އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ ދިނުމަށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިގޮތަށް ނިންމާފައި މިވަނީ، ކުރިން އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި ހުންނެވި އަބްދުﷲ ސަޢީދުގެ މައްޗަށް، ދަށު ކޯޓުތަކުން ކުރި ޙުކުމަށް ސުޕްރީމް ކޯޓުން ތާޢީދު ކުރުމުން، އުއްތަމަ ފަނޑިޔާރުގެ މަޤާމު ހުސްވެފައި ވަނިކޮށެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން، ސުޕްރީމް ކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަޤާމަށް، ހައިކޯޓުގެ ދެ ފަނޑިޔާރަކު އައްޔަން ކުރަންވެސް ޖޭއެސްސީީން މިއަދު ވަނީ ދެ ނަންފުޅެއް ފޮނުވާފައެވެ. އޭގެތެރޭގައި ހިމެނިވަޑައިގަންނަވަނީ ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ޣަނީ މުޙައްމަދުގެ ނަންފުޅެވެ.

އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ ދިނުމަށް ޖޭއެސްސީން ނިންމާފައިވާއިރު، އެމަނިކުފާނަކީ ރާއްޖޭގައި މިވަގުތު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ޕީއެޗްޑީ ހާސިލް ކުރައްވައިގެން ހުންނެވި ހަމައެކަނި ބޭފުޅާކަން ފާހަގަކޮށްލެވެއެވެ.

ފަނޑިޔާރު ޑރ. އަބްދުﷲ ދީދީއަކީ 2010 ވަނަ އަހަރު ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލިއިރު، އެ ކޯޓުގެ ބެންޗަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނަކީ އިމީ ސުޕްރީމް ކޯޓު އެކުލަވާލިފަހުން އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަން ކުރެވޭ ތިންވަނަ ބޭފުޅާއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ސުބުހާނަﷲ ކަޑަކަމެއް ތީ. ތިއީ އެމްޑީޕީ މީހެއް

  2. މާމިގިލީ މީހާ

    މިމީހާ ޖަލުގެ ގޮޅިއަކަށް ނުލައި ހުންނާނެބާ. ފަޑިޔާރުކަން މަތީ.. ހީވެސްނުވޭ.