ކޮވިޑް-19 އަށް ފައްސިވާ ބަލި މީހުން އުފުލަން އެޗްއީއޯސީން ކުއްޔަށް ނެގި ޓެކްސީތަކަކަށް ދޭން ޖެހޭ ހަތަރުލައްކައެއްހާ ރުފިޔާ ނުދީ ހިފަހައްޓާފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ބަލި މީހުން އުފުލަން ދުވަހު ކުއްޔަށް 10 ވަރަކަށް ޓެކްސީ ކުއްޔަށް ނަގާފައިވަނީ ޖުލައި މަހުން ފެށިގެންނެވެ.

އެ ކޮންޓްރެކްޓާ ހަވާލުކުރި އެންޓި ޑޯޓް ކުންފުނީގެ އިސް އޮފިޝަލަކު "ވަގުތު" އަށް ބުނީ މިހާތަނަށް ފައިސާ ލިބިފައިވަނީ ޖޫން މަހު ކުރި 21 ދުވަހުގެ ދަތުރަށް ކަމަށެވެ. އޭގެ ފަހުން އެއްވެސް ފައިސާ އެއް ލިބިފައިނުވާއިރު ކުރި މަސައްކަތުންވެސް މިހާތަނަށް ކުރިއެރުމެއް ނުލިބޭތީވެ ޓެކްސީ ޑްރައިވަރުންގެ ފައިސާވެސް، ކުންފުންޏަށް ނުދެވެއެވެ.

އޮފިޝަލް ބުނީ، ފައިސާ ހޯދަން އެތައް ފަހަރެއްގެ މަތިން ހެލްތުގެ ފައިނޭންޝަލް ކޮންޓްރޯލާ ކައިރީގައި އެ ވާހަކަ ދެއްކުމުންވެސް އޭނާ ދަނީ ބަހަނާ ދައްކަމުން ކަމަށެވެ. އެޗްއީއޯސީން ފުރިހަމަކުރަން ޖެހޭ ދަތުރުތަކުގެ ރިކޯޑް ނުލިބޭ ކަމަށް ބުނެ ފައިސާ ހިފަހައްޓާފައިވާ ކަމަށް މައުލޫމާތު ދިން އޮފިޝަލް ބުންޏެެވެ.

"އެބަ ބުނޭ އެ މީހުން އިހުމާލުންނޭ ދަތުރުތަކުގެ ރިކޯޑް ނުބެލެހެއްޓެނީ. އޭނާ (ފައިނޭންޝަލް ކޮންޓްރޯލާ) އެބަ ބުނޭ އެތަނުން އެ ރިކޯޑްތައް ދިނީމައޭ ފައިސާ ހަމަޖެއްސޭނީ. އެ ރިކޯޑްތައް ބަލަހައްޓަނީ އެޗްއީއޯސީން" އޭނާ ބުންޏެވެ.

އެޗްއީއޯސީން ކުއްޔަށް ނަގާފައިވާ ޓެކްސީތަކަށް ފައްސިވާ މީހުން ފިޔަވާ އެހެން ބަޔަކު އެރުވުމުގެ ހުއްދައެއް ނުދެއެވެ. ފައިސާ ނުލިބޭތީ ޓެކްސީ ޑްރައިވަރުންނަށް އާމްދަނީ ލިބޭނެ އެހެން ގޮތެއް ވަނީ ނެތިފައެވެ.

އެކަމާއި ގުޅޭ ގޮތުން އެޗްއީއޯސީގެ ބަހެއް ހޯދަލާން ގުޅާލުމުން އެޗްއީއޯސީގެ މީޑިއާ އޮފިޝަލް އަދި ހެލްތުގެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް، ތަސްލީމާ އުސްމާން (ތަހޭ) ވިދާޅުވީ ފައްސިވާ މީހުން އުފުލަން ޓެކްސީތަކެއް ނެގި ކަމަށެވެ. އެ މީހުންނަށް ދޭން ޖެހޭ ފައިސާ ލިބޭނެ ކަމަށް އޭނާ ބުންޏެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

ކޮވިޑް-19 އާއި ގުޅިގެން ފުރަތަމަ ސަފުގައި މަސައްކަތް ކުރި ސިއްހީ ހިދުމަތްތެރިންނަށް އެލަވަންސް ނުލިބޭ މައްސަލަ ވެސް ވަރަށް ބޮޑެވެ. ނަމަވެސް ސަރުކާރުން ވިދާޅުވަނީ ގަވައިދުން އެލަވަންސް ދެމުން ގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފިރޭމު

    މުއިޒުގެ ވެހިކަލް ނެގުން! ދެން ޓެކްސީއަށް ލާރި ދިނުން....ލޮލް