ކުޑަކުދިންނާ ގުޅުން ހުރި 23 މައްސަލައެއްގައި މުއައްސަސާތަކުން އަމަލުކޮށްފައިވާ ގޮތް ބަލަމުންދާ ކަމަށް ޗިލްޑްރެންސް އޮމްބަޑްސްޕާސަން ނިއުމާތު ޝަފީގް މިއަދު ވިދާޅުވެއްޖެއެވެ.

ނިއުމާތު "ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭގެ ތެރެއިން އަށްމައްސަލައަކީ އެ އޮފީހުން އިސްނަގައިގެން ބަލަމުންދާ މަައްސަލަތައް ކަމަށެވެ. ދެން އޮތް 15 މައްސަލައަކީ އެކި ގޮތް ގޮތަށް ހުށަހެޅިފައިވާ މައްސަލަތައް ކަމަށް ނިއުމާތު ވިދާޅުވިއެވެ. "މި ހަފްތާ ތެރޭގައިވެސް ދެ މައްސަލައެއް ހުށަހެޅުނު" ނިއުމާތު ވިދާޅުވިއެވެ.

ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ދައުލަތުގެ ފަރާތުން ބަލަހައްޓަމުންދާ ކުއްޖެއްގެ ހައްގަކަށް އުނިކަމެއް އައުމުގެ ސަބަބުން ހުށަހެޅުނު އަށްމައްސަލަ އަކާއި ދައުލަތުގެ އިދާރާއެއްގެ އިހުމާލުން މައިންބަފައިން، ނުވަތަ މަންމަ ނުވަތަ ބައްޕައާ ބައްދަވުމުގެ ހައްގުން ކުއްޖާ މަހްރޫމްވުމާއި ގުޅޭ ހަތަރު މައްސަލަ އަދި އަނިޔާގެ ޝިކާރައަކަށް ވެފައިވާ ކުއްޖެއްގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދައުލަތުގެ އިދާރާތަކުން އެންމެ އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވުމުގެ ހަތަރު މައްސަލައެވެ.

ކުޑަކުއްޖެއް ބެލުމަށް ވަކި ފަރާތަކާއި ހަވާލުކުރުމުގެ ތިން މައްސަލަަ، ދައުލަތުގެ އިދާރާއެއްގެ އިހުމާލުން ކުއްޖެއްގެ ފުރާނަ ގެއްލުމުގެ ދެ މައްސަލަ އަދި ކުށް ކުރުމުގެ އިހްތިމާލު އޮތް ކުއްޖަކު ކުށަށް އަރައިގަތުމުން ރައްކާތެރިކުރުމަށްޓަކައި ދައުލަތުގެ އިދާރާއަކުން އެންމެ އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވުމުގެ މައްސަލައެއްގެ އިތުރުން ދައުލަތުގެ އިދާރާއެއްގެ އިހުމާލުން ކުޑަކުއްޖަކަށް ލިބެންޖެހޭ ހަރަދު ނުލިބުމުގެ މައްސަލައެއް ވެސް ވަނީ އެ އޮފީހަށް ހުށަހެޅިފައެވެ.

މި ވަގުތު މި މައްސަލަތައް ބަލަން ހަރަކާތްތެރި ވަނީ ތިން އިންވެސްޓިގޭޓަރުންނެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންސް އަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރާ މިންވަރު ދެނެގަނެ، ގާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ބާރުއެޅުމާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ މުޢާހަދާއާއި އެއްގޮތަށް ދައުލަތުގެ އިދާރާތަކުން އަމަލުކުރާ މިންވަރު ދެނެގަތުމަށް އުފައްދާފައިވާ މުއައްސަސާއެކެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންގެ ޢަމަލުތައް ތަހުގީގުކޮށް މުތާލިއާ ކުރުމަކީވެސް ޗިލްޑްރެންސް އޮމްބަޑްސްޕާސަން އަށް މަތިކޮށްފައިވާ ޒިންމާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތުއްޓެ

    ޝިދާތާ މަޤާމުން ވަކިނުކުރެވިގެން އެމްޑީޕީގެ ސުއްޕަރު މެޖޯރިޓީ ފަޔަށް ހިނިއަރައިގަނެގެން އުޅުނު އިރު ހީވީ އޭނާ މަޤާމުން ވަކިކުރުމުން ހުރިހާކަމެއް ހައްލުވީހެން. އެކަމަކު މިހާރު ޝިދާތާ އެހުރީ އިޝްޤީ ލަވަކިއުމާއި އުލްފަތުފޮޅުވުމުގައި އަވަދިނެތި ގޭގައި. އެކަމަކު ޝިދާތާ ނެތުނީމަވެސް ކުޑަކުދީންގެ ހައްޤުތަށް ރައްކާތެރިއެއް ނުކުރެވުނު. ކުޑަކުދިންނަށް އިހުމާލުވުމާއި، ގެވެށިއަނިޔާގެ ސިލްސިލާ ދަނީ ހަމަ "ކުރިއަށް ކުރިއަށް ބާރަށް" އިހުނަށްވުރެ ބާރު ސްޕީޑުގައި އިހުނަށްވުރެ ފާޅުކަންބޮޑުކޮށް! ދެން އެދުވަހު މަޖިލިސް މެމްބަރުން ކަރުން ނާރު ފުއްޕާފައި ދެއްކެވި ވާހަކަ މިވީ ހަތަރެސްކަންހަމަ ބިލާހަކަށް ދެއްތޯ!