މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރަކަށް ހުރެވޭނީ ވަކި މުއްދަތަކަށް ކަމަށާއި މުއްދަތު ހަމަވުމުން ލީޑަރު ކަން ދޫކޮށްލާނެ ހިތްވަރު އެ ޕާޓީގެ މުއައްސިސުންގެ ވެސް ހުންނާނެ ކަމަށް އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް ހުންނެވި ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

"ޕާޓީގެ އެންމެ އިސް މަގާމަށް މުއްދަތެއް ކަނޑައަޅަން ފެނޭތޯ؟" މި މައުޟޫއުގައި ކްލަބް ހައުސްގައި ރޭ ކުރިއަށް ގެންދިޔަ އޮންލައިން ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ އެމްއެންޕީގެ މަސްއޫލުވެރިންގެ ނަޒަރުގައި އެ ކަން އެ ގޮތަށް އޮންނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން މަޝްވަރާކޮށް މިހާރު ނިންމާފައި މި ވަނީ ފަސް އަހަރުގެ ދެ ދައުރު، ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވާ ބޭފުޅަކަށް ވެސް ގާނޫނުއަސާސީގައި އޮންނަ މި ގޮތަށް ޓާމް ލިމިޓޭޝަން،" އެމްއެންޕީގެ މުއައްސިސުން ވިސްނުން ހާމަ ކުރައްވަމުން ނާޒިމް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޝުއޫރު ފާޅު ކުރި އާންމުންގެ މީހަކު ވަނީ މީގެ ކުރިން އެމްޑީޕީ ފަދަ ސިޔާސީ ޕާޓީތައް ވެސް އުފެދުނީ ވެސް މިފަދަ ޑިމޮކްރެޓިކް ރީތި ޝިއާރުތަކުގެ ދަށުން ކަމަށް ބުނެފައެވެ. އެކަމަކު އެންމެ ފަހުން ނިމެނީ ޚުދުމުޚުތާރު ނިޒާމެއް ޕާޓީތަކުގެ ތެރޭގައި އަށަގަނުވާފައިވާ ކަމަށް އޭނާ ބުންޏެވެ.

އެ މީހާ ފާހަގަކުރި ގޮތުގައި މި ސިޔާސީ ޕާޓީ ހެދުމުގެ ބޭނުމަކީ ވެސް ނާޒިމް ވެރިކަމަށް އައުމެވެ. އެހެންވެގެން ޕާޓީގެ އާރާއި ބާރު ނާޒިމް ވެސް ބޭނުންވާނެ ކަމަށް އޭނާ ބުނެއެވެ. މިހާރު މި ދެކެވޭ ވާހަކަައަކީ ވެސް ޕާޓީއަށް މެންބަރުން އިތުރު ކުރަން ކުރާ ކަމެއް ގޮތުގައި އޭނާ ސިފަކުރެއެވެ.

މި މީހާގެ ޝުއޫރާ ގުޅިގެން ނާޒިމް ވިދާޅުވީ، އެމްއެންޕީ އުފައްދަނީ މިހާރު އޮތް ސިޔާސީ ޕާޓީތަކުގެ އަސާސްތައް ކަމު ނުދާތީ، މި އާ އަސާސްގެ މަތީގައި ކަމަށެވެ. އެހެންވެ އެ އާ އަސާސް މި ޕާޓީގެ މުއައްސިސުންނާއި މެންބަރުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެ މުއްދަތު ހަމަވީމަ އެ ލީޑާޝިޕުން އަޅުގަނޑުމެނ ފެޔަށް ޖެހޭނަން، މި ޕާޓީ އުފައްދާ ފަރާތްތަކަކީ އެ ވަރުގެ ވިސްނުމެއް ހުރި އެ ކަން ކުރަން ކެރޭ ވަރުގެ ބަޔެއް ކަން އަޅުގަނޑު ދަންނަވާލަން އޮތީ،" ނާޒިމް ވިދާޅުވިއެވެ.

އެމްއެންޕީއަކީ ނާޒިމްއާއި މަޖިލީހުގެ އިތުރު ހަތަރު މެންބަރަކު ގުޅިގެން އުފައްދަވާ ޕާޓީއެކެވެ. ޕާޓީގެ މަސްއޫލުވެރިޔެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހެޅުއްވީ ނާޒިމްއާ އާއިލީ ގުޅުން ވެސް އޮންނަ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމްއެވެ.

ނާޒިމްއާއި އުޝާމްގެ އިތުރުން މި ޕާޓީއާ ގުޅިވަޑައިގެންނެވި މަޖިލިސް މެންބަރުންނަކީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްއާއި، ނޮޅިވަރަންފަރު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަޑިބަޑި

    ބަލަ އެމްޑީޕީ ވެރިކަން ވައްޓާލަން ބަގާވާތްކޮށް ސަރުކާރުގެ ޕްރޮޖެކްޓުތަކުން ފައިސާނަގާ ނުހައްގު މުއްސަނދިކަންހޯދާ އެވަރުންނުފުދިގެން ޕާޓީހަދާފަ ކޮންދޮގެއްހަދާކައް

    14
  2. Anonymous

    ތިއީ ނާޒިމަށް ހަމަ ހީވާ ހީއެއް. ސިޔާސީ ރާހަތާއި ލައްޒަތަކީ އެއީ އިންސާނާ މަސްކޮށް އެއަށް ދެވިހިފާކަމެއް. ދުނިޔޭގެ ތާރީޚުން ހެކި ދައްކަންވީތަ؟

    16
  3. އަންްޑްރޭ

    މިވީ ކުޑަ ދުވަސްކޮޅުން ވެސް ސިޔާސީ މައަދާނުގައި ނާޒިމް ތަފާތު ދައްކުވައިދީފި. މީގެން ދޭހަ ވަނީ މި ވުޖޫދަށް އައީ ވަރުގަދަ ސިޔާސީ ޕާޓީއެއްކަން. ކުރި މަގު ވަރަށް އުޖާލާ. ސިޔާސީ ވާދަވެރިން ތިބީ ބިރުން ސިހިފަ. އެމީހުން ދައްކާ ވާހަކައިން އެކަން ވަރަށް ސާފު. ސާބަހޭ ނާޒިމް!