ދިވެހިރާއްޖޭގެ ސްކޫލުތަކަށް ދިވެހި ޕްރިންސިޕަލުން ތަމްރީނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ މަޝްރޫޢުގެ ދެވަނަ ބުރުގައި 30 ޕްރިންސިޕަލުންނަށް މެލޭޝިއާގެ ޔުނިވަރސިޓީ ޓެކްނޮލޮޖީ މާރާގައި ގައި، މާސްޓަރސް އޮފް އެޑިއުކޭޝަނަލް މެނޭޖްމެންޓް އެންޑް ލީޑަރޝިޕްގެ ރޮނގުން ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި 30 ފުރުސަތުގެ ތެރޭގައި ކޯސްފީ ހިލޭ 10 ސްކޮލަރޝިޕް ހިމެނޭ ކަމަށެވެ. އަދި ދަރިވަރުން އަމިއްލައަށް ކުރަންޖެހޭ އެހެނިހެން ޚަރަދުތައް ސަޕްލިމެންޓްރީ ލޯނުގެ ދަށުން ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ހަމަޖައްސައި ދޭއިރު އަނެއް 20 ފުރުޞަތުގެ ދަށުން، ކޯސް ފީ، އަދި އެހެނިހެން ޚަރަދުތައް ވެސް ސަޕްލިމެންޓްރީ ލޯނުގެ މެދުވެރިކޮށް ހަމަޖައްސައިދެވޭނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މި ފުރުސަތުތަކަށް ޝަރުތު ހަމަވާ އެންމެނަށްވެސް ކުރިމަތި ލެވޭއިރު މި ސްކޮލަޝިޕްތަކުގެ ދަށުން ފުރުސަތު ދިނުމުގައި އިސްކަންދޭނެ 30 ސްކޫލެއް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ކަނޑައަޅައި އިއުލާން ކޮށްފައެވެ. އެހެން ކަމުން ނޮމިނޭޓް ކުރުމުގައި ފުރުސަތު ތަކަށް ކަނޑައެޅިފައިވާ ރަށްތަކަށް ހުށައަޅާ ކެންޑިޑޭޓުންނަށް އިސްކަންދެވޭނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މިކޯހުގެ ޝަރުތު ތަކުގައި ތެރޭގައި ހިމެނެނީ އެޑިޔުކޭޝަނަލް އެޑްމިނިސްޓްރޭޝަން-މެނޭޖްމެންޓް ނުވަތަ ކިޔަވައި ދިނުމުގެ ދާއިރާއިން ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު ޓީޗިންގ-އެޑްމިނިސްޓްރޭޝަން ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ، އެޑިޔުކޭޝަން ނުވަތަ ކިޔަވައި ދިނުމުގެ ދާއިރާއިން އޮނަރސް ޑިގްރީއެއް ހާސިލުކުރައްވާފައިވުމާއެކު ޓީޗިންގ-އެޑްމިނިސްޓްރޭޝަން ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމެވެ.

މީގެ އިތުރުން ޓީޗންގ ސަރވިސް އޮފިސަރގެ ޝަރުތު ހަމަވުމާއެކު ލީޑިން ޓީޗަރގެ މަގާމުގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، ޓީޗިން ސަރވިސްގެ ޝަރުތު ހަމަވުމާއެކު ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށްވެސް މި ފުރުސަތުތަކަށް ކުރިމަތިލެވޭނެއެވެ.

މިފުރުސަތުތަކަށް ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ މިފެށޭ ޖުލައި މަހުގެ 10ވާ އަންގާރަ ދުވަހެވެ.

ޕްރިންސިޕަލުން ތަމްރީނުކުރުމުގެ ފުރަތަމަ ބުރުގެ 30 ޕްރިންސިޕަލުން މިހާރު ދަނީ މާސްޓާސް ކޯސް ސްރީ ލަންކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގައި ފުރިހަމަ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒަރީރު

    ދިގުރަށު ކުއްޖަކަށް ލިބިފަ އޮތްސްޓޯޑެންޓް ލޯނެއް، ސީދާ ތިމާވެއްޓާ ބެހޭ މިނިސްޓަރ ބުނެގެން ނުދީ ހިފެހެއްޓީ ކީއްވެބާ..ވަކި މީހަކުވީމަ ވަކި ގޮތެއް ބާ...