ސުޕްރީމް ކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަޤާމަށް، ހައިކޯޓުގެ ދެ ފަނޑިޔާރަކު އައްޔަން ކުރަން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމަށް ނިންމައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ޖޭއެސްސީން ލަފާދެއްވަން ނިންމަވާފައި ވަނީ، ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ޣަނީ މުޙައްމަދުގެ ނަންފުޅެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ މަޤާމު ހުސްވީ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާއި ފަނޑިޔާރު ޢަލީ ހަމީދުގެ މައްޗަށް ދަށު ކޯޓުތަކުން ކުރި ޙުކުމަށް ސުޕްރީމް ކޯޓުން ތާޢީދު ކުރުމުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ޖޭއެސްސީން ލަފާދެއްވަން ނިންމަވާފައިވާ ދެ ބޭފުޅުންގެ ތެރެއިން އަބްދުﷲ ދީދީ މީގެ ކުރިން ޖިނާއީ ކޯޓުތަކުގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނު ހައިކޯޓަށް އައްޔަން ކުރެވުނީ 2015 ވަނަ އަހަރުއެވެ.

މީގެ އިތުރުން ފަނޑިޔާރު އަބްދުލް ޣަނީ މުޙައްމަދަކީ، ހައިކޯޓުގައި 2004 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރައްވަމުން ގެންދަވާ ފަނޑިޔާރެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތިމަންނަ

    ޑޫޔޫ ރިއަލީ ނީޑް އަ ފަޑިޔާރު ؟ އޯލް އިން ވަން " ކައްޕި" ....