ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލައިގެ ތަހުގީގަށް ފާރަވެރިވާން އެމްޑީޕީގައި އެކުލަވާފައިވާ ކޮމިޓީން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް) އާ ބައްދަލު ކުރައްވައިފިއެވެ.

ބޮމުގެ ހަމަލާ ދިން ތާރީޚާ ގުޅުވައި "މޭ ހައެއް" ނަމުގައި އެކުލަވާފައިވާ އެ ކޮމިޓީގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ރައްޔިތުންގެ މަޖިލިހުގެ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފްއާއި، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖްއާއި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒުއެވެ.

މި ބައްދަލުވުންތަކުގައި ކުރެވޭ މަޝްވަރާތަކާއި ދެކެވޭ ވާހަކަތަކުގެ މާ ބޮޑު ތަފްސީލެއް ހާމައެއް ނުކުރެއެވެ. އެހެންވެ ބޮމުގެ ހަމަލާގެ މައްސަލައާ ގުޅިގެން ކެމްގެ އިސްވެރިންނާ ބައްދަލު ކުރި ސަބަބެއް ސާފެއް ނުވެއެވެ.

އެމްޑީޕީގައި އެކުލަވާލާފައިވާ މި ކޮމިޓީން މިހާތަނަށް ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި އެ ތަހުގީގަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ މަންދޫބެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ އިނގިރޭސިވިލާތުގެ އައްބާސް ފާއިޒްއާ ވެސް ބައްދަލުކޮށްފައިވެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާ ވެސް ބައްދަލު ކުރަން ހުށަހަޅުއްވާފައިވާ ކަމަށް މީގެ ކުރިން މި ކޮމިޓީން ހާމަކޮށްފައިވެއެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން އެ ހަމަލާއިން ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކުން އެމަނިކުފާނު ފަސޭހަފުޅު ވަމުން އަންނައިރު، އެމަނިކުފާނު ބޭނުންފުޅުވާ ބައެއް ކަންކަން ސަރުކާރާއި މަޖިލީހުގެ ތެރެއިން ނުވާން ފެށުމުން ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުން ގެންގޮސްފައިވެއެވެ.

ރައީސް ސޯލިހްއާ އެކު ސިޔާސީ ގޮތުން އެކުގައި ދެން މަސައްކަތް ނުކުރެވޭނެ ކަން ވެސް ނަޝީދު ވިދާޅުވެފައިވާއިރު އެމްޑީޕީގެ އެތެރޭގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ނަޝީދުގެ އެންމެ ބޮޑު ނުރުހުމެއް އޮތް ކަމަކީ "ލާދީނީ ގޮވުން" ޖިނާއީ ކުށަކަށް ހަދާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ފާސް ނުކުރުމެވެ. އަދި ބިލު ހުށަހެޅި ގޮތަށް ނުބާއްވައި ގިނަ އިސްލާހުތަކެއް ގެންނަން އުޅުމެވެ.

ނަޝީދު މި ވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ. ހަފުތާއެއްހާ ދުވަހު އޭޑީކޭއިން ފަރުވާ ހޯއްދަވައި ގިނަ އޮޕަރޭޝަންތަކެއް ކުރެއްވިއެވެ. ދެން ފަހުން ދޮޅު މަހެއްހާ ދުވަސް ވަން ދެން ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން ވެސް ނަޝީދު ފަރުވާ ހޯއްދެވިއެވެ. އެމަނިކުފާނު މަސައްކަތް ކުރައްވަނީ އަންނަ މަހު ރާއްޖެ ވަޑައިގަންނަވަން ކަމަށް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނާޅި

    ތިޔައީ އެއްވެސް ޤާނޫނީ ހައިސިއްޔަތެއް ލިބިފައިވާ ކޮމޮޓީއެއްނޫން އެއްވެސް ތަނަކުން ތިމީހުނަށް މައުލޫމާތު ދޭކަށެއް ނުޖެހޭ !