މިއަދު ރާއްޖެ އިން އިތުރު 125 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. މިއަދަކީ ފާއިތުވި ހަދުވަސް ތެރޭގައި ރާއްޖެ އިން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު މާލެ އިން ފައްސިވީ 26 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 91 މީހަކު ފައްސިވިއެވެ. މިއަދު ރިސޯޓްތަކުން ފައްސިވީ އަށް މީހުންނެވެ.

މިއަދަކީ ޖުލައި މަހުގެ 28 ވަނަ ދުވަހަށް ފަހު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 137 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ. މިހާރު ކޮވިޑް ޖެހިފައި ތިބީ 2459 މީހުންނަށެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 16 މީހުންނަށެވެ.

މިއަދު 5449 މީހުން ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. އޭގެތެރެއިން ކޮވިޑަށް ފައްސިވީ %2.29 މީހުންނެވެ.

ކޮވިޑް ޖެހިގެން މިއަދު ފުވައްމުލަކުން ވަނީ މީހަކު ނިޔާވެފައެވެ. ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު މިހާރު 222 އަށް ވަނީ އަރާފައެވެ.

ރާއްޖެ އިން ކޮވިޑް ވެކްސިން ޖަހާ މީހުންގެ އަދަދު ވެސް މިހާރު އަންނަނީ އިތުރު ވަމުންނެވެ. މިއަދު ވެސް 1400 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި 3000 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު