ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ބޯޑުގެ ޗެއާމަނަކަށް، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަމާއު ޝަރީފު ހަމަޖައްސައިފިއެވެ.

ގަލް އޮފިޝަލް އަހުމަދު ހިލްމީ މިއަދު ވިދާޅުވީ، އެންޑީއޭގެ ބޯޑު މެންބަރުން ބަދަލު ކުރަން ނިންމާފައިވާއިރު، މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު އެ ބޯޑުގެ ޗެއާމަނަކަށް ޑެޕިއުޓީ މިނިސްޓަރު ޝަމާއު ޝަރީފް ހަމަޖައްސާފައިވާ ކަމަށެވެ.

ޝަމާއު އަކީ މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރެވެ. މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި މޭޔަރު ކަމަށް ވާދަކުރައްވަން ޕްރައިމަރީއަށް ކުރިމަތިލެއްވިއެވެ. އެކަމަކު ޕްރައިމަރީން އޭނާ ނާކާމިޔާބުވެވަޑައިގަތްް ފަހުން އޭނާއަށް ސަރުކާރުން ވަޒީފާ ދިނެވެ.

ދިހަ މެންބަރުން ތިބެން ޖެހޭ އެންޑީއޭގެ ބޯޑުގެ ޗެއާމަނަކަށް ހުންނެވި އަބްދުލް ހަމީދާއެކު ފަސް މެންބަރުން ވަކިކޮށް އާ މެންބަރުންތަކެއް އައްޔަންކޮށްފައިވެއެވެ. އެއީ އެޑިއުކޭޝަން މިނިސްޓްރީގެ މެންބަރާއި، ހޯމް މިނިސްޓްރީގެ މެންބަރާއި، ޔޫތް މިނިސްޓްރީގެ މެންބަރާއި، ހެލްތު މިނިސްޓްރީގެ މެންބަރާއި، ރައީސް އޮފީހުގެ މެންބަރެވެ.

އެންޑީއޭގެ ސީއީއޯގެ މަގާމު ހުސްކޮށް އޮތް އިރު އެ މަގާމަށް މީހަކު ހޯދުމަށް މަސައްކަތް ކުރެވެމުންދާ ކަމަށް އެންޑީއޭއިން ވިދާޅުވެފައިވެއެވެ. ކުރިން އެ މަގާމުގައި ހުންނެވީ މުހައްމަދު ހަބީބެވެ. އޭނާ އެ މަގާމުން ވަކިކުރިތާ ގާތްގަނޑަކަށް ތިން މަސް ވެއްޖެއެވެ.