ. ކުދުހިގެ އިސްހާގް، އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމް، އަދި ހއ. މޮޅަދޫ ބަހާރުގެ އަބްދުﷲ އަލިމަނިކެވެެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުދުމާ

    މީއަޖާއިބެއްކަހަލަ މީހެއް. ޤަނޫނަށްވުރެންމަތީގައުލޭމީހެއްތަމީ. ޟިނަބޭނުންމީހަކަށް އަދަބުކުޑަކޮށް ބޭނުންމީހަކަށް މަތިމައްޗަށް ދައުވަކޮށް ހަދެނީ ކޮންތާކުއޮތްޤާނޫނަކުންބާ. އަޖައިބުހީވޭ މިނަޔާހެދި.