މާލޭ ސިޓީ ޕާކުގައި ޕޫލަކާއި ވޯޓާ ޕުލޭ ސްޓްރަކްޗާއެއް ހިމެނޭ ގޮތަށް ޕާކެއް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދަން ހައުސިން މިނިސްޓްރީން އަލުން އިއުލާން ކޮށްފިއެވެ. މިއީ މިކަމަށް މިނިސްޓްރީން އިއުލާންކުރި ތިންވަނަ ފަހަރެވެ،

ހައުސިންގ މިނިސްޓްރީން ވިދާޅުވީ، އެކަމަށް އަލުން އިއުލާން ކުރަން ޖެހުނީ ކުރިން ދިން މައުލޫމާތަށް ބަދަލު އައިސްފައިވާތީ ކަމަށެވެ.

އެ މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން، އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުން އަންނަ މަހުގެ އެއްވަނަ ދުވަހު އޮންނާނެ އެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމާ ގުޅޭ ޕްރޮޕޯސަލް ހުށަހަޅަންޖެހެނީ ޖުލައި 1-8 އަށް ކަމަށްވެސް އިއުލާނުގައި ވިދާޅުވެފައިވެއެވެ.

ސިޓީ ޕާކުގައި ތަރައްގީ ކުރާ ޕާކުގައި އެއް ފޫޓާއި ހަތަރު ފޫޓާ ދެމެދުގެ ފުންމިން ހުންނަ ޕޫލަކާއި ވޯޓާ ޕުލޭ ސްޓްރަކްޗާތައް ހަރުކޮށް ބަލަހައްޓަން ޖެހޭނެއެވެ. އަދި އެތަނުގައި ކުޑަކުދިންނަށް ކުޅެވޭނެ އާލާތްތަކާއި ބެންޗުތައް ވެސް ބަހައްޓަން ޖެހެއެވެ.

އަދި އޭގެ އިތުރުން އެތަނުގައި މަލްޓި ސްޓޯރީ މިކްސް ޔޫސް ބިލްޑިންގް އެއްވެސް ތަރައްގީ ކުރަން ނިންމާފައިވާކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވިއެވެ.

އެކި ކަހަލަ ބޭނުންތަކަށް ހާއްސަކޮށްގެން ހަދާ 1000 އަކަ ފޫޓުގެ ތިން ބުރީގެ އެ އިމާރާތުގެ ގްރައުންޑް ފްލޯ ހުންނަން ވާނީ އާންމުންގެ ބޭނުންތަކަށް ހާއްސަ ކޮށްފައި ކަމަށާއި އެތަނުގައި ފާޚާނާ، ޗޭންޖިންރޫމް އަދި ނާސިން ރޫމް ވެސް ހުންނަން ޖެހޭނެ ކަމަށް އެ މިނިސްޓްރީ އިން ވިދާޅުވިއެވެ.