ފްލައިންގ ސްކޫލް ހިންގަމުންދާ އިމާރާތުގެ މުއްދަތު ހަމަވެ، އެ އެއްބަސްވުން އައު ނުކޮށްދޭން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީން ނިންމައިފިއެވެ.

ދާދި އިހަށް ދުވަހާއި ހަމައަށް ސްރީލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) އިން ރާއްޖޭގައި ފްލައިންގް ސްކޫލެއް ހިންގަމުން ދިޔައީ އެންމެ ދެކުނުގައެވެ. އެއީ އައްޑޫގެ އެއާޕޯޓުް ހިންގަމުންދާ ކުންފުނިން ދޫކޮށްފައިވާ އިމާރާތެއްގައެވެ. އެ ފްލައިންގް ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލަ ބޮޑުވެފައި ވަނިކޮށް އެވިޑު ކޮލެޖުން އެ ސްކޫލް ގަނެ ހިންގުމާއި ހަވާލުވިއެވެ.

އޭއޭއޭގެ މިލްކިއްޔާތު އެއްކޮށް ގަނެ އެތަނުގެ ހިންގުމާ އެވިޑް ކޮލެޖުން ހަވާލުވެފައި ވަނީ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ.

އޭއޭއޭ އާއި އެކު އެ ކުންފުނިން ވެފައިވާ އެއްބަސްވުން އައު ނުކުރުމަށް އައްޑޫ އެއާޕޯޓް ކުންފުނީގެ ބޯޑުން ނިންމާފައިވާއިރު، އެއްބަސްވުމުގެ މުއްދަތު ހަމަވެފައި ވަނީ މިދިޔަ މަހުގެ ނިޔަލަށެވެ.

އެއަރޕޯޓް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ ގައިސް ނަސީރު ވިދާޅުވި ގޮތުގައި 2018 ވަނަ އަހަރު ވެސް އެއްބަސްވުން އައު ނުކުރުމަށް ބޯޑުން ނިންމި ނަމަވެސް، އެ އަހަރު ވެސް އޭއޭއޭގެ އެދުމުގެ މަތިން އެއްބަސްވުން އައު ކޮށްދީފައިވެއެވެ.

އޭގެ ފަހުން 2020 ވަނަ އަހަރަށް އެއްބަސްވުމުގެ މުއްދަތު ހަމަވުމުންވެސް ދަރިވަރުންގެ ކޯސް ފުރިހަމަކުރުމަށް އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެދުމުން އެ މުއްދަތު ވެސް އޭއޭއޭއަަށް ދީފައިވެއެވެ. އެހެންނަމަވެސް މިފަހަރު އެ އެއްބަސްވުން އާ ނުކޮށްދޭން ކުންފުނީގެ ބޯޑުން ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުޝްތާގް ރަޝާދު "ވަގުތު" އަށް ވިދާޅުވީ މިހާރު ކިޔަވަމުން ދާ ދަރިވަރުންގެ ކޯސް ފުރިހަމަ ކުރެވެންދެން އެ އިމާރާތް އެވިޑް ފްލައިންގ ސްކޫލްއަށް ދޫކުރުމަށް ސަރުކާރުގައި އެދިފައި ވާނެ ކަމަށެވެ. އަދި އެކަން މަގުފަހިކޮށްދިނުމަށް ސަރުކާރުގެ މުވައްސަސާތަކަށް އަންގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާކަން ފާހަގަކުރެއްވިއެވެ.

މުޝްތާގް ވިދާޅުވީ އެ އިމާރާތުގެ އެއްބަސްވުން އާ ނުކޮށްދޭނަމަ އެހެން އިމާރާތަކަށް ބަދަލުވެވެންދެން އެ އިމާރާތުގައި ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދުއުމުގެ ފުރުސަތު ދިނުމަށް އެދޭ ކަމަށެވެ.

"ސަރުކާރާއި އެކު މަޝްވަރާތަކެއް ކުރެވެމުން ދަނީ މި ކުދިންގެ ކިޔެވުން ނިމެންދެން އައްޑޫގެ މި އިމާރާތުގައި ތިބެން. އަޅުގަނޑުމެން އެދުނިން ކުދިންގެ ކިޔެވުން ނިމެންދެން ތިބެވޭނެ މަގު ހަމަޖައްސާދިނުމަށް. އެ މަގު ފަހިކޮށްދިނުމަށް މުއައްސަސާތަކަށް ރައީސް އޮފީހުން ސިޓީ ފޮނުވާފައިވާ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ. އެގޮތަށް ކުންފުނިން އެއްބަސް ނުވާނަމަ އަޅުގަނޑުމެން އެހެން ތަނަކަށް ބަދަލުވެވެންދެން ތިބުމުގެ ފުރުސަތު ދިނުމަށް ވާނެ އެދިފައި." މުޝްތާގް ވިދާޅުވިއެވެ.

އޭއޭއޭއިން ފްލައިން ސްކޫލް ހިންގުމަށް ދީފައިވާ ބިމުގެ ކުލީގެ ގޮތުގައި ދަންކަންޖެހޭ ފައިސާ މިހާތަނަށް ހަމައަށް ދައްކަމުން ނާންނަ ކަމުގެ ވާހަކަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.

އައްޑޫ ފްލައިންގް ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ކިޔެވުން ހުއްޓި، ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ދަރިވަރުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވެސް މިހާރު ކުރިއަށްދެއެވެ. ބަދަލު ހޯދަން ހުށަހެޅީ އެ ސްކޫލުގައި ކިޔަވަމުންދާ 48 ދަރިވަރެކެވެ.

މިހާރު އޮތް ގޮތުން އެވިޑަށް އައްޑޫގައި ފްލައިން ސްކޫލް ނުހިންގޭނެއެވެ. އައްޑޫގައި ފްލައިން ސްކޫލް ނުހިންގުނު ނަމަވެސް ރާއްޖޭގައި ފުރުސަތު އޮތް އެހެން ދިމާއެއްގައި އެކަން ކުރިއަށް ގެންދާނެ ކަމަށް މުޝްތާގު ވިދާޅުވެއެވެ.