ސަރުކާރު ކޯލިޝަންގެ މައި ޕާޓީގެ އެންމެ އިސްވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަކީ އަދާލަތު ޕާޓީގެ ބޭފުޅެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކެވި ރައްޔިތުންގެ މަޖިލިހުގެ ވިލުފުށި ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން އަފީފްގެ މައްސަލަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބެލޭނެ ހަމައެއް ނެތް ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހާރު ހުންނެވީ އަދާލަތު ޕާޓީގައި ނޫން ކަން ވެސް އެނގިވަޑަައިނުގަންނަވާ ކަމަށް އަފީފް ވިދާޅުވުުމުން އެ މައްސަލަ ބައްލަވަން އެދިވަޑައިގެން އެމަނިކުފާނު ވަނީ އާޒިމާއި ޗެއާޕާސަން ހަސަން ލަތީފާ ވެސް ވާހަކަފުޅު ދައްކަވައިފައެވެ. އަދި އެކަމުގައި އަފީފްއާ ވެސް ވާހަކަފުޅު ދައްކަވާފައި ވާނެ ކަމަށް ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދޭ ކަހަލަ ވާހަކަ ދެއްކުމުން އެކަން ބެލުމަކީ އިސްލީޑަރުގެ ހައިސިއްޔަތުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެކަމާ ގުޅިގެން އެ މައްސަލަ ބަލައިދޭން ހުށަހެޅުއްވީ ހަސަން ލަތީފެވެ.

އެކަމާ ގުޅިގެން އާޒިމް "ވަގުތަށް" މިއަދު ވިދާޅުވީ އެ މައްސަލަ އެމްޑީޕީގެ ޕީޖީއަށް ހުށަހެޅިގެން ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެ މައްސަލަ ބެލޭނެ އެއްވެސް ހަމައެއް ޕީޖީ ގްރޫޕްއަށް ލިބިގެން ނުވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

"ޕާލަމެންޓްރީ ގްރޫޕްއަށް އެ މައްސަލަ ހުށަހެޅޭނެ ހަމައެއް ނެތް. ކޮން ހަމަޔަކުންތޯ ހުށަހެޅީ؟" އާޒިމް ސުވާލު އުފެއްދެވިއެވެ.

އާއްމު އުސޫލެއްގެ ގޮތުން އެމްޑީޕީގެ މެންބަރަކާއި ގުޅޭ މައްސަލަތައް ބަލަނީ އެ ޕާޓީގައި އޮންނަ ފިޔަވަޅު އަޅާ ކޮމިޓީންނެވެ.

އެމްޑީޕީ އުފެއްދުމުގައި އެންމެ ފުރަތަމަ ސޮއިކުރެއްވި މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ސިޔާސީ މަސައްކަތް ފެށިގެން އައީ އެމްޑީޕީން ކަމަށްވާއިރު އެމަނިކުފާނު ދެމި ހުންނަވާނީ ވެސް އެ ޕާޓީއާއެކު ކަމަށެވެ.

މިހާރު އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އެބައޮތެވެ. އެއީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަކާއި ރައީސް ސޯލިހުގެ ފެކްޝަނެކެވެ. ދެ ފެކްޝަނުގައި ހިމެނިވަަޑައިގަންނަވާ މަޖިލީހުގެ މެންބަރުންގެ ދެމެދު ދޭތެރެ ދޭތެރެއިން ބަހުގެ ހަމަލާތައް ރައްދު ކުރެވެއެވެ. އެކަންތައް އެންމެ ބޮޑަށް ގޯސްވީ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހުއެވެ.

ރައީސް ހުންނެވީ އަދާލަތު ޕާޓީގައި ނޫންކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށް އަފީފް ވިދާޅުވި ހަބަރާ އެކު އާޒިމް މިދިޔަ ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީގެ އެއްވެސް އެމްޕީއަކު އެހެން ވިދާޅުނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބުއްޅަބޭ

    ދެން ގައިމުވެސް ތިޔަ އާޒުމުގެ މައްސަލަބެލޭނެތާ؟ ދިޔާ އެއްޗިހިގެ މައްސަލަ ބަލަންވީނު؟

  2. Anonymous

    އަފީފު ބުނީ އިބޫ ސޯލިހަކީ އަދާލަތުގެ މެންބަރެއް ނޫންކަމެއްވެސް ނޭނގެޔޭ. މިވަރުން ދެން އާޒިމް ބަލަންވީނު އަފީފުއަކީ ބޯހަޖެހޭ މީހެއްތޯ.

  3. ހުސޭނުބޭ

    ދަބަހުގައި ދިޔާތަކެތި އުފުލީމާ އަފީފުގެ މައްސަލަ ބެލޭނެ