ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި 477 ވޯޓް ފޮށި ބެހެއްޓުމަށް ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި 477 ވޯޓް ފޮށި ބަހައްޓަން ނިންމައިފައިވާ ކަމަށާއި އެގޮތުން ބޭރު ގައުމުތަކައި 12 ފޮއްޓެއް ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

"މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ޖުމްލަ 54 ވޯޓް ފޮއްޓާއި، މާލޭގައި ދިރިއުޅޭ އަތޮޅު ތެރޭގެ ރައްޔިތުންނަށް ބަހައްޓާ 74 ފޮއްޓާއި، އަތޮޅު ތެރޭގެ ރަށްތަކުގައި ބަހައްޓާ 302 ފޮއްޓާއި، ރިސޯޓްތަކުގައި 24 ފޮއްޓާއި، ބޭރު ގައުމުތަކުގައި 12 ފޮއްޓާއި، ސިނާއީ ރަށްތަކުގައި ހަތް ފޮއްޓާއި އަދި ޖަލުތަކުގައި ހަތަރު ފޮށި ބަހައްޓާނެ" ޝަރީފު ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ވޯޓް ފޮށީގެ އަދަދު މުޅިން ޔަގީންކުރެވޭނީ ރީރަޖިސްޓްރީގެ މަސައްކަތްތައް ނިންމާލުމުން ކަމަށާއި ކޮންމެ ވޯޓް ފޮއްޓެއް ކައިރީގައި ބުކްލެޓެއް އޮންނާނެ ކަމަށެވެ. އަދި ކެންޑިޑޭޓުންގެ މަންދޫބުންނާއި ސިޔާސީ ޕާޓީތަކަށް ބުކްލެޓް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ބުކްލެޓްގައި ހުންނާނީ ކޮންމެ ވޯޓް ފޮއްޓަކަށް ވޯޓްލާ މީހުންނާއި، އެމީހުން ނިސްބަތްވާ ސަރަހައްދާއި ޗާޓް އިނގޭ ގޮތަށް " އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ވޯޓް ފޮށި ކައިރީގައި މިއަހަރު އިލެކްޝަންސް އޮފިޝަލުންގެ ގޮތުގައި ގާތްގަނޑަކަށް 10 އޮފިޝަލުން ތިބޭނެ ކަމަށެވެ. އެއީ ވީހާވެސް އަވަހަށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކުރައްވާ ކަމެއް ކަމަށެވެ. ވޯޓް ފޮށި ކައިރީގައި ތިބޭ އޮފިޝަލުންގެ ޖުމްލަ އަދަދު މިއަހަރު 4000 އޮފިޝަލުންނަށް އަރާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ވޯޓް ފޮށި ކައިރީގައި ތިބޭ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ހޯދުމަށް މާދަމާ އިއުލާންކުރާނެ ކަމަށެވެ.

" ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ އެއްވެސް ބޭފުޅަކަށް އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރި ނުވާނެ. ރާއްޖެއިން ބޭރުގައި ވޯޓް ފޮށި ބަހައްޓާ ތަންތަން ސާވޭ ކުރަން ފެށުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ޓީމެއް މިއަދު ލަންކާ އަށް ފުރާނެ "ޝަރީފު ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ވޯޓާސް ލިސްޓަށް ހުށަހެޅި ޝަކުވާތައް އިސްލާހުކުރުމަށްފަހު އަންނަ މަހުގެ އެއްވަނަ ދުވަހު އާ ވޯޓާސް ލިސްޓެއް ގެޒެޓް ކުރާނެ ކަމަށެވެ.

" ރީރަޖިސްޓްރީ ކުރަން ހުޅުވާލާނީ ޖުލައި 17 ވަނަ ދުވަހު. ރީރަޖިސްޓްރީ ކުރަން 24 ދުވަސް ދޭނެ. ރީރަޖިސްޓްރީ ކުރާއިރު މާލޭގެ ދަފްތަރުގައި ހިމަނާފައިވާ ބޭފުޅުންނަށް އެބޭފުޅުން ދިރިއުޅޭ ހިސާބަކުން ވޯޓް ލެވޭ ގޮތަށް ރަޖިސްޓްރީ ކޮށްދޭނެ " ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު