ރާއްޖެ ބަދުނާމުކޮށް އަމިއްލައަށް އަރުވާލެވިގެން ބޭރު ގައުމުތަކުގެ ހިމާޔާތް ހޯއްދަވައިގެން އުޅުއްވާ މީހުންނަށް ރިޔާސީ އިންތިހާބުގައި ބައިވެރިނުވެވޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވެރިކަން ކުރާ ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ރަށްވެއްސަކަށް ވުމަށް ފަހު 10 އަހަރު ފަހުން ނޫނީ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ކަނޑައެޅުމަށް ރިޔާސީ އިންތިހާބުގެ ގާނޫނަށް ޕީޕީއެމްގެ ފަރާތުން ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވަވަމުން ނިހާން ވިދާޅުވީ އެ ގާނޫނަށް އެ އިސްލާހު ގެންނަން ހުށަހެއްޅުއްވީ މަތިވެރި ސަބަބުތަކަކަށް ޓަކައި ކަމަށެވެ.

ނިހާން ވިދާޅުވީ ބައެއް ފަރާތްތަކުން ރާއްޖެ އިން ބޭރުގައި ގިނަ ދުވަސަތަކެއް ވަންދެން އުޅުއްވުމަށް ފަހު ކުއްލިއަކަށް ރާއްޖެ ވަޑައިގެން ވެރިކަމަށް އަރައިވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރައްވަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ފަރާތްތަކަށް ރަނގަޅަށް ދިވެހި ބަހުން ވާހަކަ ދައްކަން ވެސް ނޭނގޭ ކަމަށެވެ.

ނިހާން ވިދާޅުވީ ރާއްޖެ ދޫކޮށް ބޭރު ގައުމުތަކަށް ހިޖުރަކުރައްވައި ރާއްޖެ ބަދުނާމުކޮށް، ބޭރުގެ އެކި އެކި ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކަށް ވެސް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ގޮތަށް ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ މީހުންނަށް ރާއްޖެ އެހެން ގައުމެއްގެ ބެލެނިވެރިކަމުގެ ދަށުގައި އޮތުން ވެސް މައްސަލައަކަށް ނުވާނެ ކަމަށެވެ.

"މިވާހަކަ ދިވެހި ރައްޔިތުންގެ ތެރެއިން ބައެއް މީހުންނަށް އަހަން ދަތި ވެދާނެ. ނަމަވެސް އެކަހަލަ މީހުނަށް ހެޔޮވާނެ އެހެން ގައުމެއްގެ ބެލެނިވެރިކަމުގެ ދަށުގައި އަޅުގަނޑުމެން އޮންނަން ވެސް. އަޅުގަނޑުމެންނަށް އެގޮތް ކަމަކު ނުދާނެ،" ނިހާން ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި އިދިކޮޅު އެއްވެސް މެމްބަރެއް ބައިވެރިވެފައި ނުވާއިރު ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ވަނީ ބޭރުގެ ހިމާޔާތް ހޯއްދެވުމަށް ފަހު، އެ ހިމާޔަތް ދޫކޮށްލިތާ 10 އަހަރު ވުމުގެ ކުރިން ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ހެދުމަށް ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.

މި އިސްލާހު ހުށަހަޅުއްވާފައިވާއިރު ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ.