ކޮވިޑް-19ގެ ވޭދަނަތައް ފެނިގެން ބަންދުކުރި ފުވައްމުލައް ސިޓީ ތިން މަސް ފަހުން ހުޅުވާލައިފިއެވެ.

އެ ސިޓީން ކޮވިޑް ފެނިގެން އެ ސިޓީ ބަންދު ކުރި މެއި ހަ ވަނަ ދުވަހުއެވެ. އޭގެ ފަހުން އެރަށުން ކޮވިޑްގެ ގިނަ ވޭދަނަތަކެއް ފެންނަމުންދިޔައިރު، އެ ބަލީގައި ދާދި ފަހުން އެ ސިޓީން މީހަކުވެސް ވަނީ ނިޔާވެފައެވެ.

އެ ސިޓީ ހުޅުވާލާފައި ވަނީ 91 ދުވަސް ފަހުންނެވެ. އެ ސިޓީ ބަންދުކޮށްފައި އޮންނަތާ 91 ދުވަސްވީ މިއަދެވެ.

ފުވައްމުލައް ސިޓީގެ ޕަބްލިކް ހެލްތުން އާއްމު ކުރި މެސެޖެއްގައި ބުނެފައި ވަނީ އެ ސިޓީގެ މޮނިޓަރިންގ ހާލަތު މިވަގުތު އުވާލެވިފައިވީ ނަމަވެސް، ބަލިން ރަނގަޅު ނުވާ ފަރާތްތައް ތިބުމާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ރަނގަޅަށް އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެގޮތުން ގިނަގިނައިން އަތްދޮވުމާއި، ބޭރުތެރޭގައި އުޅޭ ވަގަތުތަކުގައި މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމާއި، އަރިދަފުސް ރޯގާގެ އަލާމާތްތައް ފެންނަނަމަ ފްލޫ ކްލިނިކަށް ދެއްކުމާއި އަދި ރޯގާގެ އަލާމާތްތައް ރަނގަޅުވަންދެން އެހެން މީހުނާއި އެކަހެރިވެގެން އުޅުމަށް އަންގާފައި ވެއެވެ.