ފެމެލީ ކޯޓުގެ ފަރާތުން ކައިވެނީގެ މަޖިލިސްތަކަށް ހާޒިރުވެގެން ކައިވެނިތައް ކޮށްދޭން ފެށުމަށް ނިންމައިފިއެވެ.

ފެމެލީ ކޯޓުން ބުނީ ކޯޓުން ބޭރުގައި ކައިވެނިތައް ކޮށްދިނުމަށް ހަމަޖެހިފައިނީ މި މަހުގެ 22 އިން ފެށިގެން ހުރިހާ ދުވަހަކުއެވެ.

ކޯޓުން ބޭރުގައި ކައިވެނިތައް ކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ ނުރަސްމީ ގަޑިތަކުގައި 16:00 އިން 21:00 އަށެވެ.

ކާވެނިކުރެވޭ ދެމީހުން، ނުވަތަ ދެމީހުންކުރެ މީހަކު ދިވެހިރާއްޖޭގައި ހުރެ، ރާއްޖެއިން ބޭރުގެ ޖަމާޢަތްތަކާ ގުޅިގެން އެޖަމާޢަތުގެ މައުޛޫނުން ލައްވައި ކުރާ ކައިވެނިތައް، މި މަހުގެ 22 އިން ފެށިގެން ފެމިލީ ކޯޓުގައި ރަޖިސްޓްރީކޮށްދެމުން ނުގެންދާނެ ކަމަށް ފެމެލީ ކޯޓުން މައުލޫމާތުދެއެވެ.

ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭން އަލުން މިފަށަނީ ކޮވިޑް-19 އާއި ގުޅިގެން ކޯޓުން ބޭރުގައި ކައިވެނި ކޮށްދިނުން މެދުކަނޑާލާފައި އޮތުމަށް ފަހު އެވެ.

ކޮވިޑް-19 ފެތުރެން ފެށުމުން އެޅި ގިނަ ފިޔަވަޅުތަކަށް މިހާރު ވަނީ ލުއިތައް ދީފައެވެ. މިހާރު ކައިވެނި ޕާޓީތަކާއި ހަފްލާތައް ބޭއްވުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ. ކުރިން ލުއިތައް ދިންއިރު ހަފްލާތަކުގައި ބައިވެރިވެވޭނެ މީހުންގެ އަދަދު ކަނޑައަޅާފައި އޮތް ނަމަވެސް މިހާރު ހަފްލާތަކުގައި ބައިވެރިވާން ޖެހޭ މީހުންގެ އަދަދެއް ވެސް ކަނޑައަޅާފައެއް ނުވެއެވެ.

ނަމަވެސް މިމަހު ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ހުރީ އަދިވެސް މިދިޔަ ޖުލައި މަހާއި ދާދި އެއްވަރެއްގައެވެ. އޮގަސްޓް މަހުގެ ދެެދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހަކު ވަނީ 100 އަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައެވެ.