އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީއާ ގުޅިގެން މަސައްކަތް ކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވީ ގައުމީ މަސްލަހަތުގައި ކަމަށް މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގެ މައްސަލައިގެ ތަހުގީގަށް ފާރަވެރިވާން އެމްޑީޕީގައި އެކުލަވާފައިވާ ކޮމިޓީގެ މުގައްރިރު އަފީފް ވިދާޅުވީ، މި ހިސާބަށް ކަންކަން ދިޔައީ ހަރުކަށި ފިކުރު ފެތުރެން ދޫކޮށްލުމުން ކަމަށެވެ.

ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވި އަފީފް ވިދާޅުވީ، އިސްލާމް ދީނުގެ ނަމުގައި ބައެއް ދިވެހިން އެއް ބަޔަކު ކާފަރު ކުރުމާއި މަރަން ގޮވުމާއި އަނިޔާވެރިވާން ގޮވުން ފަދަ ކަންކަމަކީ އޭގެ ޒާތުގައި ވެސް ޖިނާއީ ކުށެއް ކަމަށެވެ.

ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އަފީފް ވިދާޅުވީ، ޕީޕީއެމްއާއި ޕީއެންސީއާ އެކު މަސައްކަތް ކުރައްވަން ނަޝީދު އެދިވަޑައިގަންނަވަނީ މިފަދަ ގައުމީ މަސްލަހަތު އޮތް ކަމެއްގައި މަސައްކަތް ކުރެއްވުމަށް ކަމަށެވެ.

"ގައުމީ މަސްލަހަތު އިސް ވާން ވާނެ، ގައުމީ މަސްލަހަތު އޮތް ކަމެއްގައި ނަތީޖާއެއް ނެރެވޭނީ ވެސް އެންމެން މަސައްކަތް ކޮށްގެން، އަޅުގަނޑުމެންނަށް މި ވަގުތު ވަރަށް މުހިންމު ވެފައި އޮތް ކަމެއް މިއީ، މި ނަފުރަތުގެ ބިލު ފާސްކުރުމަކީ،" ޕީޕީއެމްއާ ގުޅޭ ގޮތުން ސުވާލު ކުރުމުން އަފީފް ވިދާޅުވިއެވެ.

އަފީފް މިހެން ވިދާޅުވިއިރު، އެމްޑީޕީއިން ޕީޕީއެމްއާއެކު ކޯލީޝަނެއް އުފެއްދުމުގެ ޝައުގުވެރިކަން ނަޝީދު ފާޅު ކުރައްވާފައިވެއެވެ. އެ ކޯލިޝަންގެ އެއް ޝަރުތަކަށް ނަޝީދު ހުށަހެޅުއްވީ ވެސް "ލާދީނީ ގޮވުން" ޖިނާއީ ކުށަކަށް ކަނޑައަޅާ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް ފާސް ކުރުމަށެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ފޮނުއްވި ބިލު ދިރާސާކޮށް ޖުޑިޝަރީ ކޮމިޓީން ތަޅުމަށް ގެންދިޔަ ނަމަވެސް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ އަޣުލަބިއްޔަތުން ނިންމީ އަނބުރާ ކޮމިޓީއަށް ފޮނުވުމަށެވެ.

މި ގޮތަށް އެމްޑީޕީގެ ތެރެއިން ނިމިގެން ދިއުމުން ނަޝީދުއާއި އެމަނިކުފާނުގެ އަރިސް މެންބަރުންގެ ނުރުހުން ވަރަށް ބޮޑަށް އެބަ އޮތެވެ. މިހާރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއެކު ސިޔާސީ ގޮތުން މަސައްކަތް ނުކުރެވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެއެވެ.

ޕީޕީއެމް އާއި ޕީއެންސީން ނިންމާފައި އޮތީ ނަޝީދާއެކު ސިޔާސީ މަސައްކަތެއް ނުކުރުމަށެވެ. މީގެ އިތުރުން، ނަފުރަތުގެ ބިލަކީ ވެސް އެ ކޯލިޝަނުން ތާއީދު ކުރާ ބިލެއް ނޫނެވެ. އެ ކޯލިޝަނުން ތުހުމަތު ކުރާ ގޮތުގައި އެއީ ރާއްޖޭގައި "ލާދީނިއްޔަތު" ފަތުރަން ގެނައި ބިލެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަހްމަދު

    ބިލްފާސްކޮށްފައި ވޯޓް ހޯދަން ނާންނާތީ!!

  2. އަހުމަދު

    ނަޝީދައް އަޅުވެތިވެގެން އޭނަ ޖަހާހާ ބޭރަކައް ނަޝާނެ ބަޔަކު ވޭތޯ އަދިވެސް. ނަޝީދައް މީސްތަކުން ގެއްލުން ދުވަސް ހިނގައްޖެ

  3. ސާމްސާމް ބިހާބިހާ ނާގަބޯ ފަންޏަގިރީ ހަބީބޯ

    އެހެންވީމަ އަފީފުވެސްމީ ހަރުކަށި ސެކިއުލާ ފިކުރަށް އަދި ލާދީނިއްޔަތަށް ލޯބިކުރާ މީހެއްދޯ.. ހަމަ އެއް މަގްސަދެއް ބޭނުންވާ މީހުންތީ.

  4. ޥަޒީފާއަދާކުރާ މީހާ

    ހަނދުމަ ނައްތާލާ

  5. ސސ

    ބަޔެއް މީހުނަށް އިރާނުން ފަންޑު ލިބޭ ޝީޢީ މަޒުހަބު ޕުރަމޯޓް ކުރަންވެސް އެފަދަ މީހުން ދައްކާނެ ލައްކަވާހަކަ!

  6. ދަރަނި ދަންތުރަ

    ޕީ ޕީ އެމް ، ތިޔަލާދީނީ ގުރޫޕަކާނުގުޅޭނެ ، ވިޔާނުދާ ފާހިސްކަންކަމަށް އަފީފުމެން ހާދަފޯރިހުރެޔޭދޯ ...