މާލޭ ސިޓީ ކައުންސިލުން ދާދި ފަހުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ޗައިނާ އެމްބަސީ ކައިރީގައި އޮންނަ ޕާކިން ޒޯންގައި ހާއްސަ ކުރި ޖާގައިގައި ނުކުޅެދުންތެރިކަން ނުހުންނަ މީހުންގެ ވެހިކަލްތައް ޕާކް ކޮށްފައި ހުރުމުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެހިކަލް ޕާކް ކުރަން ފުރުސަތު ނުލިބޭ މައްސަލަ ބޮޑުވެއްޖެއެވެ.

ޕާކިން ޒޯންގައި ނުކުޅެދޭ މީހުންގެ ޖާގައިގައި ވެސް އެހެން މީހުންގެ ވެހިކަލްތައް ޕާކް ކޮށްފައި ހުންނަ މައްސަލަ މިރޭ "ވޮއިސް" ގެ ޝަފްރާޒް އަހްމަދު ހުސެއިން ސަމާލުކަމަށް ގެންނެވުމުން މާލޭ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވެސް ވަނީ އެމައްސަލަ އާއި ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވަފައެވެ.

ޝަފްރާޒް ވަނީ ނުކުޅެދޭ މީހަކު ސައިކަލް ޕާކް ކުރާނެ ޖާގަ ނެތިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމު ކޮށްފައެވެ. ނުކުޅެދޭ މީހުންނަށް ޙާއްސަކޮށްފައިވާ ޕާކިންގ ޒޯނުގައި ބަޔަކު ޕާކުކޮށްފައި ހުރުމުން ނުކުޅެދޭ މީހާއަށް ވެހިކަލް ޕާކުނުކުރެވުނު ކަމަށް ޝަފްރާޒް ބުންޏެވެ. އެސަރަހައްދާއި ވަރަށް ކައިރީގައި ފުލުހުންގެ ޗެކް ޕޯސްޓެއް ވެސް ހުރެއެވެ. ނަމަވެސް ފުލުސް މީހާ އިނީ ޗެކްޕޮއިންޓްގައި ފޯނާއި ކުޅެން ކަމަށާއި ނުކުޅޭ މީހާއަށް ފުލުހުންގެ ސަމާލުކަން ނުލިބުނު ކަމަށް ޝަފްރާޒް ބުނެފައި ވެއެވެ.

ޝަފްރާޒްގެ ޓްވީޓް ރީޓްވީޓް ކުރައްވަމުން މޭޔަރު މުއިއްޒު ވިދާޅުވީ ނުކުޅެދޭ މީހުންނަށް ހާއްސަ ޒޯންގައި އެހެން މީހުން ވެހިކަލްތައް ޕާކް ކުރުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ. މުއިއްޒު ވަނީ ހުރިހާ ފަރާތްތަކަކުން ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކަށް އިހްތިރާމް ކުރުމަށް ގޮވާލައްވާފައެވެ. އަދި އޯގާތެރި މުޖުތަމައެއް ބިނާ ކުރުމުގައި ކޮންމެ މީހަކު ވެސް އެމީހެއްގެ ދައުރު އަދާކުރުމަށް މޭޔަރު ވަނީ އެދިވަޑައިގެންފައެވެ.

މާލޭ ތެރޭގައި ނުކުޅެދޭ މީހުންނަށް ހާއްސަ ކޮށްފައި ހުންނަ މީހުންގެ ޕާކިން ޒޯންތަކުގައި އެހެން މީހުންގެ ވެހިކަލްތައް ޕާކް ކުރާ މައްސަލަ ވަރަށް ބޮޑެވެ. އަދި ނުކުޅެދޭ މީހުން ގެއަށް ވަނުމަށް ހާއްސަކޮށްފައި ހުންނަ ރޭމްޕްތައް މަތީގައި ވެސް ބައެއް މީހުން ވެހިކަލް ޕާކް ކޮށްފައި ހުންނަ މަންޒަރު ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަފޭ

    ކޮއިޑް ގައި މިހާލަތައް ގައުމު ވެއްޓުނީމަ ކުޅެދޭ މީހާ ވެސް ނުކުޅެދޭ ނުންތޯ ވާނީ

    5
    3
  2. ކެޔޮޅުބެ

    އެހެންނުވާނީ މިގައުމުގަ ވެރިކަންވެސް ކުރަނީ ނުކުޅެދޭ ގޮތަށްވިއްޔަ.

    7
    4
  3. Anonymous

    ހިސބަށްވުރެ ލަދު ހަޔާތް ކުޑަވީމަ ވާނީ އެހެން.ވ ގޮތެއް ފޮތެއް ސުލޫކެއް ނެތް ކޮންމެއަކަސް

    10
  4. އިބުރާހީމް

    ގާނޫނާ ގަވާއިދާ ހިލާފުވާ މީހުންނަށް މި ސަރުކާރަކު ފިޔަވަޅެއް ނޭޅޭނެ. ވެރިކަމުގައި ހުންނަން ޖެހޭނީ ރައްޔިތުން ބިރުގަންނަ އަދި އިހުތިރާމު ކުރާ ވަރުގެ މީހެއް.

  5. ކަލޯ

    މަ ވަރެއް ނެތް ކަމަށް ހީވާ ދިވެހިންގެ ގޮތެއް ފޮތެއް އަދަބެއް އަޚުލާގެއް ސުލޫކެއް އިޙުތިރާމެއް ނެތްކަމުންވާ ގޮތް. އިޖުތިމާއީ ފޭރާން ފުނޑި މުޖުތަމަޢު ފުނޑެނީ. ކުއްވެރިންނަށް އަދަބު ނުދެވި މިނިވަންކަންމަތީ އުޅެވޭ ގައުމެއްވީމާ މިކަހަލަ އެތައް ކަމެއް އަދި ފެންނާނެ