ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ ޝަރީއަތުގައި ދިފާއީ ހެކިންގެ ހެކި ބަސް ނެގުމުގެ މަރުހަލާ އަންނަ މަހު ފަށަން ނިންމައި، އަންނަ އޮކްޓޯބަރު މަހުގައި ޔާމީންގެ ވާރިސުންގެ ބަސް ނަގާ ގޮތަށް ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބައްލަވާ ގާޒީ ނިންމަވައިފިއެވެ.

ޔާމީން މާރާލީ އޭޕްރިލް 23، 2017 ވަނަ ދުވަހުގެ ރޭ ދަންވަރު އޭނާ ދިރިއުޅޭ އިމާރާތުގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާ ދީގެންނެވެ. އޭނާ މަރާލީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ބަޔަކު އިސްވެގެން ކަމަށް ފުލުހުންނާއި ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ވިދާޅުވެފައިވެއެވެ.

މި މައްސަލާގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ހަ މީހެއްގެ މައްޗަށް ދައުލަތުން ވަނީ އުފުލާފައެވެ. އެއީ މ.އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި، މ.ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ.ތާއިފް އިސްމާއީލް ރަޝީދާއި، މ.ކުދެހިގޭ ހަސަން ޝިފާޒާއި، ގދ.ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

މަސްތަކަކަށް ފަހު އަނެއްކާ ވެސް މިއަދު މި މައްސަލައިގެ އަޑުއެހުމެއް ބޭއްވިއިރު މިއަދުގެ އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ މައްސަލަ ދެން ގެންދާނެ ގޮތުގެ ތާވަލު ހާމަ ކުރުމާއި، އިސްމާއީލް ރަޝީދުގެ ބަންދު މުރާޖައާ ކޮށްދިނުމަށް އެދި އޭނާ ހުށަހަޅާފައިވާ މައްސަލައާ މެދު ގޮތެއް ނިންމުމެވެ.

ބަންދު މުރާޖައާ ކުރަން ވަކި އަޑުއެހުމެއް އަދި ޝަރީއަތުގެ ދެން އޮތް ބައި ގެންދަން ވަކި އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައެވެ.

ޝަރީއަތުގެ ތާވަލު: އަދި ތިން މަހަށް ވުރެ ދިގު މުއްދަތެއް ނަގާނެ

މިއަދުގެ އަޑުއެހުމުގައި، މިހާރު މައްސަލަ ބައްލަވާ ގާޒީ އަހުމަދު މުހައްމަދު ދެއްވި ތާވަލުގައިވާ ގޮތުން ދެން މި މައްސަލައިގެ އަޑުއެހުމެއް ބާއްވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު މެންދުރުފަހު 13:00 ގައެވެ. އެ އަޑުއެހުމުގައި އޮންނަނީ މައްސަލައިގައި ދައުވާ ކޮށްފައިވާ މީހުންގެ ފަރާތުން ހުށަހަޅާ ދިފައިވާ ހެކިންނާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށެވެ.

ގާޒީ ދެން ވިދާޅުވި ގޮތުގައި، މިހާރު އޮންނަ އުސޫލުގެ ތެރެއިން މިފަދަ މައްސަލަތަކުގައި ވާރިސުންގެ ބަސް ނެގުން ލާޒިމު ކޮށްފައި އޮންނާތީވެ އެ ކަމަށް އަންނަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ހެނދުނު 9:00 ޖަހާއިރު އަޑުއެހުމެއް އޮންނާނެއެވެ. އެ ދުވަހު ވާރިސުންގެ ބަސް ނަގައި ނުނިމޭނަމަ، އެ މަހުގެ ތެރޭގައި އިތުރު އަޑުއެހުންތައް ބާއްވައިގެން އެ މަހުގެ ނިޔަލަށް އެ މަރުހަލާ ނިންމަން މަސައްކަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ވާރިސުންގެ ބަސް ޝަރީއަތަށް ނެގުމަށް ފަހު، ދެން އަޑުއެހުމެއް އޮންނާނީ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ހެނދުނު 9:00 ޖަހާއިރުއެވެ. ގާޒީ ފާހަގަ ކުރެއްވި ގޮތުގައި، އެ އަޑުއެހުމުގައި އޮންނާނީ ޖުމުލަ ގޮތެއްގައި ޝަރީއަތް ދިޔަ ގޮތުގެ މައްޗަށް މަޝްވަރާކޮށް، އޭގެ ޚުލާސާ އިއްވުމެވެ. އެއީ ޚުލާސާ ބަޔާން އިއްވުމުގެ މަރުހަލާއެވެ. މި މަރުހަލާއަކީ މައްސަލައިގެ ހުކުމް ކުރުމުގެ މަރުހަލާއެވެ. އެހެން ނަމަވެސް މި މައްސަލައިގެ ހުކުމް ކުރުން އޮންނާނެ ނުވަތަ ބޭއްވޭނެ ތާރީޚެއް ގާޒީ ވިދާޅެއްނުވެއެވެ.

ގާނޫނުގައިވާ ގޮތުން ހުލާސާ ބަޔާން އިއްވާތާ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރަން ޖެހޭނެއެވެ. މިހާރު ދީފައިވާ ތާވަލަށް މައްސަލަ ގެންދެވިއްޖެނަމަ ޑިސެމްބަރު 18 ގެ ކުރިން ހުކުމް ކުރަން ޖެހޭނެއެވެ. އެހެން ނަމަވެސް ކޯޓުން ދެވޭ ތާވަލަށް މައްސަލަ ނުދެވިދާ ފަހަރު ވެސް ގިނައެވެ.

އިސްމާއީލް ރަޝީދުގެ ބަންދަށް ލުޔެއް ނުދިން

މިއަދުގެ އަޑުއެހުމުގައި އެންމެ ފުރަތަމަ އޮތީ މައްސަލައިގައި ހިމެނޭ އިސްމާއީލް ރަޝީދުގެ ބަންދު މުރާޖައާ ކުރުމެވެ. އަޑުއެހުމުގައި މި ބައި ކުރިއަށް ދިޔައިރު ޝަރީއަތް ކުރާ މާލަމުގައި ހާޒިރުކޮށްފައި އިނީވެސް ދައުވާ އުފުލިފައިވާ މީހުންގެ ތެރެއިން އިސްމާއީލް ރަޝީދު އެކަންޏެވެ.

އޭނާގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ ކަންކަމަކީ ބޭސްފަރުވާ އެކަށޭނަ ގޮތެއްގައި ނުދޭ ކަމާއި، ކާބޯތަކެތި ނުދޭ ކަމާއި، އޭނާގެ އަންނައުނުތައް ނުދީ ހިފަހައްޓާފައިވާ ކަމެވެ.

ބޭސްފަރުވާއަށް ފުރުސަތު ނުދޭ ކަމަށް ފާހަގަކޮށް އިސްމާއީލް ރަޝީދުގެ ފަރާތުން ކަރެކްޝަންސްއަށް ޖުމުލަ 17 ޝަކުވާ ފޯމު ހުށަހެޅި ކަމާއި، އޭގެ ތެރެއިން ޖަވާބު ލިބިފައި އޮތީ ވެސް އެންމެ ތިން ޝަކުވާ ފޯމަށް ކަން އޭނާގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

އޭނާގެ ލޮލުގެ ފެނުމުގައި މައްސަލަ ހުރި ކަމާއި، ކަންފަތަށް އިވުމުގައި މައްސަލަ ހުރި ކަމުގެ އިތުރުން، އެކަނި ގޮޅީގައި އޮންނަން ޖެހޭތީ ދުޅަވެފައިވާ ބުރަކަށީގައި ބޭސް ނުކޭއްތޭ ކަން ފާހަގަކޮށްފައިވެއެވެ.

އިސްމާއީލް ރަޝީދުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ކަރެކްޝަންސްއިން ޝަރީއަތަށް ދިން މައުލޫމާތުތަކުގައި ބުނެފައިވަނީ، ގައިޑްލައިންއާ ޚިލާފު އެއްވެސް ކަމެއް ކަރެކްޝަންސްއިން ނުކުރާ ކަމާއި، އިސްމާއީލް ރަޝީދުގެ ކަންފަތުގެ ސާޖަރީއެއް ކުރަން ނުޖެހޭ ކަން ޑޮކްޓަރުންގެ ލިޔުމުން އެނގޭ ކަމާއި، އޭނާއަށް ފޯރުކޮށްދެވޭ ކާބޯތަކެއްޗަކީ އައިޖީއެމްއެޗްގެ ޑޮކްޓަރުން ދީފައިވާ ޑައިޓް ޕްލޭންއާ އެއްގޮތަށް ދެމުންދާ ކާބޯތަކެތި ކަމެވެ.

ދެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށް ފަހު މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ބަންދަށް ލުޔެއް ނުދިނުމަށެވެ. އެއީ ބަންދަށް ލުޔެއް ދެވެން އަންނަނީ ފުރާނައަށް ނުރައްކާވާ ވަރުގެ ބައްޔެއް ކުރިމަތިވެ ނުވަތަ ފުރާނައަށް ނުރައްކާވާ ވަރަށް ފަރުވާ ދިނުމުގައި އިހުމާލުވާނަމައެވެ. ޖަލުގައި ތިބޭ ގައިދީންގެ އަދަދު ގިނަވެ، ވަސީލަތް މަދުވުމުން ފަރުވާ އެންމެ ރަނގަޅަށް ނުދެވިދާނެ ކަން ވެސް ގާޒީ ފާހަގަކުރެއްވިއެވެ.

އިސްމާއީލް ރަޝީދުގެ ބަންދަށް ލުޔެއް ނުދިން ނަމަވެސް ގާޒީ ވަނީ އޭނާއަށް ގަވާއިދުން ކާބޯތަކެތި ފޯރުކޮށްދިނުމަށާއި އޭނާގެ އަންނައުނުތައް ވެސް ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އަނބުރާ ރައްދު ކޮށްދިނުމަށް ކަރެކްޝަންސްގެ މައްޗަށް އަމުރު ކުރައްވައިފައެވެ. އަދި އެ ކަންކަން ގާތުން ބެލުމަށާއި ކަރެކްޝަންސްއިން އެ ގޮތަށް އަމަލުނުކޮށްފިނަމަ އެ ކަމުގެ ރިޕޯޓް ޝަރީއަތަށް ގެންނަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް އަންގަވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަޑަބަކުރު

    ކީއްވެ އޮކްޓޯބަރ މަހަށް ތިކަން ލަސްކުރަނީ؟ އަދިވެސް އަވަހީތަ؟

  2. އަލީ

    އަޅެ މީކޮންކަހަލަ އަދުލުގެ ނިޒާމެއްތަ؟..އެތައް އަހަރެއްވާއިރުވެސް ތާވަލާއި ޓައިމްޓޭބަލާއި އެއަކާއި މިއަކާއި ، ތިއައްވު ރެ މާ ރަގަޅު އަންޒަމާން ކަރައިގެ ފަޑިޔާރު ގެތައްވެސް.