"މަ ވެސް ޕީޕީއެމް" ނަމުގައި އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ ކަމުގައިވާ ޕީޕީއެމްއަށް މެންބަރުން އިތުރު ކުރުމަށާއި ޕީޕީއެމްގެ ރިޔާސީ މެނިފެސްޓޯއަށް ޚިޔާލުތައް އެއްކުރަން އަތޮޅުތަކަށް ދަތުރުތައް ކުރަން ނިންމައިފިއެވެ.

ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ފުރަތަމަ މަންޒިލެއްގެ ގޮތުގައި ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ހއ. އަތޮޅަށެވެ.

މި ގޮތުން ހއ. އަތޮޅުގެ 14 ރަށަށް ވެސް ލީޑާޝިޕް ވަޑައިގަންނަވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު ޕީޕީއެމްއާއި ޕީއެންސީ ލީޑާޝިޕް އަތޮޅު ތެރެއަށް ކުރާ ފުރަތަމަ ދަތުރު ފަށަނީ އަންނަ ހޮނިހިރު ދުވަހުގައެވެ.

މި ދަތުރުގެ މައިގަނޑު ބޭނުމެއްގެ ގޮތުގައި ޝުޖާއު ފާހަގަކުރެއްވި ކަމަކީ، 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ޕީޕީއެމްއިން ތައްޔާރު ކުރާނެ ރިޔާސީ މެނިފެސްޓޯއަށް ޚިޔާލު ހޯދުމެވެ.

މީގެ އިތުރުން ހއ. އަތޮޅުގެ ގިނަ ރަށްރަށުގެ ކައުންސިލްގައި ޕީޕީއެމްގެ މެޖޯރިޓީ އޮތްއިރު، އެ ރަށްރަށުގެ ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭނާއި ތަރައްގީގެ ޕްލޭންތައް އެކުލަވާލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ވެސް އޮންނާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޕީޕީއެމްއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ވެސް މި ދަތުރުގެ ތެރެއިން ކުރައްވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މި ދަތުރުގައި ޕީޕީއެމްއާއި ޕީއެންސީގެ ފަރާތުން ވަޑައިގަންނަވާ ވަފުދުގައި އިސްކޮށް ތިއްބަވާނީ އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި އެ އަތޮޅު ތަމްސީލް ކުރައްވާ މެންބަރުންނެވެ. މި ގޮތުން ޝުޖާއުއަކީ ވެސް މިދިޔަ މަޖިލީހުގައި ބާރަށު ދާއިރާ ތަމްސީލް ކުރެއްވި މެންބަރެވެ.

މީގެ އިތުރުން ދާދި ފަހުން ޕީޕީއެމްއާ ގުޅިވަޑައިގެންނެވި އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި، ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު (ލަތީބެ) ވެސް ވަޑައިގަންނަވާނެއެވެ.

މި ދެ މެންބަރުންނަކީ ވެސް އަށާރަވަނަ މަޖިލީހުގައި ޕީޕީއެމް ދޫކުރައްވައި އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންނެވި 12 މެންބަރުންގެ ތެރޭގައި ހިމެނޭ ދެ މެންބަރެވެ. މި ދެ މެންބަރުން ވެސް ވަނީ މި ސަރުކާރު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.

ރިޔާސީ އިންތިޚާބަށް އަދި ދޮޅު އަހަރެއްހާ ދުވަސް އޮއްވައި، ޕީޕީއެމްގެ ރިޔާސީ މެނިފެސްޓޯއަށް ޚިޔާލުތައް ހޯދަން އަތޮޅުތެރެއަށް ދަތުރުތައް ކުރަން ރޭވިއިރު، އެ ޕާޓީގެެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއްގައެވެ.

ސުޕްރީމް ކޯޓު މަރުހަލާގައި ހުކުމުގެ މައްސަލަ އޮތް އިރު، ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލައިގެން އެ ދައުވާތަކުގެ ޝަރީއަތް ދަށު ކޯޓުގައި ދަނީ ހިނގަމުންނެވެ. އަދި އިތުރު ދައުވާއެއް ކުރަން ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވައިފައެވެ.

މި ސަރުކާރުގައި ޔާމީންއާ މެދު ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު، އެމަނިކުފާނަށް 2023 ގައި ވާދަނުކުރެވޭނެ ކަމަށް ބެލެވެން އޮތް ނަމަވެސް ޕީޕީއެމްއާއި ޕީއެންސީގެ ކައުންސިލުން ވަނީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށް ކަނޑައަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގުލްޝަން ކިނާރާ

    ސާބަހޭ، ގޮސް ދެތިންކަމެއް ކޮއްދޭނަމޭ ބުނާއިރައް ވޯޓް ލިބޭނެ. އެހާވެސް ފަސޭހައިން ގިނަ ރައްޔިތުން ހައްލާލެވޭނެ. ދެން ކަޔޭމެން ވެރިކަމައް އައިސް ލައްޒަތާ، ބޮޑެތި މުސާރައާ، މަގާމު ހޯދާގެން 5ސް އަހަރު ނިންމާލާފަ ފުލެޓްއެއް ނޫނީ ގޯއްޗެއް ގަތީމަ ހުންނާނީ ރަންގަޅައް.
    # ގަޅި ރައްޔިތުން @ ޕީޕީއެމް @ އެމްޑީޕީ @ ޖުމްހޫރީ

    2
    1
  2. އަލްޖިބްރާ

    ތިޔަ މެނިފެސްޓޯ އަކީ ކީއްކުރާ އެއްޗެއްކަން ނުދަންނަ ދިވެހި އެއްވެސް ރައްޔިތަކު މިހާރަކު ނޫޅޭ ! ތިއީވެސް އީ.ސީ. އިން ޕާރޓީތަކަށް ދޫކުރާ ރައްޔިތުންގެ ފައިސާތަށް ބޭކާރު ގޮތުގައި ތަޅާ ހުސްކުރަން ހިން ކަންތަށްގަޑެއް ! ތިޔައީ މުޅިން ޕިކްނިކް ދަތުރު !