ހައެއް މެއިގައި ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނިރުބެރިވެރި ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ބަޔާނެއް އަދި ލިބިވަޑަައިގެންފަައި ނުވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ބަހެއް މިހާތަނަށް ލިބިފައިވޭތޯ ނޫސްވެރިއެއް ސުވާލުކުރުމުން، މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވަނީ ހަމަލާއާއި ގުޅޭ ގޮތުން ރައީސް ނަޝީދުގެ ބަސްފުޅެއް އަދި މިހާތަނަށް ލިބިވަޑައިގެންފަައި ނުވާކަން ފާހަގަކުރައްވާފައެވެ.

ޝަމީމް ވިދާޅުވީ ރައީސް ނަޝީދުގެ ބަޔާނެއް މިހާތަނަށް ތަހުގީގީ އިދާރާތަކަށްވެސް ލިބިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ވަރަށް އަވަހަށް އެމަނިކުފާނުގެ ފަރާތްޕުޅުން ބަޔާނެއް ލިބިވަޑައިގަންނަވާނެ ކަމުގައި އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ވަަރަށް މުހިންމު ރައީސް ނަޝީދުގެ ބަޔާނެއް އޮތުން. ނެތުމަށްވުރެ އޮތުން މާބޮޑަށްވެސް މުހިންމު." ޕީޖީ ޝަމީމް މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ ބައެއް މައުލޫމާތުތައް އިތުރަށް ޔަގީން ކުރުމުގެ ގޮތުން ރައީސް ނަޝީދުގެ ބަޔާނެއް ބޭނުންވާކަމަށް ފުލުހުންވެސް ވިދާޅުވެއެވެ.

އެގޮތުން އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދެވިއިރުވެސް ނަޝީދުގެ ފަރާތްޕުޅުން މައުލޫމާތު ހޯއްދެވުމަށް މަސައްކަތް ކުރެއްވި ނަމަވެސް އެ ވަގުތު އެކަމަށް އިއުތިރާޒު ކުރެއްވި ކަމަށް އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒު ވިދާޅުވެއެވެ.

ރައީސް ނަޝީދުގެ ބަޔާނެެއް ހޯދަން ތަހުގީގީ އިދާރާތަކުން އެދުމުން އެމަނިކުފާނު ވަނީ މީގެ ކުރީން ޓްވީޓެއް ކުރައްވާ ރައްދު ދެއްވާފައެވެ. އެ ޓްވީޓްގައި ވިދާޅުވީ އެމަނިކުފާނުގެ ބަހަކަށްވެސް ބަޔާނަކަށްވެސް ދައްކަން އޮތީ އެމަނިކުފާނުގެ ޖާނާއި، ހިތް އަދި މޭ ކަމަށެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެ ޓްވީޓްކުރައްވާފައި ވަނީ ފުލުހުންގެ އެންމެ އިސްވެރިއަކަށް ހުންނެވި ސީޕީ މުހައްމަދު ހަމީދު ޓެގްކުރައްވައެވެ.

https://twitter.com/mohamednasheed/status/1419237397439553540?s=21

އެމަނިކުފާނުގެ ބަހަކަށްވެސް އަދި ބަޔާނަކަށްވެސް ފުލުހުންނަށް ދެވޭނީ ލިބިފައިވާ ޒަހަމްތައް ކަމަށް އެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް "ހިތާއި މޭ ހިބައިން ލިޔެދިނުމުންވެސް" އިންސާފް ނުލިބުން ކަމަށް ބުނެ މަޖާޒީ ރާގަކަށް އެމަނިކުފާނު ވަނީ ހަރުބަހަކުން ސީޕީ ހަމީދަށާއި ފުލުހުންގެ އިދާރާއަށް ފާޑުވިދާޅުވެފައެވެ.

ނަޝީދު އަވަހާރަކޮށްލުމުގެ ތައްޔާރީތައް ވަމުން އައީ 2019 ވަނަ އަހަރުން ފެށިގެންނެވެ. އަދި 2020 ވަނަ އަހަރުގެ ފަހުކޮޅު އެކަމުގެ އަމަލީ މަސައްކަތް ފެށިކަން ފުލުހުންގެ ތަހުގީގުން ހާމަވެއެވެ.