ވޭތުވެ ދިޔަ ތިން އަހަރަށް ބަލާއިރު، ކަރެކްޝަންސް މުވައްޒަފުން ތާޒާ ކުރުމަށާއި އެކި އެކި ގޮތްގޮތުން ހުނަރާއި މައުލޫމާތު ހިއްސާކޮށް ބިނާކުރުމުގެ ގޮތުން 20 ތަމްރީން ޕްރޮގްރާމެއް ހިންގައި، 788 އޮފިސަރުންނަށާއި މުވައްޒަފުންނަށް އެކިއެކި ހުނަރާއި ތަމްރީނު ދަސްވެފައިވާކަމަށް ކޮމިޝަނާ އޮފް ޕޮރިޒަންސް (ސީޕީ) އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ކޮމިޝަނާ އޮފް ޕޮރިޒަންސް އެހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން “ޕްރައިމަރީ ރެސްޕޮންސް ޓީމް ޓްރޭނިން” (ޕީއާރްޓީޓީ) ގެ ހަ ވަނަ ބެޗްގެ ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

45 ފަސް ދުވަހަށް ކުރިއަށް ގެންދިޔަމި ޓްރޭނިންގެ ހަވަނަ ބެޗްގައި އެމްސީއެސްގެ އެކި ޖަލުތަކުންނާއި ހެޑް އޮފީހުން 46 އޮފިސަރުން ބައިވެރިވި ނަމަވެސް، މި ޓްރޭނިންގ ފުރިހަމަކޮށްފައިވަނީ 42 އޮފިސަރުންނެވެ.

ޕީއާރްޓީޓީ ފުރިހަމަކުރި އޮފިސަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޑީސީޕީ އިބްރާހިމް މުހައްމަދު ދީދީ، އޭސީޕީ މުހައްމަދު އާސިފް އަދި އެސްޕީ މުހައްމަދު ޝާހީން އަލީއެވެ. މި ޓްރޭނިންގެ ފެސިލިޓޭޓަރުންނަށް ސީޕީ ސެޓްފިކެޓް ހަވާލުކޮށްދެއްވިއިރު، މި ޓްރޭނިންގެ ބެސްޓް ކޮލަމް، ބެސްޓް އޯލް ރައުންޑް އޮފިސަރާއި އަދި ފިޓެސްޓް އޮފިސަރަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރް އިމްރާން އަބްދުﷲއެވެ. އެގޮތުން ބެސްޓް އޯލް ރައުންޑަށް ޕްރައިވެޓް ހަމްދޫން އަޙްމަދު ހޮވިފައިވާއިރު، ފިޓެސްޓް އޮފިސާ ލިބިފައިވަނީ ޕްރައިވެޓް މުޙައްމަދު އަލީ ރަޝީދަށެވެ.

މި ރަސްމިއްޔާތުގައި އަހުމަދު މުހައްމަދުފުޅު ވަނީ އެމްސީއެސް ހަރުދަނާކުރުމަށާއި މުވައްޒަފުން ބިނާ ކުރުމަށް އަބަދުވެސް އިސްކަންދެއްވާ ކަމަށާއި ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ތަރުތީބުކުރެވިފައިވާ ހުރިހާ ކަމެއް ކުރިއަށް ނުގެންދެވުނު ނަމަވެސް، މުވައްޒަފުން ބިނާ ކުރުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ.

އަދި މުއައްސަސާގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ތަފާތު ދާއިރާތަކުން އިލްމީ، ގާބިލު މުވައްޒަފުން ހޯދުމަށްޓަކައި އެޑިއުކޭޝަނަލް ޕޮލިސީއެއް ޑްރާފްޓްކުރެވި، ދާދި އަވަހަށް އެންޑޯސް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މި ޕޮލިސީގެ ސަބަބުން މުއައްސަސާއަށް ބޭނުންވާ ދާއިރާތަކުން މަތީ ތަޢުލީމް ހާސިލްކުރަން އެދޭ ފަރާތްތަކަށް ވަޒީފާއަދާކުރަމުން ލުއި ފަސޭހަކަމާއެކު ކިޔެވޭނެ ފުރުސތު ލިބިގެންދާނެކަމަށް ކޮމިޝަނާ ވިދާޅުވިއެވެ.

އަދި ޕްރައިމެރީ ރެސްޕޮންސް ޓީމެއް އޮތުމުގެ މުހިއްމުކަމަށް އަލިއަޅުއްވާލައްވައި، އެކި އެކި ސަބަބުތަކާހުރެ އީއެސްޖީގެ އޮފިސަރުންގެ ނިސްބަތް މަދުވެފައިވާކަމާއި އޭގެ ސަބަބުން ޖަލުތަކުގައި ދިމާވާ ގޮންޖެހުންތަކަށް، ޕީއާރްޓީޓީ ފުރިހަމަކުރި މި ބެޗްގެ ސަބަބުން ހައްލު ލިބޭނެކަމަށް އުންމީދު ކުރައްވާ ކަމަށް އަހުމަދު މުހައްމަދުފުޅު ވިދާޅުވިއެވެ.