ރައްޔިތުންގެ މަޖިލީހުގައި މައިނޯރިޓީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮންޓްރޯލްއަށް ގެންނަން ވެގެން ރޭވުންތަކެއް ރާވާފާނެ ކަމަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށް ވަނީ މެޖޯރިޓީ ޕާޓީއަށް ފަހު އެންމެ ގިނަ މެންބަރުން ތިއްބަވާ ޕާޓީއަކަށެވެ. މިހާރު މައިނޯރިޓީ ޕާޓީއަކީ ހަ މެންބަރުން ތިއްބެވި ޕީޕީއެމްއެވެ. މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް) އެވެ.

ޕީޕީއެމްއާއި ޕީއެންސީ ހިމެނޭ ގޮތަށް ނުވަ މެންބަރުން ތިއްބަވާއިރު، އަލަށް އުފައްދާ ސިޔާސީ ޕާޓީއަށް މަޖިލީހުގެ ފަސް މެންބަރަކު ވަނީ ގުޅިވަޑައިގެންފައެވެ. ހަ މެންބަރުންނަށް އިތުރުވެއްޖެ ނަމަ އިދިކޮޅު ކޯލިޝަންގެ ވިސްނުން އޮތީ ޕީއެންސީ މެންބަރުން ޕީޕީއެމްއަށް ބަދަލުވުމެވެ.

"ޖަޒީރާ" ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އަދުރޭ ވިދާޅުވީ އެމްއެންޕީއަށް ނުވަ މެންބަރުންނަށް ވުރެ އިތުރަށް ހޯދެން އޮތް ހަމައެކަނި ގޮތަކީ އެމްޑީޕީގައި ތިއްބެވި މެންބަރުންތަކެއް ހޯދުން ކަމަށެވެ.

އަދުރޭ ވިދާޅުވީ މަޖިލީހުގައި ތިއްބެވި ރައީސްއަށް ތާއީދުކުރައްވާ ބައެއް މެންބަރުންތައް އެ ޕާޓީއަށް ގުޅިވަޑައިގަތުމަކީ ގާތް ކަމެއް ކަމަށެވެ. ބޭނުމަކަށް ވާނީ މަޖިލީހުގެ މެޖޯރިޓީއާއި މައިނޯރިޓީ ވެސް ރައީސްގެ ކޮންޓްރޯލްގައި އޮތުން ކަމަށް އަދުރޭ ސިފަކުރެއްވިއެވެ.

"އެމްޑީޕީގައި ރައީސް ސޯލިހަށް ތާއިދުކުރައްވާ މެމްބަރުންގެ ތެރެއިން މެމްބަރުން ކޮޅެއް އެ ޕާޓީއަށް ދީގެން މައިނޯރިޓީ ގެއްލުވާލަފާނޭ. އެކަމަކު އަޅުގަނޑުމެންގެ އެއްވެސް މެމްބަރެއް ދާނެ ކަމުގެ ބިރެއް ނެތް." އަދުރޭ ވިދާޅުވިއެވެ.

އެމްއެންޕީއަކީ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް) އިސްވެ އުފައްދަވާ ޕާޓީއެކެވެ. އެ ޕާޓީގެ މަސްއޫލުވެރިޔެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުއްވީ ނާޒިމްއާ އާއިލީ ގުޅުން ވެސް އޮންނަ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމްއެވެ.

ނާޒިމްއާއި އުޝާމްގެ އިތުރުން އެ ޕާޓީއަށް ގުޅިވަޑައިގަތީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްއާއި، ނޮޅިވަރަންފަރު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އެވެ.

ތިންހާސް މެންބަރުން ހަމަކޮށް ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރެވެން އޮތް ނަމަވެސް އެމްއެންޕީގެ އަމާޒަކީ ދިހަ ހާސް މެންބަރުން ހަމަކޮށްގެން ޕާޓީ ރަޖިސްޓްރީ ކުރުން ކަމަށްވެއެވެ. ދައުލަތުން ފައިސާ ދޫކުރަނީ މަދުވެގެން ދިހަ ހާސް މެންބަރުން ތިބޭ ޕާޓީތަކަށެވެ.