ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތުމުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގައި އިންނަވާ އެ ޕާޓީގެ މެންބަރަކަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ހަމަޖައްސަވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، 241 ކޮމިޓީއަށް މި ދައުރު ފެށުނު ފަހުން އައި ބަދަލުތައް އިއުލާން ކުރައްވައިފައެވެ.

ކޮމިޓީއަށް ތިން ބަދަލެއް އައި އިރު، ފުރަތަމަ ބަދަލަކީ ރިޔާޒުގެ ބަދަލުގައި އަލީ ހުސައިން 241 ކޮމިޓީއަށް ހަމަޖެއްސުމެވެ. ޖޭޕީން ވަކިވެވަޑައިގެން ރިޔާޒު ގެންދަވަނީ ފަސް މެންބަރަކާ ގުޅިވަޑައިގެން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމަށެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވެސް ވަނީ ހަމަޖައްސަވައިފައެވެ.

އާޒިމް އެ ކޮމިޓީން ދުރަށް ޖެހިވަޑައިގަތީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރާ މީހުންގެ ނަންތަކުގެ ލިސްޓުގައި އޭނާގެ ނަން ހިމެނިއިރު، އެ މައްސަލަ އެ ކޮމިޓީން ދިރާސާ ކުރަމުން ދަނިކޮށެވެ.

އިލްޔާސް ލަބީބް ވެސް 241 ކޮމިޓީން ދުރަށް ޖެހިވަޑައިގަތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްޗަށް އެ ކޮމިޓީން އިންކުއަރީއެއް ހިންގަމުން ދަނިކޮށެވެ. އިލްޔާސަކީ ނަޝީދަށް ކުރިން ނުރައްކާ އޮތް ކަން ޑިފެންސްއާ ޚިއްސާ ކުރެއްވި ބޭފުޅެކެވެ.

ރިޔާޒުގެ ބަދަލުގައި އަލީ ހުސައިން 241 ކޮމިޓީއަށް ހަމަޖެއްސިއިރު، މަޖިލީހުގެ ދަފްތަރުގައި ރިޔާޒަކީ އަދި އަމިއްލަ މެންބަރެކެވެ. މަޖިލީހުގެ ދަފްތަރުގައި އެމްއެންޕީ ރަޖިސްޓްރީ ވާނީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށް، މަދުވެގެން މަޖިލީހުގެ ދެ މެންބަރުންގެ ނަމާ އެކު މަޖިލީހުގެ އިދާރާއަށް ހުށަހެޅުމުންނެވެ.

ރިޔާޒުގެ އިތުރުން އެމްއެންޕީއަށް ގުޅިވަޑައިގަންނަވާ މެންބަރުންނަކީ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއާއި، ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމްއާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އެވެ.

މީގެ ތެރެއިން އުޝާމްއާއި މޮސްޓާއާއި ޖޭފޯއަކީ އަމިއްލަ މެންބަރުންނެވެ. ނާޒިމް އަކީ ވެސް ޖޭޕީގެ ޓިކެޓުގައި މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވި މެންބަރެކެވެ. އޭނާ ވެސް އާ ޕާޓީ އުފައްދަވަން ޖޭޕީ ވަނީ ދޫކުރައްވައިފައެވެ.