ދުނިޔެއިން ނެތިގެން ހިގައިދޭނެކަމަށް ބެލެވޭ ވެލާ ކަނހަބު ބާވަތްތައް ދައްކާލުމާއެކު، ކޮންމެ އަހަރަކު ރާއްޖޭގައި ބާއްވަމުންދާ އެންމެ ބޮޑު ތިމާވެށީގެ ފެސްޓިވަލް ނައިފަރުގައި މިއަރުވެސް ބޭއްވުމުގެ ތައްޔާރީތައް ނައިފަރުގެ އަމިއްލަ ޖަމްޢިއްޔާއެއްކަމުގައިވާ ނައިފަރު ޖުވެނައިލްއިން ކުރިޔަށްގެންދަން ފަށައިފިއެވެ.

މި ފެސްޓިވަލަކީ އުކާލެވޭ ކުނީގެ ބާވަތްތަކުގެ ސަބަބުން ކުރިމަތިވަމުންދާ ނުރައްކާތަކަށް މީހުން ހޭލުންތެރިކުރުވުމަށާއި، އެތަކެތި ބޭނުންކޮށްގެން ކުރެވިދާނެ ކަންކަމާއި މަސައްކަތްތައް ޢާމުންނަށް ދައްކާލުމަށާއި، މަޢުލޫމާތު އެއްކުރުމުގެ ބޭނުންމުގައި 2016 ވަނަ އަހަރުންފެށިގެން ކޮންމެ އަހަރަކުވެސް އެޖަމްޢިއްޔާއިން ނައިފަރުގައި ބާއްވާމުން އަންނަ ފެސްޓިވަލެކެވެ. މިފެސްޓިވަލުގެ ހުރިހާ ކަމެއް ރާވާ ހިންގަނީ ނައިފަރު ޖުވެނައިލްއިންނެވެ.

ތިމާވެއްޓާ ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުމުގެ ގޮތުން ނައިފަރު ޖުވެނައިލުން "ޅަވިޔަނި ޓާޓަލް ފެސްޓިވަލް" ގެ ނަމުގައި މި ފެސްޓިވަލް ބާއްވާ މިއީ ތިންވަނަ ފަހަރެވެ. ތިމާވެއްޓަށް މީހުން ހޭލުންތެރިކުރުވުމަށް ބާއްވާ މި ފެސްޓިވަލުގައި މިއަހަރު ޅ. އަތޮޅުގެ ރިސޯޓުތަކުންނާއި، ސްކޫލްތަކުން އަދި ބ އަތޮޅުގެ ރިސޯޓުތަކާއި ބ. އަތޮޅުގެ ބައެއް ސްކޫލަކުން ބައިވެރިވާނެކަމަށް އެޖަމްޢިއްޔާއިން މަޢުލޫމާތު ދެއެވެ.

އުކާލެވޭ ކުނީގެ ބާވަތްތައް ބޭނުންކޮށްގެން ތަކެތި ތައްޔާރުކުރުމުގެ ތަފާތު މުބާރާތްތައް ފެސްޓިވަލްގައި ބައިވެރިވާ ސްކޫލުތަކުގެ ދަރިވަރުންގެ މެދުގައި ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެޖަމްޢިއްޔާއިން މަޢުލޫމާތު ދެއެވެ. މި މުބާރާތްތަކުގައި ވާދަކުރާ ސުކޫލްތަކުން ވަނަވަނަ އަށް އަންނަ ދަރިވަރުންނާއި ސްކޫލުތަކަށް ސްޕޮންސަރުންގެ ފަރާތުން ފައިސާގެ އިނާމް ހުށައަޅާފައިވާކަމަށް ނައިފަރު ޖުވައިނަލް އިން މަޢުލޫމާތުދެއެވެ.

ޖޫން 30 ވާ ހޮނިހިރު ދުވަހު ބާއްވާއިރު މި އަހަރުގެ ފެސްޓިވަލްގައި ކުރިން ދެއަހަރާއި ތަފާތު އެތަކެއް ބައިތަކެއް ހިމެނިފައިވާނެކަމަށް "ނައިފަރު ޖުވެނައިލް"ގެ ވައިސް ޗެއަރ ޕަރސަން މުހައްމަދު އަހްމަދު ވިދާޅުވިއެވެ.

ދުނިޔޭއިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ވެލާ ކަހަނބުގެ ބާވަތްތަކަށް ކުރިމަތިވަމުންދާ ނުރައްކާތެރިކަން އަމިއްލަޔަށް ދެކި ވަޒަން ކޮށްލުމުގެ ފުރުޞަތު މި ފެސްޓިވަލްގައި ފަހިވެގެން ދާނެކަމަށާއި އެތަކެއްޗަށް އެންމެ ނުރައްކާ ބޮޑުވެފައިވާ ބާވަތްތަކުގެ މަޢުލޫމާތު މިފެސްޓިވަލްގެ ތެރެއިން ލިބިގެންދާނެކަމަށް އެޖަމްޢިއްޔާއިން މަޢުލޫމާތު ދެއެވެ.

އަދި ތިމާވެއްޓާއި ވެށީގެ ނާޒުކުކަން ބުނެދިނުމަށް އެކަމާއި ގުޅޭ ސްޓޯލްތައްވެސް މި ފެސްޓިވަލްގައި ހުންނާނެކަމަށް އެ ޖަމްއިއްޔާއިން މާއުލޫމާތު ދެއެވެ. ނައިފަރު ޖުވައިނަލުން އިތުރަށް މަޢުލޫމާތުދޭ ގޮތުން މީހުން ހޭލުންތެރިކުރުމުގެ އިތުރުން ތަފާތު މުނިފޫފިލުވުމުގެ ޙަރަކާތްތަކާއި އެކު ކުރިޔަށްގެންދާ މިފެސްޓިވަލްގައި ޚާއްޞަ މެހްމާނެއްގެ ގޮތުގައި މޯލްޑިވިއަން އައިޑްލް ސީޒަން 3 ގައި ޢާއްމުންގެ ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ މައިޝާއާއި، ސީޒަން 3 ގެ އައިޑަލް ވިނަރ އަޒަލްގެ ހުށަހެޅުންތައްވެސް ފެނިގެންދާނެއެވެ.

ނައިފަރު ޖުވެނައިލްގެ ފަރާތުން ނައިފަރުގައި ހިންގާ ޓާޓުލް ކޮންޒަވޭޝަން ސެންޓަރ ސަރަހައްދުގައި ބާއްވާ މިފެސްޓިވަލްއަށް ބައިވެރިންނާއި ސްޕޮންސަރުންގެ ފަރާތުން ކުރީ އަހަރުތަކުގައި ލިބުނު ތަރުހީބަށްވުރެ ބޮޑުތަރުހީބެއް މިފަހަރު ލިބިގެން ގޮސްފައިވާ ކަމަށް "ނައިފަރު ޖުވެނައިލް"ގެ ވައިސް ޗެއަރ ޕަރސަން މުހައްމަދު އަހްމަދު ވިދާޅުވިއެވެ.

މިއަހަރުގެ ފެސްޓިވަލްގައި ޓައިޓްލް ސްޕޮންސަރ އެއްގެ ގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވަނީ މުއާޞަލާތީ ކުންފުނި ދިރާގު އެވެ. މެއިންސްޕޮންސަރުންނަނީ ބެސްޓް ޑައިވް މޯލްޑިވްސް، ކަނުހުރާ ރިސޯޓު އަދި ޖުވެނައިލް ކޯޕަރޭޓިވް ސޮސައިޓީއެވެ. ކޯސްޕޮންސަރުގެ ގޮތުން ކުރެއްދޫ ރިސޯޓް، ހުރަވަޅި މޯލްޑިވްސް އަދި ދުސިތާނީ މޯލްޑިވްސް ބައިވެރިވެފައި ވެއެވެ. މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސާރވިސް މީޑިއާ (ޕީ.އެސް.އެމް) އެވެ. އައިޓީ ޕާޓްނަރެއްގެ ގޮތުން ބަޑީޒް ނެޓްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފައިކަމަށް ނައިފަރު ޖުވެނައިލް އިން މަޢުލޫމާތު ދެއްވައެވެ.

ނައިފަރު ޖުވެނައިލް އަކީ އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމް 2017 ވަނަ އަހަރު ލިބިފައިވާ ޖަމްޢިއްޔާއެކެވެ.

ކިޔުންތެރިންގެ ހިޔާލު