އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

އުއްތަމަ ފަނޑިޔާރު ކަމަށް ޑީޑީ އައްޔަންކުރުމުގެ އިތުރުން ސުޕްރީމް ކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަޤާމަށް، ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ޣަނީ މުޙައްމަދު އައްޔަން ކުރުމަށް ވެސް ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ.

މިގޮތަށް ފާސްކުރީ ކޮމިޓީގައި ތިއްބަވާ ސަރުކާރަށް ތާއީދުކުރައްވާ މެންބަރުންގެ ވޯޓުންނެވެ.

އުއްތަަމަ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަންކުރަން ޖެހުނީ ކުރިން އެ މަޤާމުގައި ހުންނެވި އަބްދުﷲ ސަޢީދުގެ މައްޗަށް، ދަށު ކޯޓުތަކުން ކުރި ޙުކުމަށް ސުޕްރީމް ކޯޓުން ތާޢީދު ކުރުމުން، އުއްތަމަ ފަނޑިޔާރުގެ މަޤާމު ހުސްވެފައިވާތީއެވެ.

އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ޖޭއެސްސީން ލަފާދީފައިވާއިރު، އެމަނިކުފާނަކީ ރާއްޖޭގައި މިވަގުތު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ޕީއެޗްޑީ ހާސިލް ކުރައްވައިގެން ހުންނެވި ހަމައެކަނި ބޭފުޅާކަން ފާހަގަކޮށްލެވެއެވެ.

ފަނޑިޔާރު ޑރ. އަބްދުﷲ ދީދީއަކީ 2010 ވަނަ އަހަރު ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލިއިރު، އެ ކޯޓުގެ ބެންޗަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނަކީ ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލިފަހުން އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަން ކުރެވޭ ތިންވަނަ ބޭފުޅާއެވެ.