މެއި ހަވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް ދިން ނިރުބަވެރި ހަމަލާގައި މޭސްތިރިއެއް ފިލުވަން މަސައްކަތް ކުރި ކަމަށް ބެލެވެނީ ލ.ގަން ދުންފިނި އުފާ އަހުމަދު ފާތިހް ނޫން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ވިދާޅުވީ ފާތިހުގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައި ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ވަރަށް އަދި ފުލުހުން ހެކި ހުށަހަޅާފައި ނުވުމުން ކަމަށެވެ.

ފާތިހުއަށް ފުލުހުން ކުރާ ތުހުމަތަކީ ނިރުބަވެރި އަމަލެއް ހިންގި މީހާ ފިލުވަން އެހީތެރިވެދިނުމެވެ. އެހެންނަމަވެސް ފުލުހުން ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި، ހެއްކަށް ބަލާއިރު، އެ ތުހުމަތު އަމާޒު ވަނީ މުޖާޒްއަށް ކަމަށް ޕީޖީ ވިދާޅުވިއެވެ. ޕީޖީ ވިދާޅުވީ ފުލުހުންގެ ތަހުގީގުން ހާމަވާ ގޮތުގައި ނިރުބަވެރި އަމަލު ހިންގި މީހުން ފިލުވަން މަސައްކަތް ކުރީ ފާތިހް ނޫން ކަމަށެވެ. އަދި ތަހުގީގުގެ އަލީގައި ބޮޑަށް ބެލެވެނީ އެއީ މުޖާޒް ކަމަށެވެ. "އަޅުގަނޑުގެ ކުރިމައްޗަށް ހުށަހެޅިފައި ހުރި ހެކިތަކަށް ބަލާއިރު އަޅުގަނޑަށް ފެންނަނީ ފާތިހުއެއް ނޫނޭ ފިލުވަން މަސައްކަތް ކުރީ. މުޖާޒްއޭ ފިލުވަން މަސައްކަތް ކުރީ" އިއްޔަ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ވިދާޅުވިއެވެ.

މެއި ހަ ވަނަ ދުވަހުގެ ރޭ ނަޝީދު ކާރުކޮޅަށް އަރުއްވަން ވަޑައިގަންނަވަނިކޮށް ނީލޯފަރު ހިނގުމާއި މަޖީދީމަގާ ގުޅޭ ކަންމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިޑީއެއް ގޮއްވާލުމުން ނަޝީދު ވަރަށް ބޮޑަށް ޒަހަމްވެ، ފުރާނަ ސަލާމަތް ކުރަން ބޮޑެތި އޮޕަރޭޝަންތަކެއް ކުރަން ޖެހުނެވެ. އެ މައްސަލައިގައި 10 މީހަކު ހައްޔަރުކޮށް އޭގެ ތެރެއިން ހަތަރު މީހަކަށް އިއްޔަ ވަނީ ދައުވާ އުފުލާފައެވެ.

މުޖާޒުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ކުށެއްކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ އުފުލާފައި ވެއެވެ. ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވިކަން ސާބިތުވެއްޖެ ނަމަ 17-20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަދި ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ 9 މަހާއި 18 ދުވަހުގެ ހުކުމެއް އޭނާ ތަންފީޒުކުރަންޖެހޭނެ އެވެ.

މި މައްސަލައިގައި ދައުވާ އުފަލަން ޕީޖީ އޮފީހުން ނިންމީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދުގެ އިތުރުން ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ނ. މަދަނޫ ނޫރީގެ އަލީ ހައިޝަމްގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު