މިނިވަން ނޫހުގެ އަހްމަދު ރިލްވާން ގެއްލުނު މައްސަލަ ތަހްގީގު ކުރުމަށް ރައީސް ސޯލިހް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ތިން އަހަރު ވާން ކައިރިވެފައިވާއިރު ވެސް އެމައްސަލައިގެ ތަހްގީގުގައި އެދެވޭ ކުރިއެރުމެއް ހޯދިފައި ނުވާތީ ކުރިމަތިވެފައިވާ ފާޑުކިޔުންތަކުން ދިފާއުވާން ބަޔާނެއް ނެރެފިއެވެ.

ރިލްވާން ގެއްލުނު ހާދިސާއަށް ހަތް އަހަރު ފުރުން މިއަދު ފާހަގަ ކުރަމުން ދާތީ ރިޔާސީ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ މި މައްސަލައިގެ މަޢުލޫމާތު އެނގިތިބި ފަރާތްތައް ހެކިބަސް ދިނުމަށް އެކި ސަބަބުތަކާހުރެ ޖެހިލުންވާތީ، އެކަމަށް ޙައްލު ހޯދުމުގެ ގޮތުން، ދައުލަތުގެ ކަމާގުޅުން ހުރި މުއައްސަސާތަކާ މަޝްވަރާކޮށްގެން ޤާނޫނީ އިމުގެތެރެއިން ހެކިންނަށް ރައްކާތެރި މާޙައުލެއް ހަމަޖެއްސޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުން އަންނަ ކަމަށެވެ.

އޭގެ ސަބަބުން، ޖިނާއީ ޢަދުލުގެ ނިޒާމަށް ރައްޔިތުންކުރާ އިތުބާރު އިތުރުވެ މައްސަލަތަކުގައި ހެކިބަސް ދޭން ބޭނުންވާ ފަރާތްތަކުން، ހެކިބަސް ދިނުމަށް ޖެހިލުންވުން ކުޑަކުރެވިގެންދާނެ ކަމަށް ކޮމިޝަނުން ބުންޏެވެ.

"މިކަމަށްޓަކައި، ބޭރުގެ ކަމާ ގުޅޭ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު، ހެކިބަސް ދޭ ފަރާތްތަކަށް ރާއްކާތެރިކަން ދިނުމާ ގުޅޭ ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުގެ ބައިވެރިވުމާއެކު ކޮމިޝަނުން މި ދަނީ ކުރަމުންނެވެ. މި ޕްރޮގްރާމް ކުރިޔަށް މި ގެންދަނީ، ރާއްޖޭގެ އިޖުތިމާޢީ، ދީނީ، ސިޔާސީ އަދި އާބާދީގެ މައްޗަށް ރިޢާޔަތް ކުރެވި، ރާއްޖެފަދަ ޤައުމެއްގައި މި ނިޒާމު އެންމެ އެކަށީގެންވާ ގޮތެއްގައި ހިންގޭނެ ގޮތެއް ބަލައި، އެކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް، އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ފާހަގަކުރަމެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

ރިލްވާން ގެއްލުވާލާފައިވާ މައްސަލައާ ގުޅިގެން ރިޔާސީ ކޮމިޝަނުން ކުރަމުންދާ ތަޙުޤީޤުގެ މައިގަނޑު އަމާޒަކީ، ރިލްވާން ގެއްލުވާލުމުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން، އެ ޖަރީމާ ހިންގުމުގައި ކުޑަނަމަވެސް ބައިވެރިވުމެއް އޮތް ފަރާތެއްވާނަމަ، އެ ފަރާތެއް ޝަރީޢަތުގެ ކުރިމައްޗަށް ގެނެސް، އެ މީހަކު އެ ކުށުގައި ބައިވެރިވެފައިވާ މިންވަރަކާ ގުޅިގެން ޒިންމާ ކުރުވައި، މި މައްސަލައިގައި އިންސާފު ހޯދައިދިނުން ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

މި ތަޙުޤީޤު ކުރިޔަށް ގެންދިއުމުގައި ގިނަ ހުރަސްތަކެއް ކުރިމަތިވެފައި ވީނަމަވެސް، ކޮމިޝަނުން މި އަންނަނީ އެ ހުރަސްތަކުން އަރައިގަތުމަށް މަސައްކަތްތަކެއް ކުރަމުން ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

މަރުގެ މައްސަލަތަކާއި، ރޭވިގެން ހިންގޭ ކުށްތަކާއި ޓެރަރިރަމްގެ ކުށްތައްފަދަ ހެކިންގެ ހެކިބަހުގެ މައްޗަށް ބަރޯސާވާ މިފަދަ ބޮޑެތި މައްސަލަތައް ތަޙުޤީޤު ކުރުމުގައި އެ މައްސަލަތަކުގައި ހެކިބަސް ދޭ ފަރާތްތަކަށް ރާއްކާތެރިކަން ލިބިގެންދާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިފައި އޮތުމުގެ މުހިއްމުކަން ދިވެހިރާއްޖެއަށް މިވަނީ ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށް ވެސް މަރު ކޮމިޝަނުން ބުނެއެވެ.

"އެގޮތުން، މުޖުތަމަޢުގައި އުޅޭ ފަރާތްތަކުގެ ތެރެއިން މިފަދަ ކުށްތަކާ ގުޅޭ މަޢުލޫމާތު އެނގިތިބި ފަރާތްތަކަށް، ހެކިބަސް ދިނުމުގެ ބޭނުންތެރިކަމާއި، އެކަމުގެ މުހިއްމުކަމާއި އަދި އެ ދެވޭ ހެކިބަހުގެ ސަބަބުން ހެކިބަސްދޭ ފަރާތަށް ނުރައްކަލެއް ނެތްކަމުގެ އިހުސާސްކުރެވޭނެ މާޙައުލެއް ގާއިމުކުރަންޖެހޭ ކަމަށް ކޮމިޝަނުން ދެކެމެވެ. އޭގެ ނަތީޖާއަކަށްވާނީ، ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް މިފަދަ ކުށްތަކުގެ ޙަޤީޤަތް ހޯދުމަށް ފަސޭހަވެ، ކުށްވެރިންނަށް ކުންކުރުމަށް ޖެހިލުންވެ، ކުށްކުރުން މުޖުތަމަޢުގައި މަދުކުރެވި، މިފަދަ ކުށްތައް ތަޙުޤީޤުކޮށް ޝަރީޢަތް ހިންގުމަށް ދައުލަތުން ކުރަމުން ގެންދާ ހޭދަ ކުޑަކުރެވި، އަމާން ރައްކާތެރި މުޖުތަމައެއް ގާއިމުކުރެވިގެން ދިއުމެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

ރިލްވާން ގެއްލުވާލާފައިވާ މައްސަލައާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ދެއްވަން ބޭނުންވާނަމަ، އެ ފަރާތަކުން ކޮމިޝަނަށް ހާޒިރުވެ ނުވަތަ ކޮމިޝަންގެ މޯބައިލް ނަންބަރު 9607390841+ ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ޙިއްޞާކުރެއްވުމަށް ކޮމިޝަނުން އެދެއެވެ. އަދި ހަމަ މި ނަންބަރުން ވައިބަރ، ވަޓްސްއެޕް، ޓެލެގްރާމް އަދި ސިގްނަލް މެދުވެރިކޮށްވެސް މަޢުލޫމާތު ޙިއްޞާކުރެވޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ކޮމިޝަނުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ވަޒީރެއާލާ

    މަރުވެފަައިއޮތް މަރުކޮމިޝަނަކުން ކުރެވޭނެ އެއްވެސްކަމެއްނެތް. ތިޔަކޮމިޝަން އުފެއްދީވެސް އެމްޑީޕީގެ ނަގާކިޔާ ގުރޫޕަށް ވަޒީފާދިނުމުގެ ބޭނުމުގައި.

    36
    2
  2. ޑައެލޯގް

    މިސަރުކާރުގެ ހުރިހައި ފެއިލެއް ރ.ޔާމީން ބޮލަށް ކަނޑާލާ އެއިރަށްވެސް އަތްޖަހާބަޔަކު ޖަހާނެއެވެ. މިސަރުކާރުންކުރާނެކަމެއްނެތް ދައުލަތުގެ ހަޒާނާހުސްވެއްޖެ.

    14
  3. މަރު

    ރައްޔިތުންނޭ ހޭލާ. ވިސްނާ ފިކުރުކޮށްލަން ވަގުތުކޮޅެއް ހުސްކޮށްލާ. ސިޔާސީ ހަތިޔާރަކަށް ރިލްވާންއާއި އަފްރާޝީމްގެ މަރުގެ މައްސަލަ މިވެރިން މިހަދަނީ. މިކަންކުރި ބަޔަކު ހޯދާ މިކަންކަން ބަލާނެ ބައެއްނެތް. ވެރިކަމަށް އައީވެސް މި މަރުތަކުގެ ވާވައްދައިގެން. ވީ ކަމެއް އެބައޮތްތަ. އެދެމީހުންގެ ފުރާނައަށް ހެޔޮ ރަޙްމަތް މިންވަރުކޮށްދެއްވާށި. ޔަޤީނުންވެސް މީހަކު މަރައިފިނަމަ ކޮންމެވެސް ދުވަހަކުން އެބަޔަކު އެނގޭނެ. އެއީ ސިއްރުކުރެވޭނެ ކަމެއްނޫން. ބަލަން މިތިބީ

    14
  4. އެބްރެހެމް

    ތިޔަ ކަމަކާ ހުރެ އަލުން އާ ގާނޫނު އަސާސީ އެއް ފާސް ކުރަން ޖެހޭނެހެން ހީވަނީ…
    ރިލުވާނު މަރާލިކަމަށް ތުހުމަތު ކުރެވޭ މީހާ ފުރުވާލި މީހާ އެހެރީ ރަސްމީ އިއްޒަތުގަ ގޭގަ!!
    ކާކު ސަލާމަތް ނުކުރެވިގެން ގާނޫނު ގޯސް ވެގެން ޕްރޮގްރާމް ހިންގަން ތިޔަ އުޅެނީ…

  5. އަލަމް

    އަޒުލީފު ފުރުވާލީ އަދީބު… ތަހުގީގު ފަށާބަލަ!!
    އަދީބުގެ ބާރު އަދިވެސް ހިނގަނީ

    20
  6. Anonymous

    ތިޔައީވެސް އޮޅުވާލުމެއް!އެންޓރނެޝަނަލް ޕުރެކްޓިސްއާ އެއްގޮތައް އަމަލު ކުރާތީ މަރު ކޮމިޝަން ތިހާ ބޮޑަށް ފޭލުވީ! ލަދުހަޔާތްވެސް ނެތްބައެއް ކޮމިޝަނުގައި ތިބީ ނިކަމެތި ރައްޔިތުންގެ ފައިސާއިން ބޮޑު އަދަދުން މުސާރަ ނަގައިގެން ތިބެ ރައްޔިތުންގެ ލޮލުގައި އަދުން އަޅުވަނީ!

  7. ބުރުގާ

    އެއްކަލަ މަކަރުވެރި އެމްޑީޕީ ބައިގަނޑުތައް ދެބޯގެރި ދުއްވަންފެށީ..

    10
  8. ހުސޭނުބޭ

    ކޮމިޝަނުގެ މެމްބަރުން މުސާރައިން ދިފާޢުނުވޭތަ؟

  9. ޢަހުމަދު1

    ލަފާކުރެވޭ ގޮތުން ކޮމިޝަނުން ބޭނުން ވަނީ ރިޝްވަތް ދީގެން ހެކި ހޯދަން.

  10. ފާއީ

    ކޮމިޝަނުން ރިޝްވަތު ދީގެން ހެކީން ހޯދުމަށް މަސައްކަތް ކުރަނީ، އެކަން ނުވެގެން ތެޅިފޮޅެނީ

  11. ކޮޔާ

    އަފުރާޝީމްގެ ގަތުލުގައި ބައިވެރިވާމީހުން އިމްރާނަށްއެނގެއި އެކަމުން އެކޮމިޝަން ސުވާލެއް ވެސް އޭނައާކޮށްނުލައި ދެން ތިރިލުވާނާ ޔާމީނުރަޝީދާ ދެމީހުންގެ މަރާބެހޭ އެތައްމަޢުލޫމާތެއް އެތައްގޮތަކަށްދެއްކިބަޔެއް މިސަރުކާރުގައިތިބީ އަދި24 ގަޑިއިރުނުވަނީ