އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ އައްޔަން ކުރަން ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަޅުއްވައިފިއެވެ.
ރައީސް ޔާމީން މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އުއްތަމަ ފަނޑިޔާރު ކަމަށް ޑީޑީ އައްޔަން ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ލަފާ ދެއްވާފައިވާތީ އެކަމާ މެދު މަޖިލީހުގެ މެމްބަރުން ގޮތެއް ނިންމަވައި ދެއްވުމަށެވެ.
މީގެއިތުރުން މި ސިޓީފުޅުގައި ވަނީ ސުޕްރީމް ކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަޤާމަށް، ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ޣަނީ މުޙައްމަދު އައްޔަންކުރުމާ މެދު ގޮތެއް ނިންމަވައި ދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.
އުއްތަަ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަންކުރަން ޖެހުނީ ކުރިން އެ މަޤާމުގައި ހުންނެވި އަބްދުﷲ ސަޢީދުގެ މައްޗަށް، ދަށު ކޯޓުތަކުން ކުރި ޙުކުމަށް ސުޕްރީމް ކޯޓުން ތާޢީދު ކުރުމުން، އުއްތަމަ ފަނޑިޔާރުގެ މަޤާމު ހުސްވެފައިވާތީއެވެ.
އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ޖޭއެސްސީން ލަފާދީފައިވާއިރު، އެމަނިކުފާނަކީ ރާއްޖޭގައި މިވަގުތު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ޕީއެޗްޑީ ހާސިލް ކުރައްވައިގެން ހުންނެވި ހަމައެކަނި ބޭފުޅާކަން ފާހަގަކޮށްލެވެއެވެ.
ފަނޑިޔާރު ޑރ. އަބްދުﷲ ދީދީއަކީ 2010 ވަނަ އަހަރު ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލިއިރު، އެ ކޯޓުގެ ބެންޗަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނަކީ ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލިފަހުން އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަން ކުރެވޭ ތިންވަނަ ބޭފުޅާއެވެ.