ހަނިމާދޫ ކައުންސިލްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް މުސާރަ ނުދޭތާ ދެމަސް ދުވަސް ވެއްޖެ ކަމަށް މައުލޫމާތު އެނގޭ ފަރާތަކުން "ވަގުތު" އަށް ކަށަވަރު ކޮށްދީފިއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް "ވަގުތު" އާއި ވާހަކަ ދެއްކި މީހަކު ބުނީ ހަނިމާދޫ ކައުންސިލްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން ގެންދަނީ އަމިއްލަ ކުންފުންޏަކުން ކަމަށާއި އެކުންފުނިން ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފަށް މުސާރަ ނުދޭ ކަމަށެވެ.

"ކައުންސިލުން އައުޓްސޯސް ކޮށްގެން ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަން ކުރިއަށް ގެންދަނީ. ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފަށް އެކަނި ކަމަށް ވަނީ މުސާރަ ނުދެނީ. ދެމަސް ވެއްޖެ މިހާރު ވެސް މުސާރަ ނުދޭތާ." މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފަށް މުސާރަ ނުދޭތީ އޭނާ ވަނީ އެމައްސަލަ ކައުންސިލްގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ. ނަމަވެސް އެއްވެސް ފިޔަވަޅެއް ކައުންސިލުން އަޅާފައި ނުވާ ކަމަށް ވެއެވެ.

މިކަމާއި ގުޅިގެން ހަނިމާދޫ ކައުންސިލްގެ ސެކިއުޓީ ބަލަހައްޓާ ކުންފުނީގެ ބަހެއް ހޯދަން ކުރި މަސައްކަތް އަދި ކާމިޔާބެއް ނުވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމާއި ބެހޭ ގާނޫނު ބުނާ ގޮތުން މީހެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމަކަށް ބިނާކޮށް އެމީހަކާއި މެދު އެއްވެސް ތަފާތު ކުރުމެއް ގެންގުޅެގެން ނުވާނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެހެން މީހުންނެކޭ އެއްފަދައިން އެމީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއްކުރުމުގެ، އަދި ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުޞަތުތަކެއް ލިބިދިނުމުގެ ޙައްޤު ލިބިގެންވާ ކަމަށް ވެސް ގާނޫނުގައި ބުނެފައި ވެއެވެ. ޤާނޫނުގައި ބުނެފައި ވަނީ ވަޒީފާއެއް ދިނުމުގައި، ނުވަތަ މަސައްކަތުގެ މާޙައުލުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު އެމީހުންނަށް ކުރިމަތިވެފައިވާ ނުކުޅެދުންތެރިކަމުގެ ސަބަބުން އެއްވެސް ފަރާތަކުން އެމީހުންނާމެދު ތަފާތުކުރުންތަކެއް ގެންގުޅުމަކީ މަނާކަމެއް ކަމަށެވެ.