މަތީ ތައުލީމު ހާސިލްކުރުމުގެ ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ނިންމާފައިވާކަމަށް ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) އިން މިއަދު ބުނެފިއެވެ.

އެ ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނެވި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، ސަރުކާރުން މިހާރު ބޭނުންވަނީ ރާއްޖޭގެ މަތީ ތައުލީމަށް ދާ ހުރިހާ ކުދިންނަށް ފުރުސަތު ފަހިކޮށްދިނުންކަމަށެވެ. އެގޮތުން ޑީއެޗްއީ އިން ހެދި ހަޔާ އެޑިޔުކޭޝަން މާސްޓަރސް ޕްލޭންގައިވެސް ވާގޮތުން 2022 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖޭގެ މަތީ ތައުލީމަށްދާ ކުދިންގެ 60 އިންސައްތަ މަތިކުރުން ކަނޑައަޅާފާއިވާނެ ކަމަށް ނަޒީރު ވިދާޅުވިއެވެ.

"އެގޮތުން މިފަހަރުވެސް ލޯނަށް އެޕްލައި ކުރި ކުދިންގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ދިވެހި ކުދިންނަށް އެ ފުރުސަތު ދޭން ނިންމީ" ނަޒީރު ވިދާޅުވިއެވެ.

މަތީ ތައުލީމް ހާސިލް ކުރުމަށް ދޭ ލޯނަށް އެދި ހުށަހެޅުމަށް މިދިޔަ މާރިޗް މަހު ހުޅުވާލީ 500 ފުރުސަތެވެ. އެހެންކަމުން މި ގެނައި ބަދަލާއެކު، ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ޖާގަ ދޭނެކަަމަށް ނަޒީރު ވިދާޅުވިއެވެ.

މީގެކުރިން ކަނޑައަޅާފައިވާ ޖާގައަށް ވުރެ އިތުރަށް ދަރިވަރުން ކުރިމަތިލައިފި ނަމަ، ލޯނު ލިބޭ ދަރިވަރުން ހޮވާނީ ގުރުއަތުލައިގެންނެވެ.

އެ ލޯނަށް އެދި މިފަހަރު 600 އެއްހާ ދަރިވަރުން ކުރިމަތިލިއިރު، އޭގެ ތެރެއިން ޝަރުތު ހަމަވަނީ 595 ދަރިވަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިގުރަށު ސޮރު

    ކުރިން ފަހަރުވސް ޝަރުތު ހަމަވެގެން ލިބިފަ އޮއްވާ އޭތި ނުދިނީ..އެފަހަރު ބުނީ ރަށަށް ނިސްބަތްވާ މިނިސްޓަރު ހިއްހަމަޖެހޭ ވަރަށް ޕާޓީއަށް މީހުން ސޮއެ ނުކުރީމަޔޯ..