ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުން އުޅޭ ނޫޅޭ ގޮތް ބަލަން ފައިގައި ހަރު ކުރެވޭ ގޮތަށް ހުންނަ "މޮނިކޮން ޓެގް" ހުސްވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިން ކަމަށް އެމްޑީޕީގައި އެކުލަވާފައި އޮންނަ "މޭ ހައެއް" ކޮމިޓީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން ތާރީޚާ ގުޅުވައި "މޭ ހައެއް" ނަމުގައި އެކުލަވާފައިވާ އެ ކޮމިޓީން މިއަދު ވަނީ ފުލުހުންނާއި އެމްއެމްއޭއާއި އެމްއެމްއޭގައި އޮންނަ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އާ ބައްދަލު ކޮށްފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޖަލްސާގައި މައުލޫމާތު ޚިއްސާ ކުރައްވަމުން "މޭ ހައެއް" ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރު އަބްދުﷲ އަފީފް ވިދާޅުވީ މި މައުލޫމާތު ހޯމް މިނިސްޓްރީން ވެސް ޔަގީންކޮށްދޭ ކަމަށެވެ.

"މޮނިކޮން އަމުރު ނެރެފައިވާ ފަރާތްތައް މޮނިޓާ ކުރާ ކަމަށާއި ޓެގް ހޯދަން މަސައްކަތް ކުރާ ކަމަށް ވެސް ފުލުހުން ބުނި،" އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ، ޓެރަރިޒަމާއި އެ ކަމަށް ފައިނޭންސް ކުރުމާއި މަނީ ލޯންޑަރިންގެ ކުށްތައް ތަހުގީގު ކުރާނެ އެކަށޭނަ ޒަމާނީ ވަސީލަތްތައް ވެސް މަދު ކަން ފުލުހުން ފާހަގަކުރި ކަމަށެވެ. އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ތައްޔާރު ކުރާއިރު، މި ކަންކަމަށް ސަމާލުކަން ދީގެން ބަޖެޓް ތައްޔާރު ކުރަން މުއައްސަސާތަކާ ކުރެވޭ ބައްދަލުވުންތަކުގައި އެދެމުންދާނެ ކަމަށް އަފީފް ވިދާޅުވިއެވެ.

"މޭ ހައެއް" ކޮމިޓީން ގެންދަނީ އިސްލާމިކް މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީއަށް ވެސް ބައްދަލު ކުރަން މަސައްކަތް ކުރަމުންނެވެ.

ނަޝީދު މި ވަގުތު އިނގިރޭސިވިލާތުގައި ހުންނެވިއިރު، އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން ނަޝީދުގެ އަރިސް މެންބަރުންތައް މިރޭ ވެސް ފުލުހުންގެ ތަހުގީގާއި ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފައެވެ.

ނަޝީދަށް ހަމަލާ ދިން މައްސަލައިގައި މިހާތަނަށް 10 މީހަކު ހައްޔަރު ކުރިއިރު ފަސް މީހަކަށް ދައުވާ ކުރަން ފޮނުވިއެވެ. އޭގެ އެކަކު ފިޔަވައި އެހެން އެންމެންގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމެވިއެވެ. އެކަމަކު ދައުވާ ނުކުރަން ނިންމި ފާތިހަކީ ކުރިން ޕޮލިސް އިންޓެލިޖެންސްގައި ވެސް މަސައްކަތް ކުރި މީހަކަށް ވާތީ އޭގެ ކަންބޮޑުވުންތައް ވެސް މިރޭގެ ޖަލްސާގައި ފާޅުކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސެންދީ

    ތީ ކުރިންވެސް އެމް.ޑީ.ޕީ ކޯލިޝަން ހަދައިގެން ވެރިކަމަށް އައީމާ ވާގޮއެއް. ސްކޫލު ތަކުގައި ފޮތް ފަންސުރު ނުހުރޭ. ހޮސްޕިޓަލް ތަކުގައި އެންމެ ކުޑަވެގެން ބެޑް ޝީޓް ބާލީސްވެސް ނުހުރޭ. ސިފައިންނާ ޕޮލިހުންނަށް ބޭނުންވާ ތަކެތި ނުހުރޭ. އަންނި އުޅެނީ ޖާމަނީގަޔާ އިންގްލެންޑް ގާ