ހަނގުރާމަވެރި ތާލިބާނުންގެ ކޮންޓްރޯލްގެ ދަށުގައި އޮތް އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން ރާއްޖެއަށް އެ ކަމުގައި އެއްވެސް ނުރައްކަލެއް އޮތްތޯ ބަލަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅައިފިއެވެ.

241 ކޮމިޓީއަށް މި ކަން ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. އެ ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް އީވާ ފޮނުއްވި ސިޓީގެ ކޮޕީއެއް "ވަގުތު" އަށް ވަނީ ލިބިފައެވެ.

އީވާ ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވަނީ، އަފްޣާނިސްތާނުގެ ގާނޫނީ ސަރުކާރުގެ ބާރު ކެނޑި، ތާލިބާނުންގެ އަތް ދަށަށް އެ ގައުމު ވެއްޓި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް އޮތްތޯ ބަލަން ރިސްކް އެސެސްމަންޓްއެއް ކޮމިޓީން ތައްޔާރު ކުރުމަށެވެ.

މީގެ އިތުރުން އަފްޣާނިސްތާނުގެ ރައްޔިތުންނަށް، ޚާއްސަ ގޮތެއްގައި އަންހެނުންނާއި ކުޑަކުދިންނަށް އިންސާނިއްޔަތުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި، ގައުމެއްގެ ގޮތުގައި ރާއްޖެއަށް ކުރެވިދާނެ ކަންކަން ވެސް 241 ކޮމިޓީން ދެނެގަންނަން އީވާ ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވެއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު، މަޖިލީސް ހިންގެވުމުގައި އަމަލީ ގޮތުން އުޅުއްވަނީ އީވާއެވެ. އެ ހަމަލާއަށް ފަހު، މަޖިލީހުގައި އެންމެ ބޮޑު މަސައްކަތެއް ކުރީ ވެސް 241 ކޮމިޓީންނެވެ. އެއީ ވެސް އެ ހަމަލާގެ އިންކުއަރީއެއް ހިންގައި ބޮޑު ރިޕޯޓެއް އެކުލަވާލުމެވެ.

ނަޝީދަށް ދިން ހަމަލާއަށް ފަހު، ބައެއް ފަރާތްތަކުގެ ކަންބޮޑުވުން އޮތީ ވެސް ޕާކިސްތާނާއި އަފްޣާނިސްތާނުގައި އޮތް ހާލަތު ރާއްޖެއަށް ވެސް ކުރިމަތިވެދާނެ ކަމަށް ބުނެއެވެ. އެގޮތުން ސަލާމަތީ ޚިދުމަތްތަކުން ވެސް އެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އަފްޣާންގެ ހިންގުން ތާލިބާނުން ހަވާލުވެ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ފެށި ހިސާބުން އެތައް މީހުން ވަނީ ގައުމު ދޫކޮށް އެހެން ދިމަ ދިމާއަކަށް ހިޖުރަ ކުރަން ފަށައިފައެވެ. އަދި ގިނަ އަންހެނުންގެ ކުރިމަގާއި މެދު ވަނީ ސުވާލު އުފެދިފައެވެ. އެއީ އަންހެނުން ވަޒީފާތަކުގައި ތިބެން ތާލިބާނުން ތާއީދު ނުކުރާނެ ކަމަށް ވެސް ބެލެވޭތީއެވެ.

އަފްޣާނިސްތާނުގެ ރައީސް އަހްމަދު ޣަނީ ވެސް ވަނީ އެ ގައުމު ދޫކުރައްވައި ވަޑައިގެންފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޠާލިބާނުން މިހާރު ވަނީ އަފްޣާނިސްތާނުގެ ރިޔާސީ ގަނޑުވަރު ވެސް ހިސޯރުކޮށް އެ ގައުމުގެ ސަރުކާރު އެ މީހުންގެ އަތް ދަށަށް ގެނެސްފައެވެ.

2001 ވަނަ އަހަރު އެމެރިކާ އާއި ނޭޓޯ ސިފައިން އަފްޣާނިސްތާނަށް އަރައި ޠާލިބާނުންގެ ވެރިކަން ވައްޓާލި ފަހުން ފާއިތުވި 20 އަހަރު އެމެރިކާ އާއި އަދި ހުޅަނގުގެ ގައުމުތަކުގެ ސިފައިން ކުރި މަސައްކަތަކީ ޠާލިބާނުން ބަލިކުރުމުގެ މަސައްކަތެވެ.

ނަމަވެސް އެމެރިކާގެ ހުރިހާ ސިފައިން މިމަހުގެ ނިޔަލަށް އަފްޣާނިސްތާނުން ފައިބަން ނިންމައި، ގިނަ ސިފައިން އެ ގައުމުން ފޭބުމާ އެކު ޠާލިބާނުން ވަނީ އަފްޣާނިސްތާންގެ ޕްރޮވިންސްތައް ހިފައިފައެވެ. އެންމެ ފަހުން ތާލިބާނުން ހިފީ އަފްޣާނުގެ ވެރިރަށް ކާބުލްއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަބޭ

    ފޮޓޯއުން ފެންނަނީ މަޖުލީހުގަތިބި ރޯނުއެދުރުން ތެރެއިން 3 މީހުން

    8
    1
  2. އެމރެިކާ

    ތަން ކޮޅެއް ބޮޑުވަރު މީ އެކަމް.
    މިމީހުންނަށް ހީވަނީ މިމީހުން މިތިބީ އެމެރިކާގެ ކޮންގްރެސްގަ ހެން ދޯ؟

    ކިބުރުވެރިކަމަކީ ހާދަހާ ވާ ހުތުރު ކަމެކޭ.

    11
    2
  3. ދުރުމި

    އަފްޣާނިސްތާން ހަމަޔަކަށް އަޅުވަން ރާއްޖޭގެ މަޖިލީހުގެ ރައީސް އެތަނަށް ފޮނުވާ.

    11
    1
  4. ބޯކިބާ

    މާދަމާ ދެން އުޅެންވީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން މަރާމާތުކުރާނެ ގޮތަކާދޭތެރޭ ބަހުސްކުރަން. ބޭރުގެ ނޫސްތަކުގަ ފޮޓޯޖަހާދޭތޯ ކޮށްލަން ރަނގަޅުކަމެއް އެވެސް.

    8
    2
  5. ހުސޭނުބޭ

    އަނެއްކާ ތިއުޅެނީ އަފްޣާނާ ދެކޮޅަށް

  6. ައައްޔަބެ

    މީ ހާދަަ މޮޅުބަޔެކޭ ދޯ... އެފްބީ އަ އި އަށް ވުރެ މާ ވަރުގަދަ...ފުރަތަމް ކަލޭމެންގެ އަމި އްލަ ހާލު ދެނެގަނެ ނަފްސުގެ އިހުލާސްތެރިކަން މުރާޖާކޮށް ހަދާބަލަ.