ދިވެހިރާއްޖޭގެ ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދަން އިޢުލާންކޮށްފިއެވެ. މި ފަނޑިޔާރުން ހޯދަން އިއުލާންކޮށްފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވާ ގޮތުން، މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކަކީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ އެއް އޮތް މީހަކުކަމުގައި ވާން ޖެހޭނެކަމަށެވެ. ހަމައެހެންމެ، މި ދާއިރާގައި މަސައްކަތްކުރާތާ މަދުވެގެން ފަސް އަހަރުވުމާއެކު، އެމީހެއްގެ އުމުރުން 25 އަހަރަށް ވުރެ ދޮށީ ވާން ޖެހޭނެކަމަށްވެސް އެއިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، ވަކި ބާވަތެއްގެ ކުށްތަކެއް ކޮށްފައިވާ މީހަކަށްވެސް، ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތި ނުލެއްވޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މި މަޤާމުތަކަށް އަންނަ ޖުލައި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މަޤާމަށް ހޮވޭ މީހަކަށް އަސާސީ މުސާރައާއި ކަނޑައެޅިފައިވާ އެހެނިހެން އިނާޔަތްތަކާއެކު މަހަކު 54،000 ރުފިޔާ ލިބޭނެކަމަށްވެސް ޖޭއެސްސީގެ އިޢުލާނުގައިވެއެވެ.

ހައިކޯޓުގެ ބެންޗުގައި ޖުމުލަ 11 ފަނޑިޔާރުން ތިއްބަވާއިރު، ދާދިފަހުންވެސް އެކޯޓުގެ ފަނޑިޔާރުކަމަށް ދެ ބޭފުޅަކު އައްޔަން ކުރައްވާފައިވެއެވެ. އެއީ، މުޙައްމަދު ނިޔާޒާއި ޙަސަން އަލީއެވެ.