ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން މައްސަލައިގައި ނަޝީދުގެ ބަޔާނަކަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އެދިވަޑައިގެންފައިވާތީ އެމަނިކުފާނުގެ ވަކީލަކަށް ކޮއްކޮ ނާޒިމް އަބްދުލް ސައްތާރު ހަމަޖައްސައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް އެޑްރެސް ކުރައްވައި ނަޝީދު ފޮނުއްވާފައިވާ ސިޓީއެއްގައި ލިޔުއްވާފައިވަނީ އެމަނިކުފާނުގެ ބަޔާނަކަށް އެދޭތީ އެމަނިކުފާނުގެ ފަރާތުން ވަކީލަކަށް ހަމަޖައްސާފައިވަނީ ނާޒިމް ސައްތާރު ކަމަށެވެ.

ނަޝީދުގެ ކޮއްކޮ ނާޒިމް "ވަގުތު" އަށް މި ކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ ނަޝީދުގެ ބަޔާނެއް ޕީޖީއަށް އަދި ފުލުހުންނަށް ވެސް ޚިއްސާ ކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ބައެއް ލިޔެކިއުންތައް ވެސް ލިބިވަޑައިނުގަންނަވާ ކަމަށާއި މި ލިޔެކިއުންތައް ނަޝީދު ބޭނުންފުޅުވާ ކަމަށެވެ. އެއީ ތަހުގީގާ ގުޅުން ހުރި ބައެއް ލިޔެކިއުންތަކެވެ. "އަޅުގަނޑުމެން ބޭނުން ތަފްސީލްކޮށް ހަމަލާ ރޭވި ގޮތާއި، ފަންޑު ކުރި ގޮތާއި، މި ބާވަތުގެ، ތަހުގީގާ ގުޅުން ހުރި ލިޔެކިއުންތައް،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މި ކަންކަމާ ގުޅޭ ގޮތުން ވަރަށް އަވަހަށް ޕީޖީ ހުސައިން ޝަމީމާ އެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ނަޝީދުގެ ބަޔާނެއް މުހިއްމު ކަމަށް ޕީޖީ ޝަމީމް ވިދާޅުވެފައި ވަނީ، ބޮމުގެ ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 10 މީހުންގެ ތެރެއިން ދައުވާ ކުރަން ފޮނުވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލަން ނިންމި ކަން ހާމަ ކުރެއްވުމަށް ފަހުގައެވެ.

ނަޝީދުގެ ބަޔާނެެއް ހޯދަން ތަހުގީގީ އިދާރާތަކުން އެދުމުން އެމަނިކުފާނު ވަނީ މީގެ ކުރީން ޓްވީޓެއް ކުރައްވާ ރައްދު ދެއްވާފައެވެ. އެ ޓްވީޓްގައި ވިދާޅުވީ އެމަނިކުފާނުގެ ބަހަކަށްވެސް ބަޔާނަކަށްވެސް ދައްކަން އޮތީ އެމަނިކުފާނުގެ ޖާނާއި، ހިތް އަދި މޭ ކަމަށެވެ.

އެމަނިކުފާނުގެ ބަހަކަށްވެސް އަދި ބަޔާނަކަށްވެސް ފުލުހުންނަށް ދެވޭނީ ލިބިފައިވާ ޒަހަމްތައް ކަމަށް އެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް "ހިތާއި މޭ ހިބައިން ލިޔެދިނުމުންވެސް" އިންސާފް ނުލިބުނު ކަމަށް އެމަނިކުފާނު ވަނީ ހަރުބަހަކުން ސީޕީ ހަމީދަށާއި ފުލުހުންގެ އިދާރާއަށް ފާޑުވިދާޅުވެފައެވެ.

މި މައްސަލައިގައި ދައުވާ އުފަލަން ޕީޖީ އޮފީހުން ނިންމީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ނ. މަދަނޫ ނޫރީގެ އަލީ ހައިޝަމްގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޒަބީބު

    ޖިނާއި އަދުލުގެ ނިޒާމް ހަމަޖެހިފައިވާ ގޮތުން ތަހުޤީގްގެ ބަޔާން ތަކަކީ ތަހުޤީގު ކުރެވެމުންދާ މައްސަލައިގައި ޝާމިލުވާ ހަސްމުންކުރެ އެއްވެސް ޙަސްމަކަށް ދޫކުރެވޭ އެއްޗެއް ކަން އަހަރެމެނަކަށް ނޭގޭ. އެހެން ނަމަވެސް ތަހުޤީގު ކުރެވޭ މައްސަލައިގައި ޝާމިލުވާ ހުރިހާ ހަސްމުންވެސް ތަހުޤީގަށް އެއްބާރުލުންދީ ބަޔާން ދޭންޖެހޭނެކަމަކީ އެންމެންވެސް ޝައްކަކާއި ނުލައި ޤާބޫލުކުރާ ކަމެއް. ވީމާ މައްސަލައިގައި ހިމެނޭ ހަސްމެއްގެ ގޮތުން ނަޝީދު ބަޔާން ދިނުމަށް ޝަރުތުތަކެއް ކުރިމަތި ކުރުމަކީ ތަހުޤީޤަށް ހުރަސްއެޅުން އަދި ހެއްކަށް ނުފޫޒު ފޯރުވުން ނޫން ދެން ކޯޗެކޭބާ ކިޔާނީ؟ ޚާއްސަކޮށް ތަހުޤީޤީ އިދާރާތަކުން ކޮށްފައިވާ ތަހުޤީގް ރިޕޯޓްތަކާއި، ކިތާބީ އަދި އެހެނިހެން ހެކިތައް ހިމެނޭގޮތަށް ތަހުޤީގުކުރެވެމުންދާ މައްސަލައިގެ އެއް ހަސްމަކަށް ފޯރުކޮށްދި ޑިމާނޑް ކުރުމަކީ ކަނޑައެޅިގެން ތަހުޤީޤަށް ހުރަސްއެޅުން ނޫނތޯޢެވ؟ އަދި ތަހުޤީގު ރިޕޯޓުތަކާއި ހެކިތައް މައްސަލައިގައި ޝާމިލުވާ އެއްވެސް ހަސްމަކަށް ތަހުޤީގް މަރުހަލާގައި ފޯރުކޮށް ދިނުމަކީ ޖިނާއީ އަދުލުގެ ނިޒާމް ދަންނަ ކަމެއް ނޫން. އެފަދަ ކަންކަން ނަޝީދު ކަންކުރާ ގޮތަށް ޗާޓުންބޭރުން ނުކުރެވޭނެ. ފުލުހުންގެ ތަހުޤީގް ރީޕޯޓުތަކާއި ކިތާބީ އަދި ޝަފަޢީ ހެކިތައް ހުށަހަޅަން ޖެހޭނީ ޕީޖީ މެދުވެރިކޮށް ޝަރީއަތަށް އެކަނި.

    ވީމާ ނަޝީދު މަޖާޒީ މުހާވިރާތަކާއި ޅެން، ރައިވަރު، ފަރިހި ބޭނުންކޮށްގެން ޓްވީޓްކޮށް ބަޔާން ދިމުމަށް އިންކާރު ކުރާ މައްސަލަ އަކީ މާބޮޑެތި ސުވާލު އުފެދޭ ކަމެއް ނޫންތޯއެވެ؟ އަޅެފަހެ ނަޝީދު ބަޔާން ދިނުމަށް އިންކާރު މިކުރަނީ ކޮންފަދަ ކަމެއް ނުވަތަ ސިއްރެއް ފޮރުވުމުގެ ނިޔަތުގައިބާއެވެ؟

    • ކުޑަބެ

      ޒަބީބޫ.... މިއީ ބަލަ މަޒުމޫނު ލިޔުމުގެ މުބާރާތެއް ނޫން..

  2. އަހުމަދު

    ބަޔާން ނުދެނީ ފަހުން ހަގީގަތް އޮޅުވާލަން. ލާދީނީ އެޖެންޑާގަ މިވާހަކަތައް އޮޅުވާލަން ބޭނުންވާތީވެ

  3. މިތުރާ

    ކޮބާ މަސްސަލަ އަކީ، ވަކީލުން ގެ މަސައްކަތަކީ ކުއްވެރިޔާގެ ކޮޅަށް ބޯޅަޖެހުން، ރުފިޔާ އެޅިވަރަކަށް ޗާޖުވާނެ، އެތެރޭން ބޭރުން ގެނަސް ކުޅޭނީ އެއްރޯލެއް، ފަހަރެއްގަ އަގުހެޔޮވެދާނެ،ފެމިލީ ވީމަ.