މިއަހަރުގެ އޮކްޓޯބަރު މަހު މާލޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަކީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ގެ އެންމެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވުން ގާތްކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ބައްސާމް މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމްގެ "އެކްސްކްލޫސިވް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އުމުރުން 35 އަހަރުގެ ދަގަނޑޭ އަކީ ސާފް ޗެމްޕިއަންޝިޕުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާއެވެ.

މި ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ބައްސާމް ވިދާޅުވީ ޓީމަށް ކުޅުންތެރިން އެރުވުމުގެ ބާރު ނެތް ކަމަށާއި ނަމަވެސް މިފަހަރުގެ ސާފް ބިޑު ދިވެހިރާއްޖެއިން ކާމިޔާބުކުރިތާ 15 ވަރަކަށް މިނެޓުފަހުން ރާއްޖޭގެ އެއްވަނަ ދަގަނޑޭއާއި ދިމާވި ކަމަށާއި އެ ދެކެވުނު ވާހަކަތަކުގެ ތެރޭގައި މިފަހަރުގެ ސާފް އަށް މިހާރުން ފެށިގެން ރަނގަޅަށް ފިޓުވާން ޖެހޭނެކަމަށް އޭނާ ގާތު ބުނެފައިވާ ކަމަށެވެ.

"އަޅުގަނޑު ކައިރީގައި ވިދާޅުވި އީގަލްސްއަށް ގުޅުނު ދުވަހުން ފެށިގެން ވަރަށް ވަރުގަދަ އަށް ތައްޔާރުވާން ފައްޓާނަމޭ. ފަހަރުގައި މި ވެދާނެއޭ އަހަރެން ކުޅޭ ފަހު ސާފް މުބާރާތަށް ވެސް. އެއީ ކާމިޔާބު މުބާރާތަކަށް ހަދަން ވެސް ވަރަށް ބޮޑަށް ބޭނުންވާ ސަބަބެކޭ،" ޕްރޮގްރާމްގައި ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ މި ތާރީހީ ސާފް ޗެމްޕިއަންޝިޕާއި ކުރިމަތިލާއިރު ދަނޑަށް ސަޕޯޓަރުން ވެއްދުމާއި މެދު އަދި ވަކިގޮތެއް ނުނިންމާ ކަމަށާއި ނަމަވެސް ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކު ވެކްސިން ފުރިހަމަކޮށްފި ނަމަ ރަނގަޅު ފުރުސަތުތަކެއް ސަޕޯޓަރުންނަށް ލިބިގެންދާނެ ކަމަށެވެ.

ދަގަނޑޭ އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕެއް ކުޅެފައިވަނީ 2015 ވަނަ އަހަރު އިންޑިއާގެ ޓްރިވެންޑްރަމް ގައި ބޭއްވި މުބާރާތުގައެވެ. އެންމެ ފަހުން 2018 ގައި ބޭއްވި މުބާރާތުގެ ސްކޮޑުން ދަގަނޑޭއަށް ޖާގަ ނުދިނެވެ. އެފަހަރު ޖާގަ ނުދިނީ ނޫސްވެރިންގެ ބައްދަލުވުމަށް ދަގަނޑޭ ހާޒިރުނުވުމުން ކަމަށް އޭރުގެ ކޯޗު ޕީޓާ ސެގަޓް ބުނެއެވެ. އެފަހަރު ރާއްޖެއިން ވަނީ މުބާރާތް ކާމިޔާބުކޮށްފައެވެ.

ދިގު މުއްދަތަކަށްފަހު ދަގަނޑޭ އަލުން ގައުމީ ޓީމާއި ގުޅުނީ 2019 ގެ އޮކްޓޯބަރުން ފެށިގެންނެވެ. އެނބުރި އައިސް ވޯލްޑްކަޕް ކޮލިފައިންފައި ގުއާމް އަދި ސީރިއާ މެޗުގައި އޭނާ ލަނޑުޖަހާފައިވެއެވެ.