2013 ޖުލައި 15 ވަނަ ދުވަހުގެ ރޭ، ލ.ގަމު ތުނޑި، ވޫޑް ލޭންޑް އަޙްމަދު ނިޒާރު ސައިކަލެއްގައި އެރަށު ސިނާއީ މަގުން ދަނިކޮށް، މުކުރިމަގު ދިރާގު އެންޓަނާ ކައިރީތިބި ބަޔަކު އެއްލި އެއްޗަކުން ނިޒާރުގެ ބޮލުގައި ޖެހި ސައިކަލާ އެކު މަގުމައްޗަށް ވެއްޓި، ލިބުނު އަނިޔާތަކުގެ ސަބަބުން ނިޒާރު ނިޔާވެފައިވާ މައްސަލައިގައި ނިރުބަވެރިކަމުގެ (ޓެރަރިޒަމްގެ) ދައުވާ ލިބޭ ތިން މީހުންނަށް ވަރަށް އަވަހަށް ހުކުމް ކުރައްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެއެވެ.

މި މާރާމާރީ އާއި ގުޅިގެން ނިރުބަވެރިކަމުގެ (ޓެރަރިޒަމްގެ) ދައުވާ ލިބޭ ލ.ގަން-މުކުރިމަގު، ދުނިފަރު، އަޙްމަދު ޝުޖާއުއާއި، ލައިޓްރޫމް، އަޙްމަދު ޞަބާޙްގެ އިތުރުން ލ.ގަމު އަސްރަފީގެ، ޙުސައިން ޞާބިރުގެ މައްސަލައިގައި މިއަދު މެންދުރުފަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑު އެހުމުގައި ދައުލަތުން އަދި ދައުވާ ލިބޭ ތިން މީހުންގެ ފަރާތުން ހުލާސާ ބަޔާން ވަނީ އިއްވާފައެވެ.

ހުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައިގައި ހާދިސާ ހިނގި މަންޒަރު އެކި ގޮތްގޮތަށް ފެނުނު މީހުންގެ ތެރެއިން ދައުލަތުން ސިއްރު ހެކީގެ ގޮތުގައި ހުށަހެޅި ހަތަރު ހެކިވެރިންގެ ތެރެއިން ތިން ހެކިވެރިޔަކު ހެކިބަސް ދީފައިވާ ކަމަށެވެ.

ސިއްރުން ހެކިބަސް ދިން އެކަކު ބުނެފައިވަނީ ނިޒާރު އަށް ހަމަލާދިން މަންޒަރު ފެނުނު ކަމަށާއި، ފުރަތަމަ ހަމަލާ ދިނީ އެކަކު ކަމަށް އަދި ފަހުން ގުރޫޕަކުން ނިޒާރަށް ހަމަލާ ދިނުމަށް އެއްޗެހި އުކި ކަމަށާއި، އެމީހުން އެއްލި އެއްޗަކުން ޖެހި ސައިކަލުން ވެއްޓެންދެން ނިޒާރު ސައިކަލް ނުހުއްޓާ ދުއްވި ކަމަށެވެ. އަދި ނިޒާރު ވެއްޓުނު ގޮތަށް ހަބަރެއް ނުވާ ކަމަށާއި، ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ހެކިވެރިޔާ ބުނެފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ސިއްރުން ހެކިބަސް ދިން ދެވަނަ މީހަކީވެސް މަންޒަރު ފެނުނު މީހެއް ކަމަށާއި، އޭނާވެސް ހެކިބަސް ދެމުން ބުނެފައިވަނީ ފުރަތަމަ ހަމަލާދިނީ އެކަކު ކަމަށާއި އެ ހަމަލާއިން ނިޒާރު ސަލާމަތް ވުމުން ގުރޫޕުން ހަމަލާދޭން ފެށި ކަމަށެވެ.

މާރާމާރީ ހިންގާފައިވަނީ އެރޭގެ ދަންވަރު ދެއެއް ޖަހާކަންހާއިރު ކަމަށާއި، އެ ގްރޫޕުން ހެކިވެރިޔާ އާވެސް މާރާމާރީ ހިންގަން މަސައްކަތް ކުރި ކަމަށް ހެކިވެރިޔާ ބުނެފައިވާކަމަށް ދައުލަގެ ވަކީލު ވިދާޅުވިއެވެ. ހަމައެއާއެކު އެޑީ އާއި ޞަބާހް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ސިއްރުން ހެކިބަސް ދިން ތިންވަނަ ހެކިވެރިޔާ ބުނެފައިވާ ކަމަށްވެސް ދައުލަތުން ހުލާސާ ބަޔާނުގައި ބުނެފައިވެއެވެ.

ދައުލަތުން ހެކީގެ ގޮތުގައި ދެން ހުށަހަޅާފައިވަނީ، މި މައްސަލައިގައި ދައުވާ ލިބޭ ލ.ގަން-މުކުރިމަގު، ދުނިފަރު، އަޙްމަދު ޝުޖާއު ފުލުހުންގެ ތަހްޤީޤަށް ދީފައިވާ ބަޔާނާއި، މި ހާދިސާގެ ސީންއަށް ދިޔަ ހަތަރު ފުލުހުންނާއި، ސީން އޮފް ކްރައިމް ރިޕޯޓާއި، މެޑިކޯ ލީގަލް ރިޕޯޓުގެ އިތުރުން ޑީއެންއޭ ރިޕޯޓެކެވެ.

މި މައްސަލައިގައި ދައުވާ ލިބޭ ލ.ގަން-މުކުރިމަގު، ދުނިފަރު، އަޙްމަދު ޝުޖާއު ފުލުހުންގެ ތަހްޤީޤަށް ދީފައިވާ ބަޔާނުގައި ބުނެފައިވާ ކަންކަން އެގޮތަށް ހިނގާފައިވާ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ. އަދި ހާދިސާ ހިނގިތާ ހަތް މިނެޓްގެ ތެރޭގައި ހާދިސާ ހިނގި ސަރަހައްދަށް ފުލުހުން ދިޔަ ކަމަށާއި، ފުލުހުން އެ ސަރަހައްދަށް ދިޔައިރު ނިޒާރު ވެއްޓިފައި އޮތް ކަމަށާއި، އެ ސަރަހައްދުން ދަގަނޑު ބުރިތަކާއި، ލަކުޑި ބުރިތަކުގެ އިތުރުން ކަނދުބުރިއެއް ފެނިފައިވާކަމަށް ފުލުހުން ބުނާ ކަމަށްވެސް ދައުލަތުން ވިދާޅުވިއެވެ.

މި މައްސަލައިގައި މަންޒަރު ދުށް މީހުން ބުނާ ކަންތައްތަކާއި ސީން އޮފް ކްރައިމް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަން ދިމާވާ ކަމަށް އަދި ހާދިސާ ހިނގިތަނުން ފެނުނު ސިނގިރެޓް ބަޓްބުރިއަކުން ސުޖާއު އާއި ނިޒާރުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ދައުލަތުން ހުލާސާ ބަޔާނުގައު ބުނެފައިވެއެވެ. މީގެ އިތުރުން ހާދިސާ ހިނގި ދުވަހުގެ ކުރީ ރޭ މައްސަލައިގައި ދައުވާ ލިބޭ މީހުން ނިޒާރު ހޯދަން މަސައްކަތް ކުރި ކަމާއި، "ނުފެނިއްޖެނަމަ ވަރަށް ސަކަރާތް ވާނެ ކަމަށް" ބުނެފައިވާ ކަން ހެކިންގެ ހެކިބަހުން އެނގެން އޮންނަ ކަމަށް ދައުލަތުން ވިދާޅުވިއެވެ. '

މައްސަލައިގައި ދައުވާ ލިބޭ ތިން މީހުންގެ ދިފާއީ ވަކީލު މުޙައްމަދު ޝާހް ހުލާސާ ބަޔާން އިއްވަމުން ވިދާޅުވީ، އެކަށީގެންވާ މިންވަރަށް ފޮރެންސިކް ހެކި ލިބިފައި ނުވާ ކަމަށާއި، މަގުމަތިން ފެންނަ ސިނގިރެޓް ބަޓް ބުރިއަކުން ފެންނަ ޑީއެންއޭ އިން ކުށް ސާބިތު ނުވާނެ ކަމަށެވެ. އަދި މަންޒަރު ދުށް ތިން މީހުންގެ ތެރެއިން ދެ މީހަކު ދީފައިވާ ހެކިބަހަށް ފަހުން އިންކާރު ކޮށްފައިވާ ކަމަށާއި އެހެންކަމުން އެކަކުގެ ހެކިބަހަށް ކުށް ސާބިތު ނުކުރެވޭނެ ކަމަށްވެސް ދިފާއީ ވަކީލު ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުންގެ ބަޔާންތަކާ މެދު ސުވާލު އުފެދޭ ކަމަށާއި، މެޑިކޯ ލީގަލް ރިޕޯޓުން ނިޒާރު މަރުވެފައިވަނީ ބަޔަކު ދިން އަނިޔާތަކެއްގެ ސަބަބުން ކަން އެނގެން ނެތް ކަމަށްވެސް ދިފާއީ ވަކީލު މުޙައްމަދު ޝާހް ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުވާ ލިބޭ ތިން މީހުން ރަމަޟާން މަހުގެ ކުރިން ކްރިމިނަލް ކޯޓުން ގޭބަންދަށް ބަދަލު ކޮށްފައިވާއިރު، މިއަދުގެ ޝަރީއަތުގައި ގާޒީ ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ، ދެން އޮންނަ އަޑު އެހުމެއްގައި މައްސަލައިގެ ހުކުމް އިއްވާނެ ކަމަށެވެ. އަދި އެންމެ ގިނަ ވެގެން 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވާނެ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހައްބެ

    ތި ސަލާމަތްވީ ތި މީހުން.

  2. މަޖާ

    ޙެކިވެރިން ލާރިޔައް ބަޔާން ބަދަލުކޮއްލީ

    ޢެންމެންނައްވެސް އިނގޭ ހަގީގަތެއް އެއީ