މި އަހަރުގެ މިހާތަނަށް ރަޝިއާ އިންނާއި އިންޑިއާ އިން އައި ފަތުރުވެރިންގެ އަދަދު އެއް ލައްކަ އަށް ވުރެ މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ ބުދަ ދުވަހާ ހަމައަށް ރާއްޖެ އަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައީ ރަޝިއާ އިންނެވެ. އެ ގައުމުން 149،731 ފަތުރުވެރިން ރާއްޖެ އައިއިރު، ދެ ވަނަ އަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައީ އިންޑިއާ އިންނެވެ. އިންޑިއާ އިން ރާއްޖެ އައިސްފައި ވަނީ 120،119 ފަތުރުވެރިންނެވެ.

ތިން ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ ޖަރުމަނުންނެވެ. އެ ގައުމުން 37,000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައި އިރު، ހަތަރު ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައީ އެމެރިކާ އިންނެވެ. އެއީ 27،0000 އަށް ވުރެ ގިނަ ފަތުރުވެރިންނެވެ.

ފަސް ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައީ ޔޫކްރެއިނުންނެވެ. އެއީ 26،000 އަށް ވުރެ ގިނަ ފަތުރުވެރިންނެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 670،181 އަށް އަރައިފައެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމެންވާ އިރަށް ރާއްޖެ އަށް 1.3 މިލިއަން ފަތުރުވެރިން ގެނައުމެވެ. އެ އަމާޒަށް ވާސިލްވާނެ ކަމުގެ ޔަގީން ކަން ޓޫރިޒަމް މިނިސްޓްރީން ދެއެވެ.

ރާއްޖެ އަންނަ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރަމުން އަންނަނީ ރިސޯޓުތަކުގައެވެ. ރިސޯޓުތަކަށް ފަހު އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ގެސްޓްހައުސްތަކާއި ހޮޓެލްތަކުގައެވެ. އޭގެ ފަހުގައި ސަފާރީ ފަދަ އުޅަނދުތަކުގައި ވެސް ފަތުރުވެރިން ޗުއްޓީ ހޭދަކުރަން އާދެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެ އަށް އެންމެ ގިނަ އިން އޮޕަރޭޓް ކުރަނީ އިންޑިއާގެ އެއާލައިންތަކެވެ. އެގޮތުން އެއާ އިންޑިއާ، އިންޑިގޯ، ގޯ އެއާ، ސްޕައިސް ޖެޓް ފަދަ ފްލައިޓުތައް ކޮންމެ ދުވަހަކު ހެން ރާއްޖެ އަށް ދަތުރު ކުރެއެވެ.

އިންޑިއާ ހައި ކޮމިޝަނުން ފާހަގަ ކުރާ ގޮތުގައި، ހަފްތާއެއްގެ މައްޗަށް އިންޑިއާގެ ފްލައިޓުތަކުން 58 ޝެޑިއުލް ދަތުރުތައް ރާއްޖެ އަށް ކުރެއެވެ. އެއާ އެކު، އިންޑިއާގެ ބޮޑެތި ސިޓީތައް ކަމަށްވާ ދިއްލީ، މުމްބާއީ، ބެންގަލޫރު، ކޮޗިން އަދި ޓްރިވެންޑްރަމާ މާލެއާ ވަނީ ގުޅިފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އަހަރުގެ މިހާތަނަށް އެންމެ ގިނަ މީހުން ދަތުރުކޮށްފައި ވަނީ އެމިރޭޓްސް އިންނެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން އެމިރޭޓްސް ފްލައިޓުތަކުގައި 135,416 މީހަކު ރާއްޖެ އަށް ދަތުރުކޮށްފައިވެއެވެ. އެއީ 1،596 މޫވްމަންޓެވެ.

ދެވަނަ އަށް އެންމެ ގިނަ ބަޔަކު ރާއްޖެ ދަތުރުކުރީ ގަތަރު އެއާވޭސް އިންނެވެ. އެ އެއާލައިނުން 115,904 މީހުން އައިސްފައި ވެއެވެ. ތިން ވަނައިގައި އުޅެނީ އެއިރޯފްލޮޓެވެ. އެ އެއާލައިނުން 90,637 މީހަކު ރާއްޖެ އަށް ދަތުރުކުރިއެވެ. ހަތަރު ވަނައިގައި އުޅެނީ އިންޑިގޯއެވެ. އިންޑިގޯ އިން 71,957 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެއީ 1,164 މޫވްމަންޓެވެ. ފަސް ވަނައިގައި އުޅެނީ ފްލައި ދުބާއީއެވެ.

މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރަޝިއާ އަށް ވުރެ އިންޑިއާ އޮތީ ކުރީގައެވެ. މިދިޔަ އަހަރު އިންޑިއާގެ 62،960 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، ރަޝިއާ އިން ރާއްޖެ އަށް އައިސްފައި ވަނީ 61،387 ފަތުރުވެރިންނެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ަސަން

    އިންޑަޔާ އަން އައީ ކަރަންޓީނު ޕެކޭޖު ހެހެހެ؛

  2. ހަސަން

    ޔޫރަޕު މާކެޓު ރަގަޅުވެއްޖެނަމަ ރަގަޅުވާނެ. އިންޑިއާ އިން އައީ ކަރަންޓީން ވާން އައިބަޔެއްތޯ. ޚޮންމެ ސިފަޔެއްގައިވެސް ޓޫރިޒަމު ރަގަޅުވެއްޖެއްޔާ ރަގަޅު.

    3
    1
  3. މާމީ

    އިންޑިއާ އިން އައި ގިނަމީހުނަކީ ކަރަންޓީނު ވާން އައި މީހުން.....

  4. ޖުންދުﷲ

    އިންޑިއާއިން އަންނަނީ ފަތުވެރިން ނެއް ނޫން...އެހެން ގައުމުތަކަށް ވަޒީފާ އަށް ދާން ޓްރާސިޓް ވެލަނީ...ތީ ގެން ގައު މަށް ވާ ފައިދާ އެއް ނެތް...ޑޮލަރުގެ ބަދަލުގައި ަ އަންނަނީ ކޮވިޑް ގެ އިންޑިއާ ވޭރިއަންޓް ހިފައިގެން....ދެން ވެސް އަތް ޖަހާ...

  5. ބޯގޯސް

    އިންޑިޔާ އިން އަ އީ ފަތުރުވެރިންތަ ނޫނީ ކަރަންޓީ ނަ އް ގެނާ މީހުންތަ ލޮލް

  6. ހާދަހާ

    އިންޑިޔާގެ މީހުން ރާއްޖެ އައީ ކަރަންޓީނު ވާން.

  7. ީޖޖހ

    ތިއޮތީ މޮޅުކަމެއް ކުރެވިފަ