ރިޔާސީ ދައުރު ކަނޑައަޅާނެ ތާރީޚާއި މެދު ޚިޔާލުތަފާތުވުން އުފެދިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ވިދާޅުވީ ރިޔާސީ ދައުރު ގުނަން ފަށާނީ ނޮވެމްބަރ 11 އިން ފެށިގެންތޯ ނުވަތަ ރައީސުލްޖުމްހޫރިއްޔާ ރައީސް ކަމުގެ ހުވައި ކުރެއްވި ދުވަހުން ފެށިގެންތޯ ކޮމިޝަންގެ މެންބަރުންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދިފައިވާ ކަމަށެވެ.

އެހެންކަމުން އެކަމުގައި އަމަލު ކުރާނެ ގޮތުގެ ޤާނޫނީ ލަފައަކަށް އެދިފައިވާ ކަމަށް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ކޮމިޝަންގެ ބައެއް މެންބަރުން ދެކިވަޑައިގަންނަވަނީ ރިޔާސީ ދައުރު ނިމޭނީ، 17 ނޮވެމްބަރުގައި ކަމަށެވެ. އަދި އަނެއް ބައި މެންބަރުން ދެކެވަޑައިގަތީ ރިޔާސީ ދައުރު ނިމޭނީ ގާނޫނީ އަސާސީގައި ބުނެފައިވާ ގޮތަށް 11 ނޮވެމްބަރުގައި ކަމަށެވެ. ނޮވެމްބަރު 11 އަކީ އާންމު ގޮތެއްގައި ރާއްޖޭގެ ރިޔާސީ ދައުރު ފަށާ ދުވަހެވެ. ނަމަވެސް 2013 ވަނަ އަަހަރު އިންތިޚާބު ތެރޭގައި ދިމާވި ކަންތައްތަކަށް ފަހު އިންތިޚާބު ބާއްވާ ރައީސް އަށް ހުވައި ކުރެވޭ ވަރުވީ ނޮވެމްބަރު 17 ގައެވެ.

ޝަރީފް ވިދާޅުވީ ރިޔާސީ ދައުރު ގުނާނެ ތާރީޚް ކަނޑައެޅުމަކީ އިލެކްޝަންސް ކޮމިޝަނަށް ނިންމޭނެ ކަމަކަށް ނުވާތީ އެޓާނީ ޖެނެރަލްގެ ލަފަޔަކަށް އެދިފައިވާނެ ކަމަށެވެ.

"އޭޖީގެ ލަފާ ލިބުނީމާ ކޮމިޝަނުން އެކަމުގައި ނިންމާނެ ގޮތެއް އަޅުގަނޑުމެން ކަނޑައަޅާނަން،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ރިޔާސީ ދައުރު ކަނޑައަޅާ ތާރީޚާއި މެދު ޚިޔާލުތަފާތުވުން އުފެދިފައިވީނަމަވެސް ސެޕްޓެމްބަރު 23 އަށް ވުރެ އިންތިހާބު ލަހެއް ނުވާނެއެވެ. އެހެން ނަމަވެސް، އިންތިހާބުގެ ބައެއް ކަންކަމުގެ ތާރީހުތަކަށް ބަދަލު އައުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސްޓިކާ

    މަގޭ ސައިކަލްގެ އަހަރީ ފީ ދައްކަނީ އެޕްރީލް މަހު ، އެކަމަކު އަހަރެން ފީދެއްކީ ޖޫން މަހުގައި ، ނަމަވެސް މީރާ އިން ސްޓިކަރ ގައި ޖަހާފައި އިންނަނީ ހަމަ އެޕްރީލް މަސް ، ކަމެއްދިމާ ވެގެން ލަސްވުމަކީ އަސްލު ތާރީޚަށް ބަދަލު އަންނަންޖެހޭ ކަމެއްތަ

  2. ސަރުމާ

    ތިކަމުގައިވެސް ވަލުދޮރާށިން ވަދެ އިތުރު ހަދުވަހު ހުރެވޭތޯ ބަލާތި.

  3. އުތުރު

    ޤާނޫނުއަސާސީގަ އޮވޭނޫންތޯ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ދައުރަކީ 5 އަހަރުކަމަށް. ނޮވެމްބަރު 11 އަށް ވަނީ 4 އަހަރާއި 11 މަހާއި 24 ދުވަހެވެ. އެހެންވީމާ 5 އަހަރު ހަމަނުވާއިރު ނޮވެމްބަރު 11 އަށް ރައީސަކު އިންތިޚާބުކުރީމާ މައްސަލައަކަށް ވާނެ. 5 އަހަރުގެ ފުރިހަމަ ދައުރެއް ރައީސަށް ލިބިވަޑައިގަންނަވަންވަނެކަމަށް ޤަބޫލުކުރަން.

  4. ރައްޔިތުން

    ތީ ދެން ވަރަށް ސާފުކަމެއް ތިކަން އޮންނަންވާނީ ލަސްވާ ސަބަބުތައް ދޫކޮށް، ރައީސްކަމުގެ ހުވައި ކުރާ ދުވަހުން ފެށިގެން ކަމުގައި ނިއްމާނީ

  5. އަބްދުއްލާ

    ރިޔާސީ ދަވްރަކީ 5 އަހަރު ކަމުގާވިޔަސް އަހަރު ފެށޭތާރީހަކީ 11 ނޮވެމްބަރ ދިމާވި ހާލަތާގުޅިގެން 17 ނޮވެމްބަރުގާ އަހަރުފެށުނުކަމުގާވިޔަސް 11 ނޮވެމްބަރުގަ މިހިގާދަވްރުގެ 5 އަހަރު ނިމޭނެ. 11 ނޮވެމްބަރުގަ އަލަށް ހޮވޭ ބޭފުޅަކު ހުވާކުރައްވަންޖެހޭނެ. އެއްވެސް ގާނޫނެއްގާވެސް ގާނޫނުއަސާސީގަ ވެސް ނެތް ހުވާކުރާތާރީހުންފެށިގެން 5 އަހަރު ކަމަކަށް. ވީމާ ޑެޑްލައިނަކީ ނޮވެމްބަރު 11

  6. ވަހީދު

    މީ ބޯގަޅި މީހުންތިބޭ އިލެކްޝަނެއްދޯ ހީހީ ހަލާކު

  7. ވެރިޔާ

    ވެރިކަމަށް އައީވެސް ލަހުން. ފައިބާނީވެސް ލަހުން.. ދެން ލަލަލާ

  8. އެޑަމް

    ދައުރު ހަމަ ނުވާގޮތަށް ޤާނޫނު ބަދަލުކޮށްލީމަ ސިމްޕަލް